ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 22 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމށެވެ. އަދި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 63 ޕަސެންޓާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 16 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 7،952 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމާއި، 10،134 ކިއުބިކް މީޓަރުގެ މިހާރު ބޭނުންކުރަމުން އަންނަ ބަނދަރު ސަރަހައްދު ފުންކުރުން ހިމެނޭ ކަމށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. އަދި 208 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 329 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1،875 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝަރޫއުގެ ޖުމްލަ އަގަކީ 46.01 މިލިއަން ރުފިޔާ އެވެ.