ހައި-ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް ސޯލިހު މިގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި ހިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހު އެބޭފުޅުންގެ ލަފައާއެކުގައެވެ. އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ތައާރުފުކުރުމުގެ އެއް މަގުސަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަތުރުފަތުރު ކުރުމުގައި މިހާރު ހުރި ދަތިތައް ނައްތާލައި، ލުއިފަސޭހަ ޒަމާނީ ހިދުމަތަކަށް ހެދުމަށާއި ގައުމުގެ އިޖުތިމާއީ އަދި އިގުތިސޯދީ ދުވެލި އަވަސްކޮށް ތަރައްގީގެ ފައިދާ ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހި ކުރުމުގެ ގޮތުން މިހާރު ދެމުން އަންނަ ދޯނި ފެރީގެ ހިދުމަތްތަކަށްވުރެ ފެންވަރު ރަނގަޅު ހައި-ސްޕީޑް ފެރީގެ ހިދުމަތްތަކެއް ދިނުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޝްވަރާކުރެއްވިއެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ ތިން ޒޯންއާއި ހަ ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. އެގޮތުން ފެރީ ނެޓްވޯކުން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭ އިރު، އެއް ރީޖަން އަނެއް ރީޖަންއާ ވެސް ގުޅިގެންދާނެއެވެ. މިގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ކޮމިއުޓް ލިންކްއަކީ އެ ރީޖަނެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަކުރެވިފައިވާ ލިންކްއެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ހާއްސަކޮށްފައިވާ ލިންކެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގައި ހިމެނޭ ދެވަނަ ހިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ހިދުމަތެވެ. މި ހިދުމަތަކީ، އެ ރީޖަނެއްގައި ހިމެނޭ ހުރިހާ ރަށްތަކާ އެންމެ ކައިރީގައި އޮންނަ ކޮމާޝަލް ހަބްއާ ގުޅުވައިދޭނެ ހިދުމަތެކެވެ.