ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމުން ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓިފައި އޮތުމަށް ފަހު ޖުލައި 15ގައި އަލުން ހުޅުވާލި ފަހުން ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން އަންނަ އިރު، ފަތުރުވެރިކަމުގައި ލިބުނު ކުރިއެރުން ފަހަތަށް ސޮއްސާލުމަށް ޖާގަ ނުދިނުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ރިސޯޓުތަކާއި ފަތުރުވެރިކަމުގެ އުޅަނދުތަކާއި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނީ ހާއްސަ ގައިޑްލައިނެއްގެ ދަށުންނެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޓޫރިޒަމްގެ ގައިޑްލައިންތަކަށް އަކުރުން އަކުރަށް، ފިލިން ފިއްޔަށް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ހޯއްދެވި ކުރިއެރުން ފަހަތަށް ސޮއްސާލުމަށް ޖާގަނުދެމާތޯ. އުފުއްލަވަމުން ގެންދަވާ ތަކުލީފަށާއި، ދެއްވާ އެއްބާރުލުމަށް ފަށްފަށުން ޝުކުރިއްޔާ!" މިނިސްޓަރު ވިދާޅުވިއެވެ.

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް މިހާތަނަށް ވަނީ 150،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރު ރާއްޖެއަށް 500،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު، މިއަހަރުގެ މިހާތަނަށް ވަނީ 25،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.

ފަތުރުވެރިކަމަށް އައި ކުރިއެރުން ފަހަތަށް ސޮއްސާލުމަށް ޖާގަ ނުދިނުމަށް މިނިސްޓަރު މައުސޫމް ގޮވާލައްވާފައިވާ އިރު، ގެސްޓްހައުސް ހިންގާ ބައެއް ރަށްރަށުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ބައެއް ފަތުވެރިން އުޅޭ ކަމުގެ ކަންބޮޑުވުންތައް ބައެއް ފަރާތްތަކުންދަނީ ފާޅުކުރަމުންނެވެ. އަދި މި ފަހުން ބައެއް ރިސޯޓުތަކުންވެސް ގިނަ އަދަދެއްގެ މުވައްޒަފުންނާއި ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވެސް ވެއެވެ.