ޚަބަރު

ކުރީގެ ރީޖަނަލް އެއާޕޯޓްސްގެ ޑީޖީއާ ގުޅޭ ގިނަ މައްސަލަތަކެއް ޓްރާންސްޕޯޓްގެ މުވައްޒަފުން ސީއެސްސީއަށް ހުށަހަޅައިފި

ރިފާ ހަލީލު

ކުރީގެ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓާ ޖެނެރަލް ސާމީ އަގީލްއާ ގުޅޭގޮތުން ގިނަ މައްސަލަތަކެއް ފާހަގަކޮށް ޓްރާންސްޕޯޓު މިނިސްޓްރީގެ 28 މުވައްޒަފަކު ސޮއިކޮށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންތަކެއް ސީއެސްސީއަށް ޕެޓިޝަނެއް ހުށަހަޅާފައި މިވަނީ ކުރީގެ ރީޖަނަލް އެއާޕޯޓްސްގެ ޑިޖީގެ މަގާމުގައި ހުންނެވި ސާމީ އަގީލް، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑީޖީގެ މަގާމަށް ބަދަލުކުރެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ސީއެސްސީގައި އެދިވަޑައިގެންފައިވުމުން، ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން "ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފެއްދެވާ ގުޅިގެން ކުރީގެ ރީޖަނަލް އެއާޕޯޓްސްގައި މަސައްކަތްކުރި މުވައްޒަފުން އަންނަނީ ސަރުކާރުގެ އެހެން އިދާރާތަކަށް ބަދަލުކުރަމުންނެވެ.

ސާމީ އަގީލްއާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި، އޭނާ މީގެ ކުރިން މަސައްކަތްކޮށްފައިވާ މުއައްސަސާތަކުގައި، ކޮރަޕްޝަނާއި ފަސާދައިގެ އެތައް އަމަލެއް ހިންގަވާފައިވާ ބޭފުޅެއްގެ ގޮތުގައި ވަނީ ތުހުމަތުކޮށްފައެވެ. އަދި ސާމީއާ ގުޅޭ އެތައް މައްސަލައެއް މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ތަހުގީގުކޮށް އޭގެ ތެރެއިން ބައެއް މައްސަލަތަކަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށާއި މުވައްޒަފުންނަށް ބިރުދައްކައި ގާނޫނާ ހިލާފަށް ބައެއް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ސީއެސްސީއަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ޕެޓިޝަނުގައި ވަނީ ސާމީއާ ގުޅޭގޮތުން އޭސީސީއަށް ހުށަހެޅުނު މައްސަލަތަކާއި ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާ މައްސަލަތައް ވެސް ފާހަގަކޮށްފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގައި ސާމީ ވަޒީފާ އަދާކުރެއްވި އިރު، ދައުލަތުގެ ބޭނުމަށް ފަސް ކާރެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 2010 ވަނަ އަހަރު ކުރި މަސައްކަތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކުށުގައި ދައުވާކުރުމަށް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެ މިނިސްޓްރީގައި އޭނާ މަސައްކަތް ކުރެއްވި އިރު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިގެން އޭނާ އެހެން އޮފީހަކަށް ބަދަލުކޮށްދިނުމަށް އޭސީސީން ސީއެސްސީގައި އެދިފައިވާނެ ކަމަށްވެސް މި ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.

އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ޕްރޮޖެކްޓް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައިވެސް މަގާމުގެ ނުފޫޒު ބޭނުންކޮށް ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދުމުގެ މައްސަލައިގައި ދައުވާކުރުމަށް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި ޓްރާންސްޕޯޓު އޮތޯރިޓީގައި ޑިރެކްޓަރުގެ މަގާމުގައި ސާމީ ހުންނަވަނިކޮށް ސިވިލް ސާވިސްގެ އިހްތިސާސް ހިނގާ އެއްވެސް އިދާރާއެއްގެ އެއްވެސް ބީލަމެއް އިވެލުއޭޓްކުރުމުގައި އޭނާ ބައިވެރިނުކުރުމަށް އޭސީސީން 2014 ވަނަ އަހަރުގެ ތެރޭގައި ސީއެސްސީގައި އެދުނު ކަމަށްވެސް މި ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކާޑެއްދޫ އެއާޕޯޓުގައި މަސައްކަތް ކުރަމުންގެންދިޔަ ހަ މުވައްޒަފަކު، ކަނޑައެޅިފައިވާ އުސޫލުތަކުގެ ބޭރުން ވަޒީފާއިން ވަކިކުރީ ސާމީ އަގީލް އިސްވެ ހުންނަވައިގެންކަން ހާމަވެފައިވާ ކަމަށާއި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން މަސްވެރިންގެ ޕާކުގައި ފެރީ ޓާމިނަލެއް ތަރައްގީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނާ ގުޅޭ ބިޑްތައް އިވެލުއޭޓްކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް އިވެލުއޭޝަން ހަދާފައިވާ މައްސަލައިގައި ވެސް ދައުވާކުރުމަށް އޭސީސީއަށް ފޮނުވާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ކުޅުދުއްފުއްޓާއި ހަނިމާދޫ އެއާޕޯޓުގައި ބޭނުންކުރުމަށް ބަސް ހޯދުމުގައި، އެއްބަސްވުމާ ހިލާފަށް ބާ ބަސްތަކެއް އެތެރެކުރުމުގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައިވާ ކަމަށް އެ ޕެޓިޝަނުގައި ވަނީ ބުނެފައެވެ.

ޕެޓިޝަންގައި ބުނެފައިވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިންވެސް ސާމީ އަގީލްގެ މައްސަލަ ސީއެސްސީއަށް ހުށަހަޅަން މަސައްކަތް ކުރި ނަމަވެސް މަގާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އެ މުވައްޒަފުންގެ މަގާމު ދަށްކޮށް އިދާރީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ޕެޓިޝަން ހުށަހެޅި އެ މިނިސްޓްރީގެ މުވައްޒަފުން ބުނީ އެ މިނިސްޓްރީގެ ޑީޖީގެ މަގާމަށް ސާމީ އައްޔަންކުރުމަކީ، އެ މިނިސްޓްރީގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް އެކި ތުރާލާއި އުނދަގޫ ކުރިމަތިވާނޭ ކަމަކަށް ވާނެ ކަމަށެވެ. އަދި އޭނާއަށް މަގާމު ދީފިނަމަ ދައުލަތަށްވެސް ގެއްލުންވާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުނެފައިވެއެވެ.