ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރުތައް މިދިޔަ ޖުލައި 15 ގައި އަލުން ހުޅުވި ފަހުން 42،000 އަށްވުރެ ގިނަ ޓޫރިސްޓު އެނދު އޮޕަރޭޓް ކުރަން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިހާތަނަށް 565 ޓޫރިސްޓު ފެސިލިޓީއެއް ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ. އެއީ 141 ރިސޯޓް/ މެރީނާ އާއި 11 ހޮޓަލާއި 131 ސަފާރީއެއްގެ އިތުރުން 286 ގެސްޓް ހައުސްއެކެވެ. މީގެ ތެރެއިން ހަތަރު ގެސްޓް ހައުސްއެއް މިދިޔަ އާދީއްތަ ދުވަހު ވަނީ އަލުން ހުޅުވައިފަ އެވެ. މިއާއެކު އޮޕަރޭޝަނަށް ގެނައި އެނދުގެ އަދަދު ވަނީ 42،072 އަށް އަރައިފަ އެވެ.
މިއަހަރުގެ ފުރަތަމަ 10 ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް ޖުމްލަ 30،644 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖެ އައި ޖުމްލަ ފަތުރުވެރިންނަށްވުރެ 9،129 އިތުރު އަދަދެކެވެ. އެމަހު ރާއްޖެއަށް 21،515 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން މިހާތަނަށް 8،716 ފަތުރުވެރިން އައިސްފައިވެ އެވެ. މާކެޓް ޝެއާއަށް ބަލާއިރު އެއީ 28.6 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެއީ 3،908 ފަތުރުވެރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު