ރިޕޯޓް

ފައުޒާންގެ ވަކިވުން: ކަނޑުތެރެޔަށް ގެނބިގެން ދިޔައީ ދެކުއްޖެއްގެ ފުރާނަ ސަލާމަތްކޮށްދީފައި

އަހުމަދު ސާއިލް އަލީ

ސްކައުޓުންނަކީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި ނަމޫނާ ދައްކަމުން އަންނަ ބައެއްކަން އިއްޔެގެ ހާދިސާއިން ވެސް ރަނގަޅަށް އެނގެ އެވެ. ފުވައްމުލަކުގައި މޫދަށް އެރި އުޅުނު ކުޑަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް އުޅުމުގެ ތެރޭގައި މަރުވި 17 އަހަރުގެ އަހްމަދު ފައުޒާން ވެސް ވަނީ އެ ނަމޫނާ ދައްކައިދީފަ އެވެ. އޭނާގެ ފުރާނަ ގެއްލުނީ ދެ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރާން އުޅުމުގެ ތެރެއިންނެވެ.

ޏ. ފުވައްމުލަކު ދޫނޑިގަން، ޔޫރޯ، އުމުރުން 17 އަހަރުގެ ފައުޒާންއަކީ ފުވައްމުލަކު ސްކޫލްގެ ސެކަންޑް ޏަވިޔަނި ސްކައުޓް ގްރޫޕްގެ ސްކައުޓެކެވެ. އަދި އޭނާއަކީ ސްކައުޓް ޕެޓްރޯލް ލީޑަރެއްގެމަގާމުގައި ހުރި، ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10 ގައި މިއަހަރު ތައުލީމު ހާސިލްކުރަމުންދިޔަ ދަރިވަރެކެވެ.

ފުވައްމުލަކު މީހުންނާއި ސްކައުޓް އެސޯސިއޭޝަނުން ވެސް ބުނިގޮތުގައި ފުވައްމުލަކު މާނެރެ ސަރަހައްދަށް އެރި އުޅުމުގެ ތެރޭގައި ފައުޒާން ގެއްލުނީ ދެ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް އުޅުމުގެ ތެރެއިންނެވެ. އެ ސަރަހައްދަށް އިއްޔެ ހަވީރު އެރި އުޅުނު ކުޑަ ދެ އަންހެން ކުދިން ބާރުގަދަ އޮއިގައި ޖެހި ބޭރަށް ދަމައިގަތް ވަގުތު ފައުޒާންގެ ހިތްވަރުން ވަނީ އެ ކުދިން ސަލާމަތްކޮށް އިސްކޮޅު ޖެހޭ ހިސާބަށް ގެންގޮސްދީފަ އެވެ. ފައުޒާން ގެއްލުނީ އެ ކުދިން އިސްކޮޅު ޖެހޭ ހިސާބަށް ގެނައި ވަގުތު ޖެހި ރާޅަކާއެކު ކަނޑު ތެރެޔަށް ބޭރަށް ދަމައިގަނެގެންނެވެ.

"އޭނާ މިދުނިޔެއާ ވަކިވެގެން އެދިޔައީ އިންސާނިއްޔަތުގެ އެންމެ ފުރިހަމަ ނަމޫނާ އަޅުގަނޑުމެންނަށް ދައްކުވައިއިދީފައި. އެހެން އެންމެން އިބުރަތް ލިބިގަންނަން ޖެހޭ ފަދަ ހިތްވަރުގަދަ ނަމޫނާއެއް ދައްކުވައިދީފައި،" ސްކައުޓް އެސޯސިއޭޝަނުން ބުންޏެވެ.

ސްކައުޓް އެސޯސިއޭޝަނުން ބުނިގޮތުގައި ފައުޒާންއަކީ ސްކައުޓް ހަރަކާތުގައިވެސް ވަރަށް ހީވާގިކަމާއި މުރާލިކަމާއެކު، ހަރަކާތްތެރި ދައުރެއް އަދާކުރަމުންދިޔަ ހުލްގުހެޔޮ ސްކައުޓެކެވެ.

ފައުޒާން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެގެ ހަވީރު 4:50 ކަންހާއިރު އެވެ. އޭގެ ގަޑިއިރެއް ފަހުން އެ ކުއްޖާ މޫދު އަޑިން ފެނުނެވެ. އަދި ފުރާނަ ސަލާމަތްކުރުމަށް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ޑޮކްޓަރުން މަސައްކަތް ވެސް ކުރި އެވެ. ނަމަވެސް ފަރުވާ ދެމުން ދަނިކޮށް އޭނާގެ ފުރާނަ ވަނީ ގެއްލިފަ އެވެ. ބައެއް މަސްދަރުތަކުން ބުނިގޮތުގައި މޫދުއަޑީން ނެގިއިރު ކޮންމެވެސް ވަރަކަށް ފައުޒާންގެ ވިންދުވެސް ހުއްޓެވެ. އެކަމަކު އެއިރުވެސް ނޭވާއެއް ނުލައެވެ.

ފައުޒާން ވަކިވެ ދިއުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ފަހު ވަގުތު ވެސް ފައުޒާން ދައްކުވައިދިނީ މަތިވެރި ހިތްވަރެއް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ކުރެއްވި ޓްވީޓް

ދައުލަތުގެ ވެރިންނާއި ސްކައުޓް އެސޯސިއޭޝަންގެ އިތުރުން ފުވައްމުލަކުގެ ރައްޔިތުންނާއި އެތައް އާއްމުންނެއް ވެސް އަންނަނީ ފައުޒާންގެ އަގުވަޒަން ކުރަމުންނެވެ. އަދި އެންމެ ފަހު ވަގުތު އޭނާ ދެއްކި ހިތްވަރަށް އެތައް ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.