ބެޑްމިންޓަން

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަ ބެޑްމިންޓަން ކްލަބެއް

ސްރީލަންކާގައި ދިރިއުޅެމުން އަންނަ ދިވެހިންގެ ބަޔަކު އިސްނަގައިގެން ޝަޓްލް މާސްޓާސްގެ ނަމުގައި ބެޑްމިންޓަން ކުލަބެއް އުފައްދައިފިއެވެ.

ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ގައި ބޭއްވި ރަސްމިއްޔާތެއްގައި ޝަޓްލް މާސްޓާސް ބެޑްމިންޓަން ކުލަބު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެމްއީސީސީގެ ޑިރެކްޓަރު މަރިޔަމް ޒާހިރެވެ. މި ރަސްމިއްޔާތުގައި ވަނީ އެ ކުލަބުގެ ލޯގޯ އާއި ޖާޒީވެސް އިފްތިތާހުކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ސްރީލަންކާގެ ވެސްޓަން ޕްރޮވިންސްގެ ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސްރީލަންކާގައި ދިރިއުޅެމުން އަންނަ ގިނަ އަދަދެއްގެ ދިވެހިންވެސް ބައިވެރިވިއެވެ.

ޝަޓްލް މާސްޓާސް އިން މައުލޫމާތުދޭ ގޮތުގައި އެ ކުލަބު އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ލަންކާގައި ދިރިއުޅޭ ދިވެހި ކުދިންނަށް ބެޑްމިންޓަންގައި ކުރިއަށްދެވޭނެ އިތުރު ފުރުސަތު ހޯދައިދިނުމެވެ.