އެންމެފަހުން ކުޅުނު 14 މެޗުންވެސް ބަލި ނުވެ، މެންޗެސްޓާ ސިޓީން އެޓީމުގެ ފޯމު ދަމަހައްޓައިފިއެވެ.
ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު 1-0ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކުރިއިރު، ރޭގެ މޮޅަކީ ސިޓީން ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެވެ. ސިޓީން ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައިވާއިރު، އެޓީމު ވަނީ އެއްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ހަތަރު ޕޮއިންޓް ގާތަށް ޖެހިލާފައެވެ. އެއީ މެޗެއް މަދުކޮށް ކުޅެގެންނެވެ.
ސިޓީއަށް 16 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލިވަޕޫލަށް 17 މެޗުން ލިބިފައި ވަނީ 33 ޕޮއިންޓެވެ. އެއްވަނައިގައި ޔުނައިޓެޑް އޮތީ 17 މެޗުން 36 ޕޮއިންޓާއެކު އެވެ.
މެޗުގައި ޖެހި ހަމައެކަނި ގޯލް ޖަހައިދިނީ ޒުވާން މިޑްފީލްޑަރު ފިލް ފޮޑަންއެވެ. ހާފް ނިމެން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް، ފޮޑަން ޖެހި ގޯލަކީ ކެވިން ޑިބްރޭނާގެ ހިތްގައިމު ޕާހެއް ހޯދައި، ފަސޭހަކަމާއެކު ބޯޅަ ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ.
މެޗު ކޮންޓްރޯލްކޮށް، ހަމަލާތައް އުފެއްދީ ސިޓީންނެވެ. ރެލިގޭޝަން ޒޯންގެ ތެރޭގައި އޮތް ބްރައިޓަންގެ ގޯލްކީޕަރު ރޭގެ މެޗުގައި މުހިއްމު ސޭވްތަކެއްވެސް ކުރިކަން ފާހަގަކޮށްލެވެއެވެ. ރިޔާދު މަހަރޭޒްއާއި އިލްކޭ ގުންޑޮގަންގެ ހަމަލާތައް ބްރައިޓަން ގޯލްކީޕަރު ސޭވް ކުރިއިރު، ބާނާޑޯ ސިލްވާގެ ހަމަލާއެއް ވަނީ ދަނޑިއަށްވެސް އަމާޒުވެފައެވެ.
ރޭގެ މެޗުގެ ފަހު ވަގުތު ސިޓީއަށް ވަނީ ޕެނެލްޓީއެއްވެސް ލިބިފައެވެ. ރަހީމް ސްޓާލިން ޖެހި ޕެނެލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަަށެވެ.
ސިޓީން ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަނީ އެޓީމަށް ވަރަށް ބޮޑަށް ކޮވިޑް 19ގެ އަސަރުވެސް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ފަހަކަށް އައިސް ގިނަ މެޗުތަކެއް ސިޓީން ކުޅެފައި ވަނީ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އެގޮތުން ކޮވިޑް ޖެހިގެން ގޯލްކީޕަރު އެޑަސަންއާއި ޑިފެންޑަރު ކައިލް ވޯކާގެ އިތުރުން ގެބްރިއަލް ޖެސޫސްއާއި ފެރަން ޓޮރެސްއަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފައެވެ.
އޭގެ އިތުރުން ސިޓީގެ ފޯވަޑް ސާޖިއޯ އަގުއޭރޯވެސް މިވަގުތު ހުރީ ކަރަންޓީނުގައެވެ. އެއީ ކޮވިޑް ޖެހުނު މީހެއްގެ ޑައިރެކްޓް ކޮންޓެކްޓަކަށް އަގުއޭރޯ ވާތީއެވެ.