ކުޅިވަރު

ޔުނައިޓެޑާއި އާސެނަލް ހަތަރު ވަނަ ބުރަށް

އިނގިރޭސި އެފްއޭ ކަޕް ތިންވަނަ ބުރުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބު ކޮށް، މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ހަތަރުވަނަ ބުރަށް ދަތުރު ކޮށްފިއެވެ.

ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް ޖެހީ ކެޕްޓަން ބޭންޑްގައި މެޗަށް ނުކުތް ސްކޮޓް މެކްޓޮމިނީއެވެ. ރޭގެ މެޗަކީ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑްގައި މެކްޓޮމިނީ ނުކުތް ފުރަތަމަ މެޗެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މެންޓޮމިނީ ބުނެފައި ވަނީ ކުޑައިރުން ފެށިގެން އެންމެ ލޯބިވާ ކްލަބަށް ކުޅެ، އެ ކްލަބުގެ ބޭންޑް އަޅާލުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ރޭގެ މެޗަކީ އޭނާގެ ހަޔާތުގައި ކުޅުނު އެންމެ ހާއްސަ އެއް މެޗު ކަމަށެވެ. މެޗަށްފަހު ކޯޗު އޮލެ ގުނަ ސޮލްސްޖާވެސް ވަނީ މެކްޓޮމިނީއަށް ތައުރީފު ކޮށްފައެވެ. ސޮލްސްޖާ ބުނެފައި ވަނީ މެކްޓޮމިނީއަކީ ދަނޑުމަތީގައި "ބީސްޓް" އެއް ކަމަށާއި، މެންޓޮމިނީއާއެކު ނަތީޖާ ނެރެން ފަސޭހަވާ ކަމަށެވެ.

ރޭގެ މެޗުގައި ޔުނައިޓެޑް ލީޑު ފުޅާކުރުމަށްވެސް ފުރުސަތު ލިބިގެން ދިޔައެވެ. ހުއާން މަޓާގެ އިތުރުން ޑެނިއަލް ޖޭމްސްގެ ހަމަލާތައް ފާހަގަވެގެން ދިޔައިރު، ވަޓްފޯޑްގެ ގޯލް ކީޕަރު ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ.

ރޭ އާސެނަލްއިން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ނިއުކާސަލް ބަލިކޮށްފައިވާއިރު، މެޗުގެ ދެ ގޯލަކީވެސް އެކްސްޓްރާ ޓައިމްގައި ޖެހި ދެ ގޯލެވެ.

މެޗުގައި ނިއުކާސަލްއިން ވަރުގަދައަށް ޑިފެންސްކޮށް ކައުންޓާ އެޓޭކްގައި ހަމަލާ އުފައްދަން މަސައްކަތް ކޮށްފައިވާއިރު މެޗުގެ 90 މިނެޓް ތެރޭގައި އެންޑީ ކެރޮލްއަށް ވަނީ ނަތީޖާ އަނބުރާލަން ތިން ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ގައި ނަތީޖާ އޮތުމުން މެޗު އިތުރު ވަގުތަށް ދާން ޖެހުނުއިރު، އިތުރު ވަގުތުގައި ގޯލްތައް ޖަހައިދިނީ އެމީލް ސްމިތު ރޯވޭއާއި ޕިއޭ އެމްރިކް އަބަމަޔާންއެވެ.

ރެކޯޑު 14 ފަހަރަށް އެފްއޭ ކަޕް ހޯދާފައިވާ އާސެނަލްއަކީ އެންމެފަހުގެ އެފްއޭ ކަޕް ޗެމްޕިއަނުންވެސް މެއެވެ.