ކުޑަކުއްޖަކާއެކު ޖިންސީ އަލަމެއް ހިންގުމުގެ ކުށުގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައެއްގައި އެ ދައުވާ ރައްދުވާ ފަރާތް ހިމަނާފައިނުވާތީ، އެ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށް އެ ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ނ. މަނަދޫ/ މައިނާގެ އަލީ ނަސީރު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި މަނަދޫ މެޖިސްޓްރޭޓް ކޯޓަށް އޮގަސްޓް 15، 2017 ގައި ހުށަހެޅި މައްސަލައެކެވެ.

ޖިނާއީ މައްސަލައެއްގެ ދައުވާ އެފަދަ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ، އެ ދައުވާ ސާބިތުކުރުމަށް ބޭނުންވާ ހެއްކާއެކުގައި ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ އިރު، ޕީޖީގެ ފަރާތުން އެ މައްސަލަ މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ ދައުވާ ސާބިތުކުރުމަށް ހުށަހަޅަން ބޭނުންވާ އެންމެހައި ބަޔާންތަކާއި ލިޔެކިޔުމާއި އެގްޒިބިޓްތައް ނުހިމަނަ އެވެ.

އެހެންކަމުން އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅާފައިވާ ދައުވާއަކަށްނުވާތީ، އެ ދައުވާ ފޯމު ބަލައިނުގަންނަން ކޯޓުން ނިންމި އެވެ. ކޯޓުގެ އެ ނިންމުމާ ގުޅިގެން، އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ޕީޖީގެ ފަރާތުން އަލުން މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ ސެޕްޓެމްބަރު 6، 2017 ގައެވެ.

އެކަމާ ގުޅިގެން ކޯޓުން ނިންމާފައިވަނީ، އެ މައްސަލައިގެ ދައުވާ ފޯމު ބަލައިގަތުމާ މެދު އެ ކޯޓުން ނިންމާފައިވާ ނިންމުން ދެމިއޮއްވައި، އެ ދައުވާ ފޯމު ބަލައިގަތުމާ މެދު އިތުރު ނިންމުމެއް އެ ކޯޓަށް ނިންމިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެ ނިންމުމާ ގުޅިގެން އެ މައްސަލަ މުރާޖައާ ކުރުމަށް ދެވަނަ ފަހަރަށް ޕީޖީ އޮފީހުން މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެވެ.

އެ ހުށަހެޅުމާ ގުޅިގެން ޑިސެމްބަރު 4، 2017 ގައި މަނަދޫ މެޖިސްޓްރޭޓް ކޯޓުން ޕީޖީ އޮފީހަށް އަންގާފައިވަނީ، "އެ މައްސަލައިގެ ދައުވާ ފޯމް މި ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް މި ކޯޓުން ނިންމާފައިވާ ނިންމުމަކީ ޝަރުއީ އަދި ގާނޫނީ ނިންމުމެއް ކަމަށްވާއިރު، އެ ނިންމުން، މަތީ މަރުހަލާގެ އެއްވެސް ކޯޓަކުން ބާތިލުކޮށްފައި ނުވާ ކަމާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 83 ވަނަ މާއްދާ އާއި 95 ވަނަ މާއްދާ މަތީ މަރުހަލާގެ ކޯޓަކުން ބާތިލުކޮށް ނުވަތަ އިސްލާހުކޮށްފައި ނުވާ ކަމާއި، ދައުވާ ހުށަހެޅުމަށް ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހާ ދެމެދު ވަކި ހާއްސަ އިންތިޒާމްތަކެއް ހަމަޖެހިފައިވާކަމުގައި ޝަރުއީ ކޯޓުތަކުގެ ބެލެނިވެރި ފަރާތުން މިކޯޓަށް އަންގާފައި ނުވާ ކަމާއި، މި މައްސަލައަކީ މިކޯޓުން ގޮތެއް ކަނޑައަޅާ ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް އެކަން އަންގާފައިވާ މައްސަލައަކަށްވާތީ، އެކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތްކަމުގައި ދަންނަވަން،" ކަމަށެވެ.

މަނަދޫ ކޯޓުގެ އެ ނިންމުން ގާނޫނީ އުސޫލާ ހިލާފު ކަމަށް ބުނެ ޕީޖީގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅި އެވެ. ނަމަވެސް އެކަމުގައި ޕީޖީގެ ފަރާތުން ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ހަރުދަނާ ނުކުތާއެއް ހުށަހަޅާފައިނުވާތީ، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ހާލަތު ބަޔާންކޮށްފައިވާ، ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ބުނާ ފަދަ ހާލަތެއް އޮތް ކަމަށް ނުފެންނާތީ، އެ މައްސަލަ ހައިކޯޓަށް ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވި އެވެ.

އެކަމާ ގުޅިގެން ރަޖިސްޓްރާގެ އެ ނިންމެވުން މުރަޖައާކޮށްދިނުމަށް ޕީޖީގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅި އެވެ. ޕީޖީގެ އެ ހުށަހެޅުން ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުން ނިންމެވީ، ޕީޖީ ހުށަހެޅުއްވި މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ބާވަތުގެ ގާނޫނީ ނުކުތާއެއް ހުށަހަޅާފައިވާކަން އެނގެން އޮންނާތީ، ރަޖިސްޓްރާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.

ނަމަވެސް މި މައްސަލައަކީ އިސްތިއުނާފަށް ހުށަހަޅަންޖެހޭ 10 ދުވަހުގެ މުއްދަތު ފާއިތުވި ފަހުން ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނާތީ، މައްސަލަ ހުށަހަޅަން ޖެހޭނީ ހައިކޯޓުގެ ގަވާއިދުގެ ދަށުން އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދިކަމަށް ކަނޑައަޅައި ނިންމެވި އެވެ. ފަނޑިޔާރުގެ އެ ނިންމުމާ ގުޅިގެން މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް އެދި 11 ފެބްރުއަރީ 2018 ގައި ޕީޖީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އެވެ.

ހައިކޯޓުގެ ފަރާތުން އެކަމަށް ހުއްދަދޭން ނިންމީ 20 ޖޫން 2019 ގައެވެ. ޕީޖީން އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލަ ބަލައި މިއަދު ކުރި ހުކުމްގައިވަނީ، "ޕްރޮސިކިއުޓަރު ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތެއް ހިމަނާފައިނެތުމާއި އަދި ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިސްތިއުނާފު ރައްދުވާ ފަރާތެއް ހިމަނައިދިނުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އެދިފައިނުވާތީ، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިތުރަށް ކުރިއަށް ގެންދަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިގަޒިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފިން،" ކަމަށެވެ.