ޚަބަރު

މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔޫތު މިނިސްޓްރީން ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފި

ރިފާ ހަލީލު

މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް "އެންޖީއޯ ގްރާންޓް ޕްރޮގްރާމް"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ޔޫތު މިނިސްޓްރީން އިފްތިތާހުކޮށްފި އެވެ.

މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ.

އެންޖީއޯ ގްރާންޓް ޕްރޮގްރާމް އިފްތިތާހުކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު ދީދީ ވިދާޅުވީ، މި ޕްރޮގްރާމަކީ ގައުމީ ތަރައްގީގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު މިހާރަށްވުރެ ފުޅާވެ، ދެމެހެއްޓެނިވި ތަރައްގީއަށް ވާސިލުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ވިދާޅުވީ މުޖުތަމައުއެއް ކުރިއަރާނީ އެތަނެއްގައި އުޅޭ ކުދި ބޮޑު އެންމެންނަކީ އެމީހުންގެ ބޭނުންތައް ހާސިލުކުރުމުގައި އެންމެހާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގައި ބާރުވެރިވެފައިވާ ބަޔަކަށް ހެދިގެން ކަމަށާއި މި ނަތީޖާ ހާސިލުކުރެވޭނީ މަދަނީ ޖަމިއްޔާތަކުގެ ދައުރު މިހާރަށްވުރެ ފުޅާވެގެން ކަމަށެވެ.

މިހާރު އެންމެ ނުކުރެވޭ ކަމެއްގެ ގޮތުގައި އޮތީ އާއިލާތަކާއެކު މީޑިއޭޝަންގެ މަސައްކަތްކުރާނެ ބަޔަކު ނެތުން ކަމަށާއި އުއްމީދު ކުރަނީ މި ގްރާންޓްސްތަކުން މީޑިއޭޝަން މަސައްކަތްކޮށްދޭ ގިނަ އެންޖީއޯތައް އުފެދިގެންދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތިގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ މަދަނީ ޖަމިއްޔާތަކަށް ހާއްސަކޮށްގެން އެ މިނިސްޓްރީން މިދިޔަ އަހަރުވެސް ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔަ ކަމަށާއި އަދި އެ ޕްރޮގްރާމްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެންމެ 16 ޖަމިއްޔާއަކުން ކަމަށެވެ. އެހެންކަމުން މިހާރު އިފްތިތާހުކޮށްފައިވާ ޕްރޮގްރާމްގައި މިއަށްވުރެ ގިނައިން މަދަނީ ޖަމިއްޔާތަކުން ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހާއްސަ ޓްރެއިނިންތަކެއް ކުރިއަށްގެންދާނެ ކަމަށާއި މި ޕްރޮގްރާމްތަކުގައިވެސް ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ އެ މިނިސްޓްރީން އެދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އަންނަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ "އެންޖީއޯ ގްރާންޓް ޕްރޮގްރާމް"އަކީ މަދަނީ ޖަމިއްޔާތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން މަދަނީ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތިން ކެޓެގެރީއަކުންނެވެ. މި ކެޓެގަރީތަކަކީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި 200000 ރުފިޔާއާ ހަމައަށް އެހީ ފޯރުކޮށްދިނުމާއި، ސްމޯލް ގްރާންޓްގެ ގޮތުގައި 50000 ރުފިޔާއާ ހަމައަށް އެހީ ފޯރުކޮށްދިނުމުގެ އިތުރުން ސްޕެޝަލް ގްރާންޓުގެ ކެޓެގަރީއެވެ.