ޚަބަރު

މިދިޔަ މެއި މަހުގެ ފަހުން އިންޑިއާއިން 3000 އަށްވުރެ ގިނަ މެޑިކަލް ވިސާ ދިވެހިންނަށް ދޫކޮށްފައިވޭ

ރިފާ ހަލީލު

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް 3000 އަށްވުރެ ގިނަ ދިވެހިންނަށް މެޑިކަލް ވިސާ ދޫކޮށްފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެފި އެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނެފައިވަނީ ކޮވިޑު-19 އާއި ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިވީނަމަވެސް، ދިވެހިންނަށް އިންޑިއާއަށް ބޭސްފަރުވާ އަށް ދެވޭނެ ހާއްސަ އިންތިޒާމެއް އެކޮމިޝަނުން ފަހިކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން ފާއިތުވި އަށް މަހެއްހައި ދުވަސްތެރޭގައި 3000 އަށްވުރެ ގިނަ ދިވެހިންނަށް މެޑިކަލް ވިސާ ދޫކޮށްފައިވާ ކަމަށް ބުންޏެވެ.

އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް ނަމަވެސް އެގައުމުގެ ސަރުކާރުން ދިން ހާއްސަ ހުއްދައެއްގެ ދަށުން، ރާއްޖެއިން ފަރުވާ ކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ގިނަ ދިވެހިންތަކެއް ވަނީ އިންޑިއާ އަށް ގޮސްފަ އެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރަށް އެޅިފައިވާ ހުރަސްތަކުގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށާއި، ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް އިންޑިއާ އާއި ރާއްޖެ އާއި ދެމެދު މިދިޔަ އަހަރު ވަނީ އެއާ ބަބްލް އެއް ވެސް ގާއިމްކޮށްފަ އެވެ.