މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝިމާޒް އަލީ އަށް އަމާޒުވެފައިވާ ހިޔާނާތުގެ ތުހުމަތާ ގުޅިގެން ބަލަމުން އަންނަ މައްސަލަ އަަވަހަށް ނިންމައިދިނުމަށް އެ ޕާޓީން އެދިއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހިންގާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވަނީ އެމްއާރުއެމަށް ނިސްބަތްވާ ފިރިހެން ޑެޕިއުޓީ މިނިސްޓަރަކަށް ކޮރަޕްޝަންގެ ތުހުމަތުކޮށްފައެވެ.

"ރައީސް މައުމޫނަށް، ޓްރާންސްޕޯޓު މިނިސްޓްރީގެ އެމް.އާރް.އެމް އަށް ނިސްބަތްވާ ފިރިހެން ޑިޕިޔުޓީ މިނިސްޓަރުގެ އަމަލުތަކުން؛ ދައުލަތުގެ ގަވާއިދުތަކަށް ގޮންޖަހައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކުރާކަން ހާމަވުމުގެ މަރުހަލާގައި އެފަރާތާމެދު ގޮތެއް ނިންމަވައިދެއްވުން އެދެމެވެ،" ޒަރިޔަންދުގެ ޓުވީޓެއްގައި ވެއެވެ.

އެ ޓުވީޓް ރީޓުވީޓް ކުރައްވައި މައުމޫން ވިދާޅުވީ އެ މައްސަލައިގެ ތަފުސީލު އެމްއާރްއެމްގެ އޮފީހަށް ފޮނުވައިދިނުމަށެވެ. އަދި ޒަރިޔަންދު ވަނީ އެކަމުގެ ތަފްސީލު މައުމޫނާއި ރައީސް އޮފީހާ ހިއްސާކޮށްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި އެމްއާރުއެމަށް ނިސްބަތްވާ ދެ ޑެޕިއުޓީ މިނިސްޓަރުން ތިއްބަވާއިރު، ފިރިހެން ޑެޕިއުޓީ މިނިސްޓަރަކަށް ހުންނަވަނީ ޝިމާޒް އެކަންޏެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާއަށް އެމްއާރްއެމްގެ ފަރާތުން ފޮނުވި ސިޓީގައި ޝިމާޒްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށް، ޒަރިޔަންދު ދިރާސާކޮށް ލިޔެ ތައްޔާރުކޮށްފައިވާ ރިޕޯޓެއް މި ސިޓީއާއެކު ހިމަނާފައިވާނެ ކަމަށް ބުނެފައި ވެއެވެ.

އެމްއާރްއެމް އިން ބުނީ ޝިމާޒްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައަކީ މިހާރުވެސް ކޮމިޝަނުގައި ބަލަމުން ގެންދާ މައްސަލައަކަށްވާތީ، އެ މައްސަލަ އަވަހަށް ނިންމައިދެއްވައި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް އެ ޕާޓީއާވެސް ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.