ކުޅިވަރު

ޓޮޓެންހަމްއާ ދެކޮޅަށް ނުކުތް އަށްވަނަ ޑިވިޝަންގެ މެރައިން ދަނޑުން ފެނުނު ތަފާތު މަންޒަރުތަކެއް!

އިނގިރޭސި އެފްއޭ ކަޕަކީ އެގައުމުގެ ހުރިހާ ޑިވިޝަނެއްގެ ޓީމުތަކުންވެސް ކުޅޭ އެންމެ ބޮޑު މުބާރާތެވެ. ތާރީހީ ގޮތުން ބަލާއިރު އެފްއޭ ކަޕަކީ އެގައުމުގެ އެންމެ ޝަރަފުވެރި އެއް މުބާރާތެވެ. ކުދި ކްލަބުތަކަށް އެ މުބާރާތް ބޮޑުވެގެން ދަނީ، ކްލަބުގެ ތާރީހުގައިވެސް ނުލިބޭނެ ފުރުސަތުތަކެއް ފަހިވާތީއެވެ. ޕާޓް ޓައިމް ކްލަބުތަކުން އިނގިރޭސި ފުޓުބޯޅަ ޕިރަމިޑްގެ އެންމެ މަތީ ފަންތީގައި ކުޅޭ ޕްރިމިއާ ލީގުގެ ބޮޑުންނާ ދެކޮޅަށް ކުޅޭ މެޗުތަކަށް ވަކިން ހާއްސަ ސަމާލުކަމެއް އަބަދުވެސް ހުއްޓެއެވެ.

އެފްއޭ ކަޕްގައި ރޭ ޓޮޓެންހަމްއިން ކުޅުނު މެޗަށް އެފަދަ ސަމާލުކަމެއް ހުއްޓުނެވެ. މުޅި ޔޫރަޕްގައިވެސް އެންމެ ވަރުގަދަ އެއް ކްލަބު ޓޮޓެންހަމްއާއި ކޯޗު ހޯޒޭ މޮރީނިއޯ ނުކުތީ އިނގިރޭސި އަށްވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އެފްސީ މެރައިންސްއާ ދެކޮޅަށެވެ. އެޓީމަކީ ލީގު ޕިރަމިޑުގެ މިންގަޑަށް ބަލާއިރު، ޓޮޓެންހަމް އަށްވުރެ 160 ދަރަޖަ ދަށް ޓީމެކެވެ. ނޮން ލީގު ޓީމެކެވެ.

މެޗުން ޓޮޓެންހަމް 5-0ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ކާލޮސް ވިނީއަސް ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ. އޭގެ އިތުރުން ލޫކަސް މޯރާގެ ހިތްގައިމު ހިލޭ ޖެހުމެއް ފެނިގެން ދިޔައިރު، އުމުރުން 16 އަހަރުގެ އަލްފީ ޑެވިން ވަނީ މެޗުގައި ގޯލް ޖަހާފައެވެ. އެ މޮޅާއެކު ޓޮޓެންހަމް ވަނީ އެފްއޭ ކަޕްގެ ހަތަރުވަނަ ބުރަށް ދަތުރު ކޮށްފައެވެ.

ޕާޓް ޓައިމް ޓީމެއް ކަމަށްވާ މެރައިންއަށް ރޭގެ މެޗަކީ ހަޔާތުގައި މަދުން ނޫނީ ނުލިބޭނެ ފަދަ ފުރުސަތެކެވެ. ސަޕޯޓަރުން ދަނޑަށް ނުވައްދައި ރޭގެ މެޗުވެސް ކުޅެފައިވާއިރު، އެޓީމުގެ ހާލަތު މިވަގުތު އޮތީވެސް ވަރަށް ގޯސްކޮށެވެ. ކޮވިޑް 19އާއެކު ޓީމުގެ މެޗުތަކަށް ސަޕޯޓަރުން ނުވައްދައި ކުޅެން ޖެހުމުން މާލީ ގޮތުން ގާތްގަނޑަކަށް 100،000 ޕައުންޑްގެ ގެއްލުން މިހާތަނަށް ވެފައިވެއެވެ. އެ ކްލަބުގެ ލެވެލްގައި އެއީ ވަރަށް ބޮޑު އަދަދެކެވެ. ރޭގެ މެޗަށް ވާޗުއަލް ޓިކެޓް، 10 ޕައުންޑަށް ވިއްކާފައިވާއިރު، ކްލަބުގެ ސްޕޮންސާޝިޕްވެސް މިހާރު ވަނީ ކޮވިޑް 19އާ ހެދި ގެއްލިފައެވެ.

ރޭގެ މެޗަށް ޓިކެޓް ގަތް މީހުންގެ ތެރޭގައި ޓޮޓެންހަމްގެ ކޯޗު މޮރީނިއޯވެސް ހިމެނޭއިރު، މެޗަށް ޓިކެޓް ގަތް މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް މެރައިންގެ ކޯޗަކަށް އެއް މެޗުގައި ހުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

އެންމެ 3،185 މީހުންނަށް ވަދެވޭ ދަނޑަށް ޓޮޓެންހަމް ޓީމު ދިޔަ ބަހަށް އެ ދަނޑުގެ ޕާކިން ޒޯންގައި ޕާކެއް ނުކުރެވުނެވެ. މޮރީނިއޯއާއެކު ކުޅުންތެރިންނަށް ދަނޑަށް ވަންނަން ޖެހުނީ ވަރަށް ބޮޑު ސަރަހައްދަކަށް ހިނގާފައި ގޮހެވެ. އަވޭ ޓީމުގެ ޑްރެސިން ރޫމަށް ހަދާފައި ވަނީ އެ ދަނޑުގައި ބައެއް ހަފްލާތަކަށް ކުއްޔަށް ދޭ ހާއްސަ ހޯލެކެވެ. އެއީ އެހެން ޑްރެސިން ރޫމެއް ދަނޑުގައި ނުހުންނާތީއެވެ.

ގެތަކުގެ ތެރޭގައި ދަނޑު އޮންނައިރު، މެޗު ފެށިގެން ނިމުމާ ހަމައަށްވެސް ގޭގޭގެ ބެލްކަނިންނާއި ގެތަކުގެ ކޮޓަރިތަކުން ސަޕޯޓަރުން އަޑު އިވެމުންދިޔައެވެ. މެރައިންއަކީ ލިވަޕޫލްގެ މާސީ ސައިޑް ޓީމަކަށްވާއިރު، އެއް ގޭގެ ދޮރުން ކްލޮޕްގެ ފޮޓޯ ތަތްކޮށްފައިވާ ޔާގަން ކްލޮޕްގެ ކާޑް ބޯޑެއް ފެނިގެން ގޮސްފައިވެއެވެ.

އިނގިރޭސިވިލާތުގައި ނޮން އެލީޓް ފުޓުބޯޅަ މިވަގުތަށް ހުއްޓާލާފައިވާއިރު، މެރައިންއިން ދެން މެޗެއް ކުޅޭނެ ދުވަހެއް އެޓީމަކަށްވެސް ނޭނގެއެވެ.