ބްރެޒިލުން ރާއްޖެ އައި ދެ މީހެއްގެ އަތުން 3.12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓްމަސްއިން ބުނީ ވައިގެ މަގުން ރާއްޖެ އައި ބްރެޒިލް މީހަކާއި ލެޓްވިއާ މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެ އައި ލެޓްވިއާގެ 23 އަހަރުގެ ފިރިހެން މީހާއަށް ޝައްކުވެގެން ލަގެޖް ބަލައި ފާސް ކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުވާ ތަކެތި ފެނުނު ކަމަށާއި ފުރަތަމަ މަރުޙަލާގައި އެތަކެތި ޓެސްޓުކުރި އިރު ކޮކެއިންއަށް ޕޮޒިޓިވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އޭނާގެ ލަގެޖުން 2.466 ކިލޯގެ ކޮކެއިން ފެނިފައިވެއެވެ.
ކަސްޓަމްސްއިން ބުނީ، މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އައި ބްރެޒިލްގެ 21 އަހަރުގެ ފިރިހެނެއްގެ އަމަލުތަކަށް ޝައްކުވެގެން ބަލައި ފާސްކުރި އިރު ހަށިގަނޑުގައި ފޮރުވާފައިވާ 66 ކެޕްސޫލް ފެނިފައިވާ ކަމަށެވެ. އެތަކެތި ޓެސްޓުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންނަށް ވަނީ ޕޮޒިޓިވްވެފައެވެ. އެމީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 654.4 ގްރާމް ހުއްޓެވެ.
އެ ދެ މީހުންގެ އަތުން އަތުލި މަސްތުވާތަކެތީގެ މަގުމަތީ އަގު 10،921،400 ރުފިޔާއަށް އަރައެވެ. އެ ދެމީހުންނާއި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.