ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ހުޅުމާލެގައި އިމާރާތްކޮށްފައިވާ 704 ހައުސިން ޔުނިޓަށް ކުލި ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ، ހުޅުމާލޭ 704 ފްލެޓް ދޫކޮށްފައިވާ މީހުންގެ ތެރެއިން އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުމަށް އުޒުރުވެރިވެފައިވާ މީހުން، ނުދެއްކި ހުރި ފައިސާ ދެއްކުމަށް ލުއި ގޮތެއް ހަމަޖައްސައިދިނުމަށް އެދެމުން އަންނަ ކަމަށެވެ.

އެގޮތުން އެފަދަ މީހުންނަށް ނުދެއްކި ހުރި ފައިސާ އާއި ޖޫރިމަނާ، ސެޓެލްމަންޓް އެއްބަސްވުމެއްގެ ދަށުން ހަ މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ ފައިސާ ދެއްކުމުގައި ލުއި ބޭނުންވާ މީހުން މިމަހުގެ 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އައިޑީ ކާޑު ކޮޕީ އާއި ފްލެޓް ނަންބަރު އަދި ގުޅޭނެ ފޯން ނަންބަރު އެނގޭނެ ގޮތަށް އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

އަދި ގަވައިދުން ފައިސާ ދައްކާފައި ނުވާ ފަރާތްތަކުގެ ތެރެއިން، މި ހަ މަސް ދުވަހުގެ ލުޔަށް އެދި ހުށަނާޅާ ފަރާތްތަކާއި ހަ މަސް ދުވަހުގެ ލުއި ހޯދުމަށް އެދި ހުށަހެޅުމަށްފަހު ސެޓްލްމަންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާމެދު، ފްލެޓް ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.