މެލޭޝިއާގައި ކޮވިޑް 19 ގެ ހާލަތު ގޯސްވުމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވީ ރަސްގެފާނު އަބްދުﷲ އަހުމަދު ޝާހު އެވެ.
މީގެ އިތުރުން ގޯސްވެފައިވާ ހާލަތުން އަރައިގަނެ، ބަލި ކޮންޓްރޯލު ކުރުމަށް ޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ބައެއް ސަރަހައްދުތައް ލޮކްޑައުން ކުރަން ވެސް ނިންމާފައިވާ ކަމަށް ބޮޑުވަޒީރު މުހިއްދީން ޔައްސިން ވަނީ ވިދާޅުވެފަ އެވެ.
ބޮޑުވަޒީރު މުހިއްދީން ޔައްސިން ވަނީ އެގައުމުގެ ވެރިރަށުގެ އިތުރުން ފަސް ސްޓޭޓެއް ދެހަފްތާގެ މުއްދަތަކަށް ލޮކްޑައުން ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މެލޭޝިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ ގައުމުގެ ސިއްހީ ނިޒާމަށް ނުތަކާވަރު ވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
ދުނިޔެއިން ކޮވިޑް ފެނުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފެށި ފުރަތަމަ ގައުމުތަކުގެ ތެރޭގައި މެލޭޝިއާ ހިމެނެއެވެ. މިހާތަނަށް އެގައުމުން 138،000 ކޭސް ފެނިފައިވާއިރު 500 އަށްވުރެން ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ.
މާދަމާއިން ފެށިގެން ލޮކްޑައުން އަށް އަމަލު ކުރުމަށް ނިންމާފައިވާއިރު ލޮކްޑައުން ކުރާ ސަރަހައްދުތަކުގައި ޒަރޫރީ ބޭނުންތަކަށް ނޫންގޮތަކަށް ނުނިކުމެވޭނެއެވެ.
މެލޭޝިއާއިން ކޮވިޑާ ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން އެގައުމުގެ އާބާދީގެ 32 މިލިއަން މީހުންގެ ތެރެއިން 70 އިންސައްތަ އާބާދީ އަށް ވެކްސިން ދިނުމުގެ މަސައްކަތް ފެށުމަށް އެގައުމުން ވަނީ ނިންމާފައެވެ. މެލޭޝިއާއަށް ވެކްސިންގެ ފުރަތަމަ ބެޗް އަންނަ މަހު ގެންދެވޭވަރު ވާނެކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.