މިހާރު ހަލުވިކަމާއެކު ކޮވިޑު ފެތުރެމުންދާ ގއ. ދެއްވަދޫގައި ބޯފެނާއި މަސް ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެ ދެއްވަދު އަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
ދެއްވަދޫ ކައުންސިލް ނައިބު ރައީސް އިބްރާހިމް ތައުފީގު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށުން ބޯފެނާއި ކަނޑުމަސް ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ. މިވަގުތު ބޭނުން ކުރާނެ މަހާއި ފެން ހުރި ނަމަވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި އެރަށުން މަސް އަދި ފެން ހުސްވެދާނެ ކަމަށެވެ.
ތައުފީގު ވިދާޅުވީ މިހާރު މިފްކޯ އާއި އެސްޓީއޯ އަދި ކޫއްޑޫގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތަކު އެހީތެރިކަން ފޯރު ކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
"ބިރު ހީވަނީ މަހަށްވެސް ނުދެވޭތީ މަސް ކޮޅެއްވެސް ނުލިބޭނެ ތާ. ރަށަށް އެއްވެސް އެއްޗެއް ނާދެވޭތީ ފެންވެސް ކާޑުވެސް ނުލިބޭނެ. އެކަމަކު ކާޑުގެ ބާވަތްތައް އެބަހުރި އަދި ބޭނުންވާ ވަރަށް. ކަނޑުމަހާ ފެނާ ހުރީ ވަރަށް މަދުން. ދެން އަޅުގަނޑުމެން އެހީތެރިކަމަށް އެދިފަ ވާނީ ކަމާގުޅޭ މުއައްސަސާތަކުގެ. އެބޭފުޅުން ޔަގީންކަން ދެއްވާ އެހީވާނެ ކަމަށް." އޭނާ ވިދާޅުވި އެވެ.
ދެއްވަދޫ އަށް ކޮވިޑް ބަލި ފެތުރުނު ސަބަބު މިހާތަނަށް އެނގިފައިނުވާއިރު ބަޔަކު ކަރަންޓީން އުސޫލާ ހިލާފަށް ރަށުތެރޭގައި އުޅުނު ކަމަށް ތުންތުން މަތިން ވާހަކަ ދެކެވެ އެވެ.
މިކަމާ ގުޅިގެން ތައުފީގައި ސުވާލު ކުރުމުން ވިދާޅުވީ އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
ދެއްވަދޫ އިން މިހާތަނަށް 24 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު