ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލްކޮށްފި އެވެ.
ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަން މައްސަލައިގެ ދައުވާގައެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 24 ގައެވެ. އެ ދުވަހުގެ އަޑުއެހުމަކީ ޖިހާދު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދައަށް އެދިފައިވާތީ، އެކަމާމެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމެކެވެ.
މި މައްސަލައިގައި ޖިހާދު ބޭސްފަރުވާއަށް ފުރުމަށް ހުއްދަ ދިނުމަށް އިއުތިރާޒުކޮށް ދައުލަތުން ވަނީ ޖިހާދަށް ކޮށްފައިވަނީ ޖިނާއީ ބޮޑު ދައުވާއެއް ކަމަށާއި އެ މައްސަލައިގައި ޖިހާދަށް ފަސް އަހަރުގެ ހުކުމެއް ކުރުމުގެ ފުރުސަތު އޮއްވައި، ފުރައިފި ނަމަ ފިލައިފާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަދި ދުބާއީ އާއި ރާއްޖެއާ ދެމެދު އެކްސްޓްރަޑިޝަން އެއްބަސްވުމެއް ނެތުމުން އޭނާ ފިލައިފި ނަމަ ހައްޔަރުކޮށްގެން ރާއްޖެއަށް ގެނެވޭނެ ގޮތެއް ނޯންނާނެ ކަަމަށް ވެސް ދައުލަތުން ބުންޏެވެ.
އެދުވަހުގެ އަޑުއެހުމުގައި ދެފަރާތުން ދެކެވުނު ވާހަކަތަކަށް ބެއްލެވުމަށްފަހު، ޖިހާދު ފިލައިގެން ގޮސް، ކޯޓަށް ހާޒިރު ނުވާނެ ކަމުގެ އިހުތިމާލު އޮތުމުން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ޖިހާދަށް ނުދޭން އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު ސަމީރު ނިންމެވިއެވެ.
އެ މައްސަލަ ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.
އެ މައްސަލައިގައި ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ، ކްރިމިނަލް ކޯޓުގެ އަމުރަކީ ޖިނާއީ އިދުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.
އެހެންކަމުން އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ނެރެފައިވާ އަމުރެއްކަމުގައި ހައިކޯޓުގައި އެ ގަޒިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި އަމުރު ބާތިލުކޮށް، އެގޮތުން މަތިން ހުކުމް ކުރީ ކަމަށް ބުނެފައިވެ އެވެ.
އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔަރު އަބްދުއްރައޫފު އިބްރާހީމެވެ.