ގއ. އަތޮޅުގައި ދުއްވާ އަތޮޅުފެރީ، "ކޮއިމަލާ 4" އިން ދަތުރުކޮށްފައިވާ މީހުން އަންގަން ހޯދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދެފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، މިމަހުގެ ނުވަ ވަނަ ދުވަހު އެ ފެރީން ދަތުރުކޮށްފައިވާ މީހެއްވާނަމަ އެކަން ވީ އެންމެ އަވަހަކަށް އެރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކަށް އެންގުމަށް އެދޭ ކަމަށެވެ. އޭގެ އިތުރުން އެ ދުވަހު ދަތުރުކުރި އެންމެން މިމަހުގެ 23 ވަނަ ދުވަހާ ހަމައަށް ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭ އިން އެދެ އެވެ.

އެ ފެރީން ދަތުރުކުރި މީހުން ހޯދަނީ އެޗްޕީއޭ އިން ބުނި ގޮތުގައި ދާންދޫން މިއަދު ޕޮޒިޓިވްވި މީހުންނާ ގުޅިގެންނެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ގއ. އަތޮޅުގައި ދުއްވާ އަތޮޅު ފެރީން ދަތުރުކުރި މީހުން ހޯދަން ފަށާފައިވާއިރު، ހުވަދު އަތޮޅުން ތިން ރަށެއް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ. އެއީ ދާންދޫ އާއި ދެއްވަދޫ އަދި ވިލިނގިއްޔެވެ.