(11 ޖެނުއަރީގެ އަދަދާ ގުޅޭ)
زيـاد އަނެއްކާވެސް سعد އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. سعد ސުވާލުކުރެއްވިއެވެ. "ބޭރުގައި ތިބޭނީ ކިތައް މީހުންތޯ؟"
"ދެ ސަވާރުން." އޭނާ ޖަވާބު ދެއްވިއެވެ.
އެބައިމީހުންގާތު ވިދާޅުވޭ. "ދެ ސަވާރުން ތިބެފައި އެހެންމީހުން ދާށޭ."
زيـاد ގޮވައިލެއްވިއެވެ. "ސަވާރުން އެތާނގައި ބައިތިއްބާ!"
ސިފައިން ބޭރަށް ނުކުތުމުން سعد حسن ގެ އަރިހުގައި ވިދާޅުވިއެވެ. "حسن! ކޮއްކޮ ތިރިއަށްވަޑައިގެން ރަނގަޅަށް ބައްލަވާ. މީނާ މިހައްދަވަނީ ތެދެއްތޯ. ތިރީން ދެނޯކަރަކުވެސް މައްޗަށް ފޮނުއްވާ. ميـمــونـة! ކަލާ ވަޑައިގެން ކަނުގައި އެހެރަ ކޮޓަރީގެ ބައްތި ދިއްލަވާ! ވަޑައިގަންނަވާ زيـاد!"
ކަނުގައިހުރި ކޮޓަރިޔަށް زيـاد ގެންދަވައިފައި سعد زيـاد ގެ ޢަބާ ބާލުއްވައިފިއެވެ. އޭރު
ميـمــونـة ގެ ދެނޯކަރުންވެސް މައްޗަށް އަތުވެއްޖެއެވެ. سعد އެބައިމީހުންގާތު ވަރުގަދަ ބައްކު ވާތަކެއް ގެންނާން ވިދާޅުވެއްޖެއެވެ.
حسن މަގުމައްޗަށް ނުކުމެވަޑައިގެންފައި ދެސަވާރުންނާއި ބައްގީދުއްވާ މީހާއާ ފެނިވަޑައިގަތުމުން ވަރަށް ބާރަށް މަތިނޭވާފުޅު ލައްވަވަމުން ވަޑައިގެން ވިދާޅުވިއެވެ. "ބޭބެ! ބައްގީ ދުއްވާ މީހާއާއި ދެސަވާރުންގެ ފިޔަވައި އިތުރު އެކަކު އެބަހުރި. ބައްގީގައިވެސް ބަޔަކު ނެތްކަމެއް ނޭނގެ. އަޅުގަނޑަކަށް އެހިސާބަކަށް ނުދެވުނު."
سعد އޭނާގެ ކަނޑިކޮޅު ތުނޑު زيـاد ގެ މައިނާރުފުޅުގައި ޖައްސަވައިފައި ވިދާޅުވިއެވެ. "زيـاد! ކަލާޔަކަށް އަޅުގަނޑުމެންނަށް އޮޅުވައިލައްވައިގެން ސަލާމަތްވެވަޑައެއް ނުގެންނެވޭނެ. އެއްވެސްކަހަލަ ނުރައްކަލަކާ ކުރިމަތިލުމުގެ ކުރީން އަޅުގަނޑުމެން ކަލާގެ ދުވަސް ދުއްވައިލާނަން."
زيـاد ވަރަށްބޮޑަށް ނިކަމެތިވެވަޑައިގެންފައި ޖަވާބު ދެއްވިއެވެ. "ކަލާ ޔަގީންކުރައްވާ! އަޅުގަނޑު ދޮގެއް ނަހަދަން. މީނާ ރަނގަޅަށް ނުބައްލަވަނީ. އެތާ އެހެރީ رشـيـد ގެ ޚުވާޖާސަރާ. ބައްގީއަކު މީހަކު ނުއިންނާނެ!"
سعد ވިދާޅުވިއެވެ. "އަޅުގަނޑު މިހާރު ތިޔަގޮތް ބަލައިލާނަން. ކަލާ އަޅުގަނޑާއެކު ބަރެންޑާއަށް ވަޑައިގެން އެމީހުންގާތު މައްޗަށް އަންނާން ވިދާޅުވޭ! ބައެއް އެއްޗެހި ބަލައި މައްޗަށް އަންނާށޭ ވިދާޅުވޭ!
حسن ކޮއްކޮ ވަޑައިގަންނަވާ!"
سعد ގެ ކަނޑިކޮޅުގެ އިޝާރަތަށް زيـاد ބަރެންޑާއަށް ނުކުމެވަޑައިގެންފިއެވެ. އޭނާގެ އެކުވެރީންގެ ނަމުން ވިދާޅުވާން ފައްޓަވައިފިއެވެ. މަޖުބޫރީ ޙާލަތުގައި އޭނާގެ ކަރުފުޅުން ބޭރުވާ އަޑާމެދު އެކަކަށްވެސް ވިސްނައިލާކަށެއް ނޭނގުނެވެ. އެހެނީ އޭރުވެސް ޚުވާޖާސަރާ ގެންދިޔައީ އޭނާގެ ވަރުގަދަ އަޑުން އަސްވާރުންނަށް މަޖާ ވާހަކައެއް ކިޔައިދެމުންނެވެ. حسن ދޮރޯށިދޮށަށް ވަޑައިގެން އެމީހުންނަށް زيـاد ވިދާޅުވާ ވާހަކަ ވިދާޅުވިއެވެ. ސަވާރުންގެ ދެމީހުން ބައްގީދުއްވާ މީހާއާ އެބައިމީހުންގެ އަސްތައް ހަވާލުކޮށްފައި އެތެރެއަށް ވަދެއްޖެއެވެ.
އެންމެ ކުރިޔަށްހުރީ ޚުވާޖާސަރާއެވެ. އޭނާ ގޯތިތެރެއަށް ވަދެފައި ހަޅޭއްލަވާން ފަށައިފިއެވެ. "މިތާނގައި މިވަނީ ކީއްތަ؟ މިހާރު ރޭދެބައިވެއްޖެ. ޝެހެޒާދާ މިހާރު ހުންނަވާނީ ވަރަށް ފިކުރުފުޅު ބޮޑުވެފައި. އަހަރެމެން އެނބުރި ނުދަނީހެއް އޭނާ ފަރީއެއްނުކުޅުއްވާނެ ވާހަކަވެސް ވިދާޅުވި."
زيـاد ހިމޭނުން ހުންނާންފެށުމުން سعد އޭނާގެ ކަނޑިކޮޅު ކުޑަކޮށް ބާރުކޮށްލައްވައިފައި މަޑުމަޑުން ވިދާޅުވިއެވެ. "އޭނާއަށް ގޮވާ!"
زيـاد އޭނާގެ އެކުވެރީންނަށް އެންގެވިއެވެ. "މިހިރަ އެއްޗެހި ގެންގޮސް ބައްގީއަށް އަރުވާ! އަހަރެމެން މިތިބީ ތައްޔާރަށް."
ޚުވާޖާސަރާ ސުވާލު ކުރިއެވެ. "މައްޗަށްއަރާ ސިޑި ކޮބައިތަ؟ އަނދިރިކަމުން އަހަންނަކަށް އެކައްޗެއްވެސް ނުފެނޭ. ޤުރުޠުބާގެ މަހެފިލްތަކުގެ ޒީނަތަކަށް ވާންއުޅޭ އުށްބައްތި ކޮބައިތަ؟"
حسن ކުރިޔަށް ޖެހިވަޑައިގެންފައި ވިދާޅުވިއެވެ. "އަހަންނާއެކު އާދޭ!"
* * * * * * * * * * *
سعد زيـاد އެތެރެއަށް ދަމައިގެންނެވުމާއެކު ميـمــونـة ގެ ނޯކަރުންނަށް އިޝާރާތް ކޮށްލެއްވިއެވެ. އެމީހުން زيـاد ގެ އަތްފައިންޕުޅު ބަންނާން ފަށައިފިއެވެ.
ސިޑިން އަރަމުންދިޔައިރުވެސް ޚުވާޖާސަރާ ހަޅޭއްލަވަމުން ގެންދެއެވެ. "سبحــان اللّـه! ހާދަ އަނދިރިއޭ..... ކަލޭ ފަހަތުގައި ހުރެގެން އަހަރެން ކޮއްޕަނީ ކީއްވެގެންތަ؟"
ސިފައިންގެ މީހެއް ވާހަކަ ދެއްކިއެވެ. "ކަލޭ އަރާމުގައި ބައްގީގައި ނުއިނީ ކީއްވެގެންތަ؟"
ޚުވާޖާސަރާއާއި އޭނާގެ ދެއެކުވެރީން މަތީބުރީގެ ބަރެންޑާއަށް އަރައިފައި ކުޑައިރުކޮޅަކު މަޑުކޮށްލިއެވެ. ދެކޮޓަރިއެއްގެ ދޮރު ހުރީ ހުޅުވިފައެވެ. އެކަމަކު އެތެރެއަކު އަލިކަމެއް ނެތެވެ. ތިންވަނަ ކޮޓަރީގެ ދޮރުން އަލިވެއެވެ.
"ކަލާ ތިޔަހުންނެވީ ކޮންތަނަކުތޯ؟" ޚުވާޖާސަރާ ސުވާލުކުރިއެވެ.
حسن ފަހަތުގައި ހުންނަވައިފައި ވިދާޅުވިއެވެ. "ކުރިޔަށް ހިނގާ!"
ޚުވާޖާސަރާ ކުރިޔަށް ހިނގައިގަތެވެ. ނަމަވެސް ސިފައިންގެ ދެމީހުން ހަދާނެ ނަހަދާނެގޮތެއް ނޭނގި މަޑުކޮށްލައިގެން ތިއްބެވެ. އަނދިރި ކޮޓަރިއެއްގެ ތެރެއިން سعد ކުއްލިޔަކަށް ނުކުމެވަޑައިގެން ސިފައިންގެ މީހެއްގެ ކަރުގައި ހިއްޕަވައިފިއެވެ. އަނެއް ސިފައިންގެ މީހާ ކަނޑި އުރައިން ދަމައިގަނެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް حسن އޭނާގެ ފަހަތުގައި ހުންނަވައިފައި އޭނާގެ އެއްއަތުގައި ހިއްޕަވައި އަނބުރައިލެއްވުމާއެކު އަނެއް އަތްޕުޅުން އޭނާގެ ބަނޑުގައި ޚަންޖަރުގެ ތުނޑު ޖައްސަވައިލައްވައިފައި ވިދާޅުވިއެވެ. "ކަލޭ ކުރާން ތިޔައުޅެނީ ބޭކާރު މަސައްކަތެއް. ކަލޭ ގޯހެއް ނަހަދައިފިނަމަ ކަލޭގެ ގަޔަކު ކޫރުމެއްވެސް ނޭޅޭނެ!"
ޚުވާޖާސަރާ ކުރީން އަލިކަންދެކެ ލޯބިވި ވަރަށް އޭނާ މިހާރު އަލިކަމަށް ނަފުރަތު ކުރެއެވެ. އޭނާ ކޮޓަރީގެ ދޮރުމަތީގައި ތުރުތުރުއަޅައަޅައި ހުއްޓައި ميـمــونـة ބޭރަށް ނުކުމެވަޑައިގެން ވިދަވިދައި އޮތް ކަނޑިއެއްގެ ތުނޑު އޭނާގެ ސިނގު ބަނޑާ ދިމާއަށް ދިއްކޮށްލައްވަމުން ވިދާޅުވިއެވެ. "ކަލޭގެ އަނގައިން ކިރިޔާ އަޑެއް އިއްވައިލިޔަސް.....! ميـمــونـة އޭނާގެ ޖުމުލަ ނިންމައިލެއްވުމުގެ ބަދަލުގައި އޭނާގެ ކަނޑިކޮޅު ތަންކޮޅެއް ކުރިޔަށް ދިއްކޮށްލެއްވިއެވެ. ޚުވާޖާސަރާ ބިރުން ދެލޯ މަރައި ތަގުޅިކޮށްލިއެވެ.
سعد އާއި حسن އާއި ميـمــونـة ގެ ނޯކަރުން އިރުކޮޅެއްގެފަހުން ޚުވާޖާސަރާއާއި ސިފައިންގެ ދެމީހުން زيـاد ގެ ގާތުގައި ބައިތިއްބަވައިގެން އެބައިމީހުންގެ އަތްފައި ބަންނަވަނީއެވެ. ميـمــونـة އެތާނގައި ބައްލަވާން ހުންނެވިއެވެ. އޭރު ميـمــونـة ގެ ހިތްޕުޅުގައި އާވަމުންދިޔައީ އޭނާއާއި އޭނާގެ މަންމާފުޅާ ދެމައިކަނބަލުން ޤުރުޠުބާގައި ތިއްބަވަނިކޮށް سعد އެބޭފުޅުންނަށް އެހީވެދެއްވާން ވަޑައިގެންނެވި ދުވަހުގެ ހަނދުމަފުޅުތަކެވެ. ޤުރުޠުބާގައި އޭނާގެ ތުއްޕުޅުއިރާއި އިޝްބީލިއްޔާގައި އޭނާގެ ޒުވާން އުމުރުފުޅާ ދެމެދު އަހަރުތަކަކާއި މައްސަރުތަކެއްވަނީ މާޒީވެގޮސްފައެވެ. ނަމަވެސް އެ ދިގުމުއްދަތުގެ ހުސްކަން މިހާރުވަނީ ފުރައިލެވިފައެވެ. އޭނާއަށް އިޙުސާސް ކުރެއްވެމުންދިޔައީ سعد އަބަދުވެސް އޭނާގެ އަރިހުގައި ހުންނަވާ ކަމުގައެވެ. އޭނާގެ ދުނިޔެ އަބަދުވެސް އޮތީ ފުރިހަމަވެފައި ކަމުގައެވެ.
حسن ވިދާޅުވިއެވެ. "ދެންހުރީ ހަމައެކަނި ބައްގީދުއްވާ މީހާ. އަޅުގަނޑު އޭނާ ގޮވައިގެން އަންނާނަން!"
سعد ވިދާޅުވިއެވެ. "އޭނާ ތިރީގެ ކޮޓަރިޔެއްގައި ބަންދުކޮށްލައްވާ! ދެނެއް އަޅުގަނޑުމެން ވަގުތު ނަގައިލާނެ ކަމެއްނެތް!"
حسن ނޯކަރަކު ގޮވައިގެން ވަޑައިގަތީ ތިރިޔަށެވެ. سعد ދެންތިބި ނޯކަރުންނާ ދިމާޔަށް ވިދާޅުވިއެވެ. "އަހަރެމެން މިދަނީ ވަރަށް ދުރަށް. އަހަރެމެންނާއެކު ދާންބޭނުން މީހަކުވިއްޔާ އަސްގުދަނުން ކޮންމެ މީހަކަށް އަހެއް ތައްޔާރުކުރޭ!"
މުސްކުޅި ނޯކަރު ޖަވާބު ދިނެވެ. "އަޅުގަނޑުމެންގެ ތެރެއަކު މިރަށުގެ މީހަކު ނެތް. އަޅުގަނޑުމެން އެންމެންވެސް ތިޔަބޭފުޅުންގެ އަރިހުގައި ދާނަން. މާގިނަ އަސްތަކެއް ތައްޔާރުކުރުމުގެ ބޭނުމެއް ނެތް. ބޭރުގައި ސިފައިންގެ ދެމީހުންގެ ދެއަސް އޮންނާނެ. އަޅުގަނޑުމެންގެ ބައްގީދުއްވާ މީހާއަށް ބައްގީގައި ދެވިދާނެ."
"ވަރަށް ރަނގަޅު! އެހެންވީއިރު ހަމައެކަނި حسن އަށް އަހެއް ތައްޔާރުކޮށްލާ!" އެހެން ވިދާޅުވެފައި سعد ميـمــونـة ގެ ޚާދިމާއާ ދިމާޔަށް އެނބުރިވަޑައިގެންފިއެވެ. އޭނާ ކުރިޔަށް ޖެހިލައިފައި ދެންނެވިއެވެ. "އިޝްބީލިއްޔާއަކު އަޅުގަނޑުގެވެސް ގެއެއް ނެތް. އަޅުގަނޑުވެސް ميـمــونـة ގެ އަރިހުގައި ދާނަން!"
سعد ميـمــونـة ގެ އަރިހުގައި ވިދާޅުވިއެވެ. "ކަލާ ބޭނުންފުޅު އެއްޗެހިކޮޅު ތައްޔާރުކޮށްލައްވާ! ވީހައިވެސް އަވަހެއް ކުރައްވާތި!"
"އަޅުގަނޑު ތައްޔާރުވިތާ ކޮންއިރެއްތޯ؟" ميـمــونـة އެހެން ވިދާޅުވެފައި ނޯކަރަކު ގޮވައިގެން ޖެހިގެންހުރި ކޮޓަރިޔަށް ވެދެވަޑައިގެން ކުޑަކުޑަ ފޮއްޓެއް އޭނާއާ ހަވާލުކުރައްވައިފިއެވެ.
سعد ވަޑައިގެން ބަނދެފައިތިބި ސިފައިންގެ ދެމީހުން ދަންމަވަމުން ގެންދަވައި ދެކޮޓަރިޔަކަށް ލައްވައިފައި ދޮރު ލައްޕަވައިލައްވައިފިއެވެ. ޚުވާޖާސަރާ ބަންދުކުރެއްވީ ހާމަ ފުރާޅަށް އަރާންހުންނަ ސިޑީގައެވެ. އެހައިތަނުން حسن ވެސް އެނބުރި ވަޑައިގެންފިއެވެ. އޭނާ ކޯޗުވާން (ބައްގީ ދުއްވާ މީހާ) ތިރީގެ ކޮޓަރިޔެއްގައި ބަންދުކުރެއްވި ވާހަކަ ވިދާޅުވެއްޖެއެވެ.
"حسن! ކޮއްކޮ ميـمــونـة އާއި އޭނާގެ ޚާދިމާއާއެކު ބައްގީގައި ވަޑައިގަންނަވާ. ނޯކަރުން ގާތު ވިދާޅުވޭ އަހަށް ސަވާރުވާށޭ! ބޭބެ ވަރަށް އަވަހަށް އެބަދަން." سعد އެހެން ވިދާޅުވެފައި ކަނުގައިހުރި ކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. زيـاد އޮންނެވީ ފަންގިފިލާމަތީގައި ބަންޑުންނެވެ. އެކޮޓަރީގެ ބައްތި ހުރީ ދިއްލައިފައެވެ. سعد زيـاد އުއްޑުން ކުރައްވައިފައި ވިދާޅުވިއެވެ. "زيـاد! އަޅުގަނޑު ދަނީ. ކަލާގެ ސާހިބާއަށް މާދަމާ ކަލާ ހޯއްދެވިދާނެ. އޭނާގެ އަރިހުގައި ވިދާޅުވާތި. އަޅުގަނޑުގެ ފަހަތުން ވަޑައިގެންނެވުމަކީ ބޭކާރު ކަމެކޭ. އަޅުގަނޑު އަދި އަންނާނަން. އިޝްބީލިއްޔާގެ ވެރިކަންކުރާ ޚާންދާނުގެ ބިންގާ ކޮނެ އެއްލައިލާވަރުގެ ޒަލްޒަލާއަކާއި ޠޫފާނެއް އަޅުގަނޑާ އެކުގައިވާނެ. އަޅުގަނޑު ކުޑައިރުއްސުރެ ކަލާ ދަންނަން. ކަލާ ކޮންމެފަދަ ނުލަފާކަމެއްވެސް ކުރައްވައިފާނެކަން އަޅުގަނޑަށް އެނގޭ. އެކަމަކު ރަނގަޅަށް ހަނދާން ކުރައްވާތި! إدريـس ގެ ލޯއްޔެއް ބޭކާރުވިޔަސް معـتـمـد ގެ އެއްވެސް ކިއްލާއެއް ކަލާއަށް ރައްކައުތެރިކަމެއް ނުދޭނެ. ކަލާގެ އަމިއްލަ ފުރާނަޔަށްޓަކައިވެސް رشـيـد އަށް ނުލަފާ މަޝްވަރާއެއް ނުދެއްވާތި!"
زيـاد ގެ އަތްފައިންޕުޅު ހުރީ ވަރަށް ވަރުގަދަޔަށް ބަނދެފައެވެ. އޭނާގެ އަނގަޔަށް ގަންނަވައިފައިހުރި ފޮތިތައް އޭނާގެ ދޫފުޅު ހަލުވައިލެއްވިޔަކަ ނުދިނެވެ. އޭނާގެ މުދުނަށް އަރައިފައިހުރި ދެލޯފުޅު، ހާލުގެ ދުލުން ބުނަމުން ގެންދިޔައެވެ. "ތިޔައީ ތެދެކެވެ. އަހަރެންވެސް ކަލޭ ދަންނަމެވެ. އެދުވަހު ޝާހީ ކިއްލާގެ ދޮރުމަތީން ބައްދަލުވި ބައްދަލުވުމަކީ އަހަރެމެން ދެމީހުންގެ އެންމެ ފުރަތަމަ ބައްދަލުވުމެއް ނޫނެވެ. އެދުވަހަށްވުރެ ކުރީން އަހަރެންވެސް ކަލޭ ދުށީމެވެ. އެކަމަކު އެއީ ކޮންއިރަކު ކޮންތަނަކުން ބާވައެވެ؟" زيـاد ގެ ސިކުނޑިފުޅުގައިހުރި މާޒީގެ ފަނޑު ތަސްވީރުތައް އެސުވާލުތަކުގެ ޖަވާބު ދިނުމަށްވަނީ ނުކުޅެދިފައެވެ. سعد ބައްތި ނިއްވައިލެއްވުމަށްފަހު ބޭރަށް ނުކުމެވަޑައިގެން ދޮރު ލައްޕައިލައްވައިފިއެވެ.
* * * * * * * * * * *
ކުޑައިރުކޮޅެއްގެ ތެރޭގައި ބައްގީ ދަތުރު ފަށައިފިއެވެ. ميـمــونـة އާއި، އެކަމަނާގެ ޚާދިމާއާއި
سعد އާ ތިންބޭފުޅުން ތިއްބެވީ ބައްގީގައެވެ. حسن އާއި ميـمــونـة ގެ ދެ ޚާދިމުން ބައްގީގެ ފަހަތުން އަސްމަތީގައި ދަތުރުކުރެއްވިއެވެ. ބައްގީ ދުއްވާން އިނީ إدريـس ގެ ކޯޗުވާނެވެ. ނުރައްކައުތެރިކަމެއް ކަމުގައި ވުމާއެކުވެސް އޭނާ ޝާހީ އަސް ގުދަނުގެ އަސްތަކުގެ ތެރެއިން ވަޔާ ވާދަކުރާވަރުގެ ދުވެލިހުރި ހުދުކުލައިގެ ހަތަރު އަސް ފައްސަމުން ގެންދިޔައީ އުފާވެރިކަމުގެ އިޙުސާސާ އެކުގައެވެ. އެއްވެސްކަހަލަ މައްސަލައަކާ ކުރިމަތިލާން ނުޖެހި އޭނާއަށް އިޝްބީލިއްޔާއިން ބޭރަށް ނުކުމެވިއްޖެއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ސަބަބުން ކޯޗުވާން ބައްގީ ދުއްވަމުން ގެންދިޔައީ ވަރަށް ފަރުވާ ބަހައްޓައިގެންނެވެ. އިޝްބީލިއްޔާއާ އަށްކޯހުގެ ދުރުން ކޯރެއް ހުރަސްކޮށް އަޅައިފައިއޮތް ފާލަމެއްގެ ކައިރީން އަސްވާރަކާ ބައްދަލުވެއްޖެއެވެ. އޭނާ ކޯޗުވާނަށް ގޮވައިފައި ބައްގީ ހުއްޓުވާން އުޅުނެވެ. ނަމަވެސް ކޯޗުވާން ބައްގީ ނުހުއްޓުމުން އޭނާ އަވަހަށް އެއްފަރާތަކަށް ޖެހިލައިފިއެވެ. ބައްގީ ކުރިޔަށް ދިއުމުން ފަހަތުން ދަތުރުކުރި ތިން އަސްވާރުންނާ ބައިވެރިވެއްޖެއެވެ. حسن އޭނާގެ އަސް އެމީހާއާ ކައިރިކޮށްލައްވައިފައި ސުވާލު ކުރެއްވިއެވެ. "ކަލެއަކީ ކާކުތަ؟"
ދުރުން އައިމީހާ حسن ގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ސުވާލު ކުރިއެވެ.
"މި ބައްގީގައި زيـاد އެބައިންނެވިތަ؟"
"އާނ!"
"އޭނާ ގިނިކަންޏާތަ؟ އެހެންބަޔަކުވެސް އެބަތިބިތަ؟"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު