ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލި އާ ގަވައިދަށް އަމަލުކުރަން ފަށައިފިއެވެ.
އެ ގަވާއިދަކީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) އާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަކީ ކޮބައިކަން ކަނޑައަޅައި، އެފަދަ މީހުންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލާފައިވާ ގަވާއިދެކެވެ.
ހަމައެއާއެކު، 20 ނޮވެންބަރު 2020 ގައި އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 50 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުއްޖަކަށް ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭތީ، އެކަމާބެހޭ އުސޫލުތައްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 އަހަރުން މަތީގެ ފަރާތެއް އެ ގަވާއިދުގެ ދަށުން ޝަރުތު ފުރިހަމަވުމަށްޓަކައި، އެފަރާތް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކުށަކީ އެ ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށަކަށް ވާންޖެހޭނެއެވެ. އަދި ގަވާއިދުގެ ޖަދުވަލު އެކެއް ގައިވާ ކުށުގެ ތުހުމަތުގައިވާ މީހާއަކީ މާލީ ތަނަވަސްކަމެއް ނެތް މީހެއް ކަމުގައި ބަލާނެ މިންގަނޑުތަކުން ޝަރުތު ފުރިހަމަވާންޖެހޭނެއެވެ.
ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 އަހަރުން މަތީގެ ފަރާތްތައް އެކަމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނީ ގަވާއިދުގެ ޖަދުވަލު ދޭއް ގައިވާ ފޯމު މެދުވެރިކޮށެވެ. އެ ފޯމު އެޓާނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.
ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، އެ ކުއްޖާއަށް ގާނޫނީ ވަކީލެއް ހަމަޖެއްސެން ނެތްނަމަ، އެ ގަވާއިދުގެ ދަށުން ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 އަހަރުން ދަށުގެ ކުދިން އެކަމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނީ ގަވާއިދުގެ ޖަދުވަލު ތިނެއް ގައިވާ ފޯމު މެދުވެރިކޮށެވެ.
މިއަދު އަމަލުކުރަން ފެށި ގަވާއިދުގައި، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަންވީ ގޮތުގެ އުސޫލުތަކާއި ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ އިދާރާގެ ޒިންމާތަކާއި، ކަމާބެހޭ ދައުލަތުގެ އިދާރާތަކުން އަމަލުކުރަން ޖެހޭ އިޖުރާއަތުތަކާއި ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭ ގާނޫނީ ވަކީލުގެ ޒިންމާތަކާއި ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަރުދަނާ ގޮތެއްގައި ގާއިމުކުރުމާބެހޭ އުސޫލުތައް ހިމެނެއެވެ.
އެ ގަވާއިދަށް އަމަލުކުރަން ފެށުމުން، 2017 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދިޔަ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހިތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގަވާއިދު މިހާރު ވަނީ އުވިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު