މިދިޔަ އަހަރު ނިމުނުއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދަށްވުރެ އިތުރަށް 13 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ އަމްދަނީ އާއި ހަރަދުތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 14.5 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުކޮށްފައިވަނީ 27.3 ބިލިއަން ރުފިޔާ އެވެ.

މި އަހަރަށް ހޭދަ ކުރަން ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އެ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 30 ބިލިއަން ލިބޭނެ ކަމަށް ލަފާކުރި އެވެ. ނަމަވެސް ކޮވިޑް 19 އާ ގުޅިގެން މިހާރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 15 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ޓެކްސް އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 14.5 ބިލިއަން ރުފިޔާ އެވެ. އެއީ 2019 ވަނަ އަހަރަށްވުރެ 9.6 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ދައުލަތުންދޭ އިނާޔަތްތައް ދިނުމަށް މިދިޔަ އަހަރުގެ ބަޖެޓުން 9.84 ބިލިއަން ރުފިޔާ ހޭދަކުރި އިރު، ކެޕިޓަލް ހަރަދުތަކަށް އަށް ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.