ޚަބަރު

އައްޑޫ ފްލައިން ސްކޫލް 35،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ރިފާ ހަލީލު

އައްޑޫ ފްލައިން ސްކޫލް 35،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އައްޑޫ ފްލައިން ސްކޫލުގައި ތަމްރީނު ފުރިހަމަކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެކަމުގައި އެތައް އަހަރެއް ހޭދަކުރަން ޖެހިފައިވުމާއި ބައެއް ދަރިވަރުން ސްކޫލުން ވަކިކުރާ ކަމުގެ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.

ސިވިލްއޭވިއޭޝަން އޮތޯރިޓީން ބުނީ އައްޑޫގައި ހިންގަމުން އަންނަ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ޖޫރިމަނާކޮށްފައިވަނީ މެއިންޓެނަންސް ދާއިރާގެ ގަވައިދުތަކާ ހިލާފުވެގެން ކަމަށެވެ. މަދަނީ ދަފްތަރުގެ ގާނޫނުގެ ދަށުން ކަމެއް ރަނގަޅު ކުރަން އެންގުމަަށްފަހު ޖޫރިމަނާ ކުރާނެ އަދަދާއި، އެކަން ތަކުރާރު ކުރާނަމަ ދެން ޖޫރިމަނާ ކުރާއިރު ދަރަޖަ ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން 2001 ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ މި ގާނޫނާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ އެންމެ ބޮޑު އަދަދަކީ 100،000 ރުފިޔާ އެވެ.

އެގޮތުން މިފަހަރު އައްޑޫ ފްލައިން ސްކޫލް ޖޫރިމަނާކޮށްފައިވަނީ 35،000 ރުފިޔާ އިން ކަމަށާއި އަދި މި ސްކޫލުގެ ކަންކަން އިސްލާހު ކުރުމަށް މިހާރު އިތުރު ފުރުސަތެއް ދީފައިވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ބުނެފަ އެވެ.

އައްޑޫ ފްލައިން ސްކޫލްގެ މައްސަލަ ބޮޑުވެ ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލަށް ވަނީ އަންގާފަ އެވެ. އެގޮތުން އެ ސްކޫލުން ކަނޑާލުމަށް ނޯޓިސް ދީފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާތިލް ކުރުމަށް އެ ސްކޫލަށް ކަމާގުޅޭ އިދާރާތަކުން ވަނީ އަންގާފަ އެވެ.

އެ ސްކޫލްގެ ދަރިވަރުންގެ ޖަމިއްޔާއިން ބުނެފައިވަނީ، އެކި ގޮތްގޮތުން ދަރިވަރުންނަށް ދަތި ކުރުމުގެ ކަންތައް އެތަނުން ކުރަމުންގެންދާ ކަމަށާއި، ސަރުކާރުގެ މުއައްސަސާތަކުން ކުރާ އަމުރުތަކަށްވެސް އެ ސްކޫލުގެ މެނޭޖްމަންޓުން ބޯ ނުލަނބާ ކަމަށެވެ.

އެ މައްސަލަތަކުގައި އުފެދުނު ކަންބޮޑުވުންތަކާއި ގުޅިގެން އެ ސްކޫލްގެ ދަރިވަރުންނާ ބައްދަލު ކުރައްވައި އެކުދިންނަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައުލޫމާތު ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ އޮޅުން ފިލުއްވައިފަ އެވެ.