ކުޅިވަރު

ސެވިއްޔާ ބަލިކޮށް އެތުލެޓިކޯ އެއްވަނައިގައި ބޮޑު ލީޑެއް

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި 2-0ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް، އެތުލެޓިކޯ މެޑްރިޑުން އެއްވަނައިގައި ދަމަހައްޓަމުން އައި ލީޑު ފުޅާކޮށްފިއެވެ.

މިހާތަނަށް ލީގުގައި އެތުލެޓިކޯއިން ކުޅެފައިވާ 16 މެޗުން އެޓީމަށް 41 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ގާތުން ދެވަނައިގައި އޮތް ރެއާލް މެޑްރިޑުން 18 މެޗު ކުޅެގެން ލިބިފައި އޮތީ 37 ޕޮއިންޓެވެ. ބާސެލޯނާ ތިންވަނައިގައި 34 ޕޮއިންޓާއެކު އޮތްއިރު، އެޓީމުވެސް ވަނީ 18 މެޗު ކުޅެފައެވެ. އެތުލެޓިކޯއިން ހަތަރު ޕޮއިންޓްގެ ލީޑެއްގައި އޮތްއިރު، އަތުގައި ދެ މެޗު އޮތުމަކީ ލިބޭނެ ބޮޑު ހިތްހަމަ ޖެހުމެކެވެ.

ޑިއޭގޯ ސިމިއޯނީގެ އެތުލެޓިކޯއަށް ލީޑު ނަގައިދިނީ އެންހެލް ކޮރިއާއެވެ. އިންގްލެންޑްގެ ކީރެން ޓްރިޕިއާ ނަގައިދިން ހުރަސް އެންހެލް ގޯލަށް ވައްދާލިއިރު، ރޭގެ މެޗަކީ ބެޓް ކުރުމުގެ އުސޫލުތަކާ ހިލާފުވެ 10 ހަފްތާގެ ސަސްޕެންޝަނުގައި ހުރުމަށްފަހު ޓްރިޕިއާ ކުޅުނު ފުރަތަމަ މެޗެވެ.

އެތުލެޓިކޯއިން ގިނަ ހަމަލާތަކެއް އުފައްދައި ކޮންޓްރޯލް ކުރި މެޗުން މޮޅު ޔަގީން ކޮށްދިނީ 76 ވަނަ މިނެޓުގައި ސައުލް ނިގުއޭޒް ޖެހި ގޯލުންނެވެ. އޭގެ ފަހުންވެސް ލުއިސް ޝުއަރޭޒްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެން ގޮސްފައިވާއިރު، އެތުލެޓިކޯ ގޯލްކީޕަރު އޮބްލަކު މެޗުގައި ކޮށްފައި ވަނީ ފަސޭހަ ދެ ސޭވެއް އެކަންޏެވެ. މެޗު ކޮންޓްރޯލް ކޮށް ހަމަލާތައް އުފެއްދީ އެތުލެޓިކޯއިންނެވެ.

ރޭގެ މެޗަށް ސެވިއްޔާ ނުކުތީ ރަނގަޅު ފޯމެއްގައި އޮވެގެންނެވެ. އެންމެފަހުން ކުޅުނު 10 މެޗުން އެޓީމު ބަލިވީ ރޭގެ މެޗުގައި އެކަންޏެވެ. އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ.