ދުނިޔެ

މުޅި ދުނިޔެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 90 މިލިއަނަށް އަރައިފި

މުހައްމަދު އައުޒަމް

ދެހާސް ނަވާރަވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެންނަން ފެށި ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 90 މިލިއަނަށް އަރައިފިއެވެ.

ދުނިޔޭގެ ހުރިހާ ގައުމުތަކަކުން ބައްޔާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ އިރު، ކޮވިޑްގެ އިތުރު ރާޅުތަކެއް އަރައި ލިބެމުންދާ ގެއްލުންތައް ދަނީ އިތުރުވަމުންނެވެ.

ކޮވިޑްގެ އާ ވޭރިއަންޓެއް ފެނި ޔޫކޭ އާއި އެފްރިކާ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ އިރު، އާ ވޭރިއަންޓް އެހެން ގައުމުތަކުންވެސް ދަނީ ފެންނަމުންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުން އެގައުމުތަކުގެ ރައްޔިތުންނަށް ވެކްސިން ދޭން ފަށާފައިވާ އިރު، ވެކްސިންގެ ޑިމާންޑު ބޮޑުވެ، އުފައްދާ ކުންފުނިތަކަށްވެސް ވަނީ ބާރު ބޮޑުވެފައެވެ.

ދުނިޔެއިން މިހާތަނަށް އެންމެ ގިނަ ކޭސް ފެނިފައިވާ އެމެރިކާއިން އެކަނިވެސް 22.7 މިލިއަން ކޭސް ފެނިފައިވާ އިރު، ދެވަނައަށް އެންމެ ގިނަ ކޭސް ފެނިފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން މިހާތަނަށް 10.5 މިލިއަން ކޭސް ފެނިފައިވެއެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ދުނިޔެއިން 1.95 މިލިއަން މީހުން މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. އެންމެ ގިނަ މަރުވެސް ރެކޯޑްކޮށްފައިވަނީ އެމެރިކާއިންނެވެ. އެގައުމުން މަރުވި މީހުންގެ އަދަދު ހަތަރު ލައްކައާ ގާތްކުރެއެވެ.