ދުނިޔެ

ލަންކާ އިން ފެނުނު ކޮވިޑްގެ އާ ވޭރިއަންޓް ތަފާތުވެފައި ފެތުރޭ ނިސްބަތް އަވަސް: ދިރާސާ

މުހައްމަދު އައުޒަމް

ލަންކާ އިން ފެނުނު ކޮވިޑްގެ އާ ވޭރިއަންޓް ތަފާތުވެފައި ފެތުރޭ ނިސްބަތް އަވަސް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ލަންކާގެ ސްރީ ޖަޔާވަންދެނަޕޫރާ ޔުނިވާސިޓީގެ ދިރާސާ ކުރާ ޓިމުން ވަނީ ލަންކާއިން ފެނިފައިވަނީ ޔޫކޭ އިން ވެސް ފެނިފައިވާ ކޮވިޑްގެ އާ ވޭރިއަންޓް ކަމަށާއި، ނަމަވެސް ލަންކާއިން ފެނިފައިވާ ވޭރިއަންޓް ގައި ގިނަ މިއުޓޭޝަން ތަކެއް ފާހަގަވެފައިވާކަމަށް ފެންނަކަމަށް ބުނެފައެވެ.

ދިރާސާ ޓީމުގެ އެންމެ އިސް ސައިންޓިސްޓު ވިދާޅުވީ ދިރާސާއިން ފާހަގަވި އާ ވޭރިއަންޓުގެ ސަބަބުން ވައިރަސް ކުރިޔަށްވުރެ ބާރަށް ފެތުރޭނެކަމަށް ބެލެވިފައިވާކަމަށެވެ.

ކޮވިޑް-19ގެ އާ ވޭރިއަންޓް އުފެދެނީ ވައިރަސް މިއުޓޭޓް ވެ ނުވަތަ ވައިރަހުގެ އަސްލަށް ބަދަލު އައިސް އޭގެ ސަބަބުން ވައިރަސް މަސައްކަތްކުރާ ނިސްބަތަށް ބަދަލު އައިސްގެންނެވެ. އާ ވޭރިއަންޓް އުފެދުމުގައި މިއުޓޭޓް ވުމުގެ ސަބަބުން ބައެއްފަހަރު ވައިރަސްގެ ބާރު ދަށް ވެދާނެ އެވެ. އަދި ބައެއްފަހަރު ވޭރިއަންޓްގެ ސަބަބުން ވައިރަހުގެ ބާރު ގަދަވެ ފެތުރޭ ނިސްބަތް ހަލުވިވެސް ވެދާނެއެވެ.

ޔޫކޭއިން ފެތުރެމުންދާ ކޮވިޑްގެ އާ ވޭރިއަންޓް ލަންކާއިން ފެނިފައިވަނީ އިއްޔެއެވެ. ޔޫކޭގެ ފްލައިޓުތަށް ލަންކާ އަށް އެތެރެވުން މަނާކޮށްފައި ވީ ނަމަވެސް ކޮވިޑްގެ އާ ވޭރިއަންޓް ލަންކާއަށް އެތެރެވެފައިވަނީ އެގައުމަށް ދިޔަ އިންގްލެންޑްގެ ކްރިކެޓް ޓީމްގެ ކުޅުންތެރިއެއްގެ ފަރާތުންނެވެ.

ލަންކާގައި ޓެސްޓު މެޗުތަކެއް ކުޅުމަށް އެތެރެވެފައިވާ އިނގިރޭސި ކްރިކެޓް ޓީމުގެ ކުޅުންތެރިން ވަނީ ކަރަންޓީނު ކޮށްފައެވެ. އަދި ޓީމުގެ ބައެއް ކުޅުންތެރިންގެ ގައިން އަލާމާތްތަކެއް ފެނުމާއެކު ހަދާފައިވާ ޓެސްޓުތަކުން ވަނީ އެއް ކުޅުންތެރިއެއްގެ ހަށިގަނޑުން ޔޫކޭގައި ފެތުރެމުންދާ އާ ވޭރިއަންޓް ފެނިިފައެވެ. ލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެކުޅުންތެރިޔާގެ ކަރަންޓީނުގެ މުއްދަތު އިތުރުކޮށް އިތުރު ތަހުލީލުތަކެއް ފަށާފައެވެ.