(09 ޖެނުއަރީގެ އަދަދާ ގުޅޭ)
سعد އެ ސިޓީ ވިދާޅުވުމަށްފަހު އިރުކޮޅެއްވަންދެން އެއްވެސް ހިއްސެއް ޙަރަކާތެއްނެތި އިންނެވިއެވެ. حسن އިންނެވީ ވިސްނުންތެރިކަމާއެކު سعد ގެ މޫނުފުޅަށް ބައްލަވާށެވެ. سعد ގެ މޫނުފުޅުމަތީން ބައެއްފަހަރަށް ކޯފާގެ އަސަރު ފާޅުވަމުން ދިޔައެވެ. ބައެއްފަހަރަށް ފިކުރުފުޅު ކުރެއްވުމުގެ އަސަރު ފާޅުވަމުން ދިޔައެވެ. ސިޑިމަތީން މީހެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގަންނަވާހެން ހީފުޅުވެގެން حسن ބޭރު ބައްލަވައިލެއްވިއެވެ. އެއަށްފަހު އޭނާގެ ބޭބެއާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "އޭނާ މައްޗަށް އެބަވަޑައިގަންނަވާ!"
سعد ވިދާޅުވިއެވެ. "حسن! ކޮއްކޮ ޣަރުނާޠާއަށް ވަޑައިގަންނަވާން ތައްޔާރުވެވަޑައިގަންނަވާ! إدريـس ގެ ބައްގީއާއި އޭގެ އަސްތައް މިކޮޅުގައި އެބަހުރިތޯ؟"
"އާދެ!"
ކޮއްކޮ ميـمــونـة ގެ އަރިހުގައި ބައްގީގައި ވަޑައިގަންނަވާ! ބޭބެ ދާނީ ސީދާ ޠުލައިޠުލާއަށް." މިހެން ވިދާޅުވެފައި سعد ތެދުވެވަޑައިގެންފިއެވެ. އޭނާ ޖެހިގެންހުރި ކޮޓަރީގެ ދޮރު ކައިރިއަށް ހުއްޓިވަޑައިގެން ވިދާޅުވިއެވެ. "ميـمــونـة! މިހާރު މިރަށް ކަލާއަކަށް ރައްކާތެރިޔެއް ނޫން..... ކަލާ حسن ގެ އަރިހުގައި ޣަރުނާޠާއަށް ވަޑައިގަންނަވާން ތައްޔާރުވެވަޑައިގަންނަވާ! އިރާދަކުރެއްވިއްޔާ އަޅުގަނޑުވެސް ވަރަށް އަވަހަށް إدريـس ގޮވައިގެން ރަށަށްދާނަން. މިހާރު ހަވީރުވަނީ. ކަލާ ރޭގަނޑު ދަތުރުކުރެއްވުމެއް ރަނގަޅެއް ނޫން. ކަލާ މާދަމާ ހެނދުނަށް އިންތިޒާރު ކުރައްވާ. އަޅުގަނޑު ތަންކޮޅެއްކުރީން ގެއިން ނުކުންނާނަން. ރަށުގެ ދެކުނުފަރާތު ދޮރޯށީގެ ބޭރުގައި ތިޔަބޭފުޅުންނަށް އިންތިޒާރު ކުރާނަން. އެހިސާބުން އަޅުގަނޑު ތިޔަބޭފުޅުންނާއެކު ތަންކޮޅަކަށް ދަތުރުކުރާނަން. އެއަށްފަހު އަޅުގަނޑު ދާނީ ޠުލައިޠުލާއަށް. ނޯކަރުންގާތު ވިދާޅުވޭ. މީހަކު ކަލާއަށް ބައްދަލުވާން އަތުވެއްޖެނަމަ ކަލާ ވަޑައިގަތީ ރަށްޓެހިފުޅު އަންހެންކުއްޖެއްގެ ގެއަށޭ ބުނާށޭ. އޭރުން ޔަގީނުންވެސް އެއްވެސް ނުރައްކަލަކާ ނުލައި އެއްދުވަހު ދަތުރުކުރެއްވުމުގެ ފުރުސަތު ކަލާއަށް ލިބިވަޑައިގަންނަވާނެ!"
ميـمــونـة އެއްވެސް އެއްޗެކޭ ވިދާޅެއް ނުވިއެވެ. އޭނާ ހިމޭނުން ހުންނަވާން ފެއްޓެވުމުން سعد ވިދާޅުވިއެވެ. "އަޅުގަނޑުގެ ހުށަހެޅުމާމެދު ފިކުރުފުޅު ބޮޑުނުކުރައްވާ! މިހާރު ކަންހުރިގޮތުން އެހެންގޮތެއް ހެދޭކަށެއްނެތް. އިޝްބީލިއްޔާ މިހާރުވަނީ މިނިކާވަގުން ޝިކާރަކުރާ ތަނަކަށްވެފައި. ކަލާ މިރަށުގައި އިންނަވާކަށް ރަނގަޅެއްނޫން. އަޅުގަނޑު ވަރަށް ރަނގަޅަށް زيـاد ދަންނަން. އޭނާ ކޮންމެފަދަ ނުލަފާކަމެއްވެސް ކޮށްފާނެ!"
ميـمــونـة ހިތާމަވެރި އަޑުފުޅަކުން ވިދާޅުވިއެވެ. "އަޅުގަނޑަށް ހެދޭނެ އެހެންގޮތެއް ނެތްކަން އަޅުގަނޑަށް އެނގޭ! އެކަމަކު އަދިޔެއް ކަލާއަކަށް ދަތުރުކުރެއްވޭ ވަރެއްނުވޭ!"
سعد ޖަވާބު ދެއްވިއެވެ. "އަޅުގަނޑު މުޅީން ރަނގަޅުވެއްޖެ. حسن އާއި ކަލާގެ މުސްކުޅި ނޯކަރާ ހެކިވާނެ. މި މައްސަލަ ކުރިމަތިވުމުގެ ކުރީންވެސް އަޅުގަނޑުވަނީ މިރަށުން ފުރަން ގަސްދުކޮށްފައި."
ميـمــونـة ވިދާޅުވިއެވެ. "އަޅުގަނޑު ތައްޔާރު!"
* * * * * * * * * * *
ޢިޝާނަމާދުގެ އިރުކޮޅެއްފަހެވެ. ميـمــونـة އުޅުއްވީ ގޭގެ މަތީބުރީގައި ހުންނަ އޭނާގެ ކޮޓަރިކޮޅުގައެވެ. އޭނާ ދަތުރަށް ބޭނުންފުޅުވާ ތަކެތި ތައްޔާރުކުރައްވައިފައި ތިރިޔަށް ފައިބައިވަޑައިގަންނަވަނީއެވެ. ދޮރޯއްޓާ ދިމާއިން އޭނާގެ މުސްކުޅި ނޯކަރުގެ އަޑު އިވިވަޑައިގެންފިއެވެ. "ކަލާއަށްވެސް އެނގިވަޑައިގަންނަވާނެ. إدريـس ރަކަށު ނުއުޅުއްވާ. މިވަގުތު ކަލާ މާތް މީހެއްގެ ގެއަށް ވެދެވަޑައިގަތުމަކީ ރަނގަޅުކަމެއް ނޫން!"
ކޮންމެވެސް މީހެއް ވަރަށް ބާރަށް އެއްޗެހި ގޮވައިގަތެވެ. "ކޮންތާކު ގޮތްކުޑައެއްތަ؟ ކަލެޔަކަށް ނޭނގޭތަ އަހަންނަކީ ކާކުކަމެއް؟" ހިމޭނުން ހުރޭ. އެހެންނޫނީ މަރައިލަފާނަން!"
"އަޅުގަނޑަށް އެނގޭ ކަލާއަކީ މިރަށުގެ ފުލުހުންގެ ވެރިޔާ. ކަލާއަކީ إدريـس ގެ ރަޙުމަތްތެރިޔެއް. ކަލާއަށްޓަކައި ގޭގެ އަނެއްފަރާތް އެހެރީ ހުޅުވިފައި. މިއީ އޭނާގެ ކޮއްކޮ އިންނަވާ ފަރާތް. މިފަރާތަށް ވެދެވަޑައިގަތުމަކީ ރަނގަޅުކަމެއް ނޫން."
ميـمــونـة އަވަސްއަވަހަށް ތިރިޔަށް ފައިބައިވަޑައިގެންފިއެވެ. އޭނާ ފެންޑާގައި ހުންނަވައި ބޭރު ބައްލަވާން ފައްޓަވައިފިއެވެ. އަނދިރީގެ ތެރޭގައި ދެމީހަކު އޭނާގެ މުސްކުޅި ނޯކަރު ކޮއްޕައި ބޭރަށް ނެރުނުތަން އޭނާއަށް ފެނިވަޑައިގެންފިއެވެ. ދެންތިބި ޚާދިމުންވެސް ގޯތިތެރެއަށް އެއްވެއްޖެއެވެ. ނަމަވެސް އެކަކަށްވެސް ހަތިޔާރުއެޅި މީހުންގެ ކުރިމަތީގައި އެއްޗެއް ބުނާކަށެއް ނުކެރުނެވެ. ކޮންމެވެސް މީހެއް ނޯކަރުންނާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ. "ތިޔަބައިމީހުން ކަންބޮޑުނުވޭ. އަހަރެން މިއައީ إدريـس ގެ ކޮއްކޮ އަރިހަށް ވަރަށް މުހިންމު ޚަބަރަކާއިގެން."
ميـمــونـة ގެ ޚާދިމާ ހުރީ ފެންޑާގެ އެއްކަނެއްގައެވެ. އޭނާ ހުރީ ވަރަށް ބިރުންނެވެ..... ميـمــونـة ދުވެވަޑައިގެންފައި ސިޑިން މައްޗަށް އަރައިވަޑައިގެންފިއެވެ. ސިޑީގެ ދޮރުމަތީގައި سعد އާއި حسن އާ ދެބޭން ތިއްބެވިއެވެ. ميـمــونـة އެބޭފުޅުންނާ އެއްވެސް ވާހަކަފުޅެއް ނުދައްކަވައި ވަޑައިގެން ވެދެވަޑައިގަތީ ކޮޓަރިކޮޅަކަށެވެ. އޭނާ ދުނިދަނޑިޔަކާއި ތުރުކަހެއް ނަންގަވައިގެން ވަޑައިގެން މަތީބުރީގެ ބަރެންޑާގައި ހުއްޓިވަޑައިގެންފިއެވެ. އޭނާ ތުރުކަހުން ދުންޏެއް ނަންގަވައިގެން ދުނިދަނޑީގައި ރުވައިލައްވާން ފައްޓަވައިފިއެވެ. سعد އަވަސްއަވަހަށް ވަޑައިގެން ميـمــونـة ގެ މުލައްދަނޑިފުޅުގައި ހިފަހައްޓަވައިފައި ވިދާޅުވިއެވެ. "ميـمــونـة މަޑުކުރައްވާ! ގޯސް ނަހައްދަވާ. އަޅުގަނޑު ދަންނަވާ އެއްޗެއް އަޑުއައްސަވާ! އެތާނގައި ވަރަށްގިނަ މީހުން އެބަތިބި. ބޭރުގައިވެސް މީހުން ތިބޭނެކަން ކަށަވަރު. ކަލާ ކޮންމެވެސް ގޮތަކުން زيـاد މައްޗަށް ގެންނަވާ. އަވަސްކުރައްވާ. އެހެންނޫނީ އެންމެން މަތީބުރިޔަށް އަރައިފާނެ. އަޅުގަނޑުމެން ކޮޓަރީގައި ތިބޭނަން. ވަގުތު އައުމާއެކު އަޅުގަނޑުމެންނަށް
زيـاد ގެ ފިނޑިކަމުގެ ފައިދާ ހޯދޭނެ."
سعد، حسن ގޮވައިގެން އޭނާގެ ކޮޓަރިޔަށް ވަޑައިގެންފިއެވެ. ކޮޓަރީގެ ބައްތި ނިއްވައިލެއްވުމަށްފަހު ދޮރުމަތީގައި މަޑުކުރައްވައިފިއެވެ.
ގޯތިތެރެއިން زيـاد ހަޅޭއްލައްވަވާ އަޑު އިވެއެވެ. "ކީއްވެގެންތަ ميـمــونـة ވީތަނެއް ނުބުނާން ތިޔައުޅެނީ! އެންމެ ރަނގަޅު. ކަލޭމެން ބޭނުންގޮތެއް. އަހަރެމެން އަމިއްލަޔަށްވެސް އޭނާ ހޯދައިފާނަން!"
"ކާކުތަ؟" ميـمــونـة ތުރުތުރުއަޅާ އަޑުފުޅަކުން ވިދާޅުވިއެވެ.
زيـاد ހައެއްކަ ފިޔަވަޅު ކުރިޔަށް ޖެހިލައިފައި މަތިބަލައިލިއެވެ. އޭނާ ޖަވާބުދިނެވެ. "ކަމަނާގެ ޚާދިމު زيـاد ކަމަނާގެ އަރިހަށް ހާޒިރުވުމުގެ އަމުރުފުޅަކަށް އެދެން."
އޭނާގެ ވާހަކައިގައިވަނީ ބަރުދާސްނުކުރެވޭފަދަ މަލާމާތެވެ. ނަމަވެސް ميـمــونـة ކޯފާ މަތަކުރައްވައިފައި ވިދާޅުވިއެވެ. "އަންހެންކުއްޖަކު ބިރުގަންނަވަން ކަލާ ބޮޑު ލަޝްކަރެއް ގެންނެވުމުގެ ބޭނުމެއްނެތް."
"މި ސިފައިންގެ މީހުންކޮޅު މިއައީ ކަމަނާއަށް ޢިއްޒަތްދޭން. ކަމަނާ ކުޑައިރުކޮޅަކަށް ތިރިޔަށް ފައިބައިވަޑައިގަތުމުގެ އުނދަގޫ އުފުއްލަވައިފާނުތޯ؟ ނޫނީ އަޅުގަނޑު އަރިހަށް ހާޒިރުވަންތޯ؟"
"އަޅުގަނޑަށް އެނގޭ އަޅުގަނޑަކަށް ކަލާ ވަޑައިގެންނެވިޔަނުދީއެއް ނުހުއްޓުވޭނެ. ޚާދިމާ! އޭނާއަށް މައްޗަށް ވަޑައިގަންނަވާނެ މަގު ދައްކާ!"
زيـاد ދޮރުމަތީގައި މަޑުކުރަން ސިފައިންނަށް އަންގަވައިފައި ޚާދިމާއާއެކު މަތީބުރިޔަށް އަރައިވަޑައިގެންފިއެވެ. ميـمــونـة ވިދާޅުވިއެވެ. "ޚާދިމާ އޭނާ ކޮޓަރީގައި ބައިންދާ! އަހަރެން ޖެހިގެންމިހިރަ ކޮޓަރީގައިހުރެ އޭނާއާ ވާހަކަ ދައްކާނަން!"
زيـاد ހުންނެވީ ميـمــونـة ގެ މިޒާޖުފުޅަށް އައިބަދަލާމެދު ވަރަށްބޮޑަށް ހައިރާންފުޅުވެފައެވެ. އޭނާ ހުންނެވީ ވަރަށް އުފަލުންނެވެ. އޭނާ ހިތްޕުޅު ހަމަޖެހުމާއެކު ކޮޓަރީގެ ގޮނޑިޔެއްގައި އިށީނދެވަޑައިގެންފިއެވެ. ميـمــونـة سعد މެން ތިއްބެވި ކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. އޭނާ މެދުދޮރުމަތީގައި ހުންނަވައި ވިދާޅުވިއެވެ. "ކަލާ ތިޔަވަޑައިގަތީ އަޅުގަނޑުގެ ބޭބެއާއި ކަލާއާ އޮންނަ ގާތްކަމުގެ އިތުރު ހެތްކެއް ސާބިތުކޮށްދެއްވަން ދޮގެއްތޯ؟"
زيـاد ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ކަލާއާ މާގިނަ ވާހަކަތަކެއް ދައްކާކަށެއް ބޭނުމެއްނޫން. އަޅުގަނޑާ ހަވާލުވެފައިއޮތް މަސްއޫލިއްޔަތަކީ ކަލާ ޢިއްޒަތާއި އިޙުތިރާމާއެކު ޤުރުޠުބާއަށް ފޮނުވުން. ކަލާއަށްޓަކައި ބޭރުގައި ބައްގީ ތައްޔާރަށް އޮންނާނެ. ކަލާ އިންކާރު ކުރައްވާނަމަ ދަންނަވައިލާނަން. ޝެހެޒާދާ رشـيـد މިރަށުން ފުރައިވަޑައިގަތުމުގެ ކުރީންވަނީ ކަލާގެ ބޭބެ ޤަޞްޠިލާއިން އެނބުރި ވަޑައިގަންނަވާއިރު އިޝްބީލިއްޔާގެ ސަރަޙައްދުގެ އެންމެފަހު ޗެކްޕޮއިންޓުގެ ސިފައިން އޭނާ ޤުރުޠުބާއަށް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސަވައިފައި. އެހައިތަނުން އޭނާއަށް ރަނގަޅު މަގާމެއް ހޯއްދަވައިދެއްވުން ނުވަތަ ޖަލަށް ފޮނުއްވައިލެއްވުން އޮންނާނީ ކަލާގެ އިޚުތިޔާރުގައި!"
ميـمــونـة ވިދާޅުވިއެވެ. "އަޅުގަނޑު ކަލާއާ އެންމެ ސުވާލެއް ކޮށްލާނަން. އަޅުގަނޑުގެ ބަދަލުގައި ކަލާގެ ކޮއްކޮ އިންނެވިނަމަ ކަލާ ހައްދަވާނީ ކިހިނަކުންތޯ؟"
زيـاد އޭނާގެ ކޯފާ މަތަކުރައްވަން މަސައްކަތް ކުރައްވަމުން ޖަވާބު ދެއްވިއެވެ. "ބައްލަވާ! އަޅުގަނޑު މިއައީ ކަލާއާ ބަހުސުކުރާކަށެއް ނޫން. އަޅުގަނޑު އޮޅުންފިލުވަން ބޭނުންވަނީ ކަލާ ތިޔަހުންނެވީ ޤުރުޠުބާއަށް ވަޑައިގަންނަވަންތޯ ނުވަތަ އަޅުގަނޑު ސިފައިންނަށް ގޮވަންވީތޯ؟"
سعد حسن ގެ ކަންފަތްޕުޅުދޮށުގައި އެއްޗެކޭ ވިދާޅުވެފައި މަޑުމަޑުން ވަޑައިގެން ميـمــونـة އެއްފަރާތަކަށް ޖައްސައިލައްވައިފައި ކުއްލިޔަކަށް ދޮރު ހުޅުއްވައިލައްވައިފިއެވެ. زيـاد ސިއްސައިގެން ދިޔުމާއެކު އިންނެވި ގޮނޑިން ކުއްލިޔަކަށް ތެދުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާގެ އަނގަފުޅުން ބަސްފުޅެއް ބޭރުވުމުގެ ކުރީން سعد ގެ ކަނޑިކޮޅުގެ ތުނޑުހުރީ އޭނާގެ މޭމަތީގައި ޖެހިފައެވެ. ހަމައެއާއެކު ފެންޑާއާވީ ދިމާއިން حسن ވެސް އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. އޭނާގެ ކަނޑިކޮޅުގެ ތުނޑު زيـاد ގެ ކަނދުރާފުޅުގައި ބީހޭން ފަށައިފިއެވެ.
زيـاد ހުންނެވީ ހައިރާންފުޅުވެފައެވެ. އާގަމަވެވަޑައިގެންފައެވެ. سعد ވިދާޅުވިއެވެ. "ހަނދާންކުރައްވާތި! ކަލާ ހަޅޭއްލައްވަވަން އުޅުއްވައިފިނަމަ މިކަނޑިތައް ކަލާގެ ދޫފުޅަށްވުރެ މާތޫނުވާނެ. އިށީނދެވަޑައިގަންނަވާ!"
زيـاد އެއްވެސް ދެކޮޅުވެރިކަމެއްނެތި އިށީނދެވަޑައިގެންފިއެވެ. އޭނާ އިންނެވީ އޭނާގެ މުދުނަށް އަރައިފައިވާ ދެލޯފުޅުން އެއްފަހަރު سعد ގެ މޫނުފުޅަށް އަނެއްފަހަރު حسن ގެ މޫނުފުޅަށް ބައްލަވަބައްލަވައެވެ. އޭނާގެ މޫނުފުޅުމަތީން ދާތިކިތައް ނުކުންނަމުންދެއެވެ.
سعد ވިދާޅުވިއެވެ. "ތެދުވެވަޑައިގަންނަވާ!" زيـاد އެއްވެސް ދެކޮޅުވެރިކަމެއް ނުދައްކަވައި ތެދުވެވަޑައިގެންފިއެވެ. سعد އޭނާގެ މޫނުފުޅުމައްޗަށް މަލާމާތުގެ ހިނިތުންވުމެއް ވެރިކުރައްވައިފައި ވިދާޅުވިއެވެ. "އަބަދުވެސް ކަލާއަކީ ފިނޑިޔެއް!"
حسن ކުރިޔަށް ޖެހިވަޑައިގެން زيـاد ގެ އުނަގަނޑުފުޅުގައިއޮތް ކަނޑި ނައްޓަވައިލައްވައިފިއެވެ. زيـاد ގެ ޚަންޖަރުވެސް އަތުލައްވައިފިއެވެ.
سعد ވިދާޅުވިއެވެ. "ބިރުފުޅުގެން ވަޑައިނުގަންނަވާ زيـاد. އަޅުގަނޑުމެން ފިނޑިޔެއްގެ ލެޔަކުން އަޅުގަނޑުމެންގެ އަތްތަކެއް ހަޑިޔެއް ނުކުރާނަން. ހިންގަވާ ބޭރަށް ނުކުމެވަޑައިގެން ކަލާގެ އެކުވެރީންނަށް އަންގަވާ އެމީހުންގެ ބޭނުމެއް ނެތްކަމަށް. އެކަމަކު ހަނދާންކުރައްވާތި. ކުޑަކޮށްވެސް އެހެންގޮތެއް ހައްދަވައިފިނަމަ އެސްފިޔަ ޖަހައިލާހައި އިރުކޮޅެއްގެ ތެރޭގައި ކަލާގެ ކާބަފައިންގެ އަރިހަށް ކަލާ ފޮނުވައިލާނަން. حسن ބައްތި ހިއްޕަވައިގެން އަނެއް ކޮޓަރިޔަށް ވަޑައިގަންނަވާ! ميـمــونـة އަރިހުގައި އަވަހަށް ތައްޔާރުވެވަޑައިގަންނަވާން ދަންނަވާ! ހިންގަވާ زيـاد!"
سعد ގެ ވާހަކަފުޅަށްވުރެ ބޮޑަށް زيـاد އަށް އަސަރުކުރީ އޭނާގެ ކަނޑިކޮޅުގެ އިޝާރަތުންނެވެ. زيـاد ހިތްޕުޅާ ދެކޮޅަށް سعد ގެ ކުރިފުޅުމަތީގައި ހުންނަވައިގެން ބެލްކަންޏަށް ނުކުމެވަޑައިގެންފިއެވެ. سعد ހުންނެވީ زيـاد ގެ ފުރަގަހުން އޭނާގެ ގައިކޮޅުގައިޖެހޭ ހިސާބުގައެވެ. އޭނާގެ ކަނޑިކޮޅުގެ ތުނޑުހުރީ زيـاد ގެ އަރިކަށިފުޅުގައި ޖެހިފައެވެ..... "ކަލާގެ އަމުރަށް ކިޔަމަންވެއްޖެނަމަ އަޅުގަނޑުގެ ފުރާނަ ސަލާމަތްވާނެކަމަށް ވަޢުދުވެވަޑައިގަންނަވަމުތޯ؟" زيـاد ސުވާލު ކުރެއްވިއެވެ.
سعد ވިދާޅުވިއެވެ. "އަޅުގަނޑު ވަޢުދުވަން. އަޅުގަނޑުމެންނަށް ނުރައްކަލުގެ ދާއިރާއިން ބޭރަށް ނުކުމެވުމާއެކު ކަލާއަށް ހިތްހަމަޖައްސައިލައްވައިގެން ގެއަށް ވަޑައިގެންނެވިދާނެ."
زيـاد ތަންކޮޅެއް ކުރިޔަށް ޖެހިވަޑައިގެންފިއެވެ. އޭނާ ގޯތިތެރެ ބައްލަވައިލެއްވުމަށްފަހު އޭނާގެ އެކުވެރީންނަށް ގޮވައިލައްވައިފައި ވިދާޅުވިއެވެ. "މިހާރަކު ތިޔަބައިމީހުން މިތާ ތިބުމުގެ ބޭނުމެއްނެތެވެ. ތިޔަބައިމީހުން ދެން ދިޔަޔަސް އެންމެ ރަނގަޅު!"
ގޯތިތެރެއިން ސިފައިންގެ މީހެއް ވާހަކަދެއްކިއެވެ. "ބައްގީ މިތާ ބާއްވަންވީތޯ؟"
زيـاد ފަހަތަށް އެނބުރިވަޑައިގެން سعد އާ ދިމާއަށް ބައްލަވައިލެއްވިއެވެ. سعد މަޑުމަޑުން އާއެކޭ ވިދާޅުވިއެވެ. زيـاد އަނެއްކާވެސް ތިރި ބައްލަވައިލައްވައިފައި ޖަވާބު ދެއްވިއެވެ. "އާނ! ބައްގީ މިތާ ބާއްވާ!"
"އަޅުގަނޑުމެން އެންމެންވެސް ދާންވީތޯ؟"
زيـاد އަނެއްކާވެސް سعد އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. سعد ސުވާލުކުރެއްވިއެވެ. "ބޭރުގައި ތިބޭނީ ކިތައް މީހުންތޯ؟"
"ދެ ސަވާރުން." އޭނާ ޖަވާބު ދެއްވިއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު