ލައިފް ސްޓައިލް

ޒާރީ ޔޯގާ: އެމެރިކާ ދެމަފިރީންނަށް ފުރިހަމަ ޔޯގާގެ ހިދުމަތެއް! ޒާރީ ޕްރައިވެޓް ޖެޓަށް!

އަލީ ޔާމިން

ޒާރިފާ އަހުމަދޭ ބުނުމުން ނޭނގޭ މީހުން ފަހަރުގައި އުޅެފާނެއެވެ. ނަމަވެސް ޔޯގާ އިންސްޓްރަކްޓަރު ޒާރީ އޭ ބުމުން ނޭނގޭ މީހަކު މިހާރު މަދުވާނެއެވެ. އެއީ ޒާރީއަކީ އެތައް ބައެއްގެ ޔޯގާ އިންސްޓްރަކްޓަރު ކަމަށްވެފައި ޒާރީ ގާތުން ޔޯގާ ޝެޝަންތައް ނަގާ މީހުން ގިނަވުމުންނެވެ. ފިޓްނެސްގެ ދުނިޔެއަށް ލޯހުޅުވުމުގެ ކުރިން ކެމެރާ ކުރިމަތީގައި ޕްރެޒެންޓަރެއްގެ ގޮތުގައިވެސް ޒާރީ ވަނީ ދިގު މުއްދަތެއް ވާންދެން މަސައްކަތްކޮށް އެތައް ބައެއްގެ ލޯބި ހޯދައިފައެވެ. އެ ގޮތުން ރާއްޖޭގެ އެންމެ ބޮޑެތި ރޭޑިއޯ އަދި ޓީވީ ސްޓޭޝަންތަކުގައި ޒާރީ ވަނީ ހަބަރު ކިޔުމުގެ އިތުރުން ބޮޑެތި ޕްރޮގްރާމްތައްވެސް ހުށަހަޅައިފަ އެވެ.

ޒާރީއާއެކު ޔޯގާ ޝެޝަންތައް ނަގަން ބޭނުންވާ މީހުން ބައިވަރެވެ. ހާއްސަކޮށް ޕްރައިވެޓް ޔޯގާ ޝެޝަންތައް ނަގައިދިނުމުގައި ޒާރީއަކީ މަގުބޫލު އިންސްޓްރަކްޓަރެކެވެ. ޒާރީ ޔޯގާ ސިފަ ކުރަނީ "ބްރީތިން އެކްސަސައިޒް"ގެ ގޮތުގައެވެ. އެއީ "ޔޯގާ" އޭ ބުމުން ބައެއް މީހުންނަށް ވިސްނޭ ގޮތް ތަފާތުވުމާވެސް އެކުގައެވެ.

ޒާރީގެ އެދުރުވެރިކަމުގައި ރާއްޖެއިން ގިނަ ބަޔަކު ޔޯގާ ޝެޝަންތައް ނަގަމުން އައި ނަމަވެސް، ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ޝައުގުވެރިކަން އޭނާއަށް ހުރެދާނެ ކަމަށް ޒާރީ ވެސް ކުރީން އެއްވެސް ވަރަކަށް ހީކޮށްފައެއް ނުވެއެވެ. ޔޯގާގެ ދާއިރާއިން ކިޔަވައިގެން ހުރި ޒާރީއަކީ މަސައްކަތުގެ ތަޖުރިބާވެސް ހުރި މީހެކެވެ. ނަމަވެސް ފަތުރުވެރިންނަށް ޕްރައިވެޓް ޔޯގާ ޝެޝަންތަކެއް ނަގައިދިނުން ވެގެން ދިޔައީ ޒާރީއަށް އާ ތަޖުރިބާއަކަށެވެ.

މިވަގުތު އައްޑޫ، ހިތަދޫގައި ދިރިއުޅެމުން އަންނަ ޒާރީގެ އަތުގައި ފުރަތަމަ ހިފި ދެ ފަތުރުވެރިންނަކީ، ޕްރައިވެޓް ޖެޓެއްގައި އައްޑޫއަށް ޗުއްޓީ ހޭދަކޮށްލުމަށް ދިޔަ އެމެރިކާގެ ދެމަފިރިންނެވެ. އެމީހުންނާއެކު ޖުމުލަ ނުވަ މީހަކު ރާއްޖެ އައެވެ. ޒާރީ ބުނި ގޮތުގައި އެ ދެމަފިރިންނަކީ އަބަދުވެސް ޔޯގާ ހަދާ ދެމަފިރިންނެވެ. އެހެންވެ، ޗުއްޓީއަށް ރާއްޖެ އައިސްވެސް ޔޯގާއާ ދުރަށްދާން އެމީހުން ބޭނުން ނުވީ އެވެ.

"އެއީ އެ ޖެޓުގެ ކެޕްޓަނާއި ކެބިން ކުރޫ. އެމެރިކާ ދެމަފިރިން އެއީ. އަބަދުވެސް ޔޯގާ ހަދާތީ، އެމީހުން ބޭނުން ނުވީ ރާއްޖެ އައިސްވެސް ބްރޭކެއް ނަގަން" ޒާރީ ބުންޏެވެ.

އައްޑޫ، ހިތަދޫގައި ހުންނަ "ޕެބްލްސް އިން" ކިޔާ ގެސްޓްހައުސެއްގައި ޗުއްޓީ ހޭދަކުރަމުން އައި އެ ދެމަފިރިންނަށް ޒާރީ ކައިރިން ޔޯގާ ޝެޝަންތައް ނެގުމުގެ ހިޔާލު ދިނީ ޒުންބާ އިންސްޓްރަކްޓަރެއް ކަމުގައިވާ އައިމިނަތު ޝިއުޒާ އެވެ. ޔޯގާ ޝެޝަންތައް ނަގައިދިނުމަށް އެދި ޒާރީއަށް ގުޅީ، އެމީހުން ތިބި ގެސްޓްހައުސްގެ ފަރާތުންނެވެ. ލިބުނު ފުރުސަތުގެ ބޭނުން ޒާރީ ހިފީ ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ ގޮތުންނެވެ. ކަން ވީވެސް އެހެންނެވެ. ބާރަ ދުވަހަށް ނެގި ޔޯގާ ޝެޝަންތައް ވީ ޒާރީއާ، އޭނާގެ އެ ދެ ކްލައިންޓުންނާ ދެމެދު ހާއްސަ ގުޅުމެއް އުފެދުނު ދުވަސްތަކަކަށެވެ. ދުވާލަކު އެއް ގަޑިއިރު އެމީހުން ތިބޭ ގެސްޓްހައުސްގައި ޔޯގާ ޝެޝަންތައް ޒާރީ ނަގައިދިންއިރު، ޝެޝަންތަކުގެ ބޭރުން އެމީހުންގެ މެދުގައި އޮންނަ އެކުވެރިކަން ދިޔައީ ވަރުގަދަ ވަމުންނެވެ.

"ހަގީގަތުގައި ވަރަށް ތަފާތު އެކްސްޕީރިއަންސެއް މީ. ދެން ޒާރީވެސް މީ ކެބިން ކުރޫއަކަށް ކުރިން އުޅުނު މީހެއްވީމަ އެމީހުން ވަރަށް އިންޓަރެސްޓު ހުރި އަސްލު. ދުރު މީހެއްގެ ގޮތުގައި ނުދެކޭ. އެމީހުންނާއެކު ސްނޯކަލިން އާއި ޑިނާއަކަށްވެސް ދެވުނު" ޒާރީގެ ތަޖުރިބާ ކިޔާ ދެމުން ބުންޏެވެ.

ޒާރީ ބުނި ގޮތުގައި ޔޯގާ ޝެޝަންތަކުގެ ބޭރުން އެމީހުންގެ ފަރާތުން އޭނާއަށް ލިބުނު އެންމެ ބޮޑު ހަދިޔާއަކީ އެމީހުން އައި ޕްރައިވެޓް ޖެޓް ބަލައިލުމުގެ ފުރުސަތު ލިބުމެވެ. އެގޮތުން އެ ޖެޓަށް އަރައި ފޮޓޯ ނެގުމުގެ ފުރުސަތު ލިބުނު ކަމުގައި ޒާރީ ފާހަގަކުރިއެވެ. ވަކި ހާއްސަ ހުއްދައެއް ނަގައިގެން ޖެޓަށް އެރޭއިރު، ނަގަން ޖެހޭ ހުރިހާ ހުއްދައެއްވެސް ނެގީ އެ ދެ ފަތުރުވެރިންނެވެ. މި ޕްރައިވެޓު ޖެޓުގެ އެތެރެ ބަލައިލުމާއެކު އެ ޖެޓަށް އަރައި އެމީހުްނނާ އެކު ފުޓޯ ނެގުމަކީ ޒާރީއަށް ވެސް ލިބުނު ބޮޑު އުފަލަކާއި ޝަރަފެކެވެ.

ހުޅުމާލޭ ފިޓް ޒޯންގައިވެސް ދެތިން މަސް ދުވަހު މަސައްކަތްކޮށް އެތައް ބައެއްގެ ލޯބި ހޯދައިފައިވާ ޒާރީގެ އުންމީދަކީ ޔޯގާ ހެދުމުގެ ދާއިރާއިން ކުރިއަށް ދިއުމެވެ. އޭނާ މިހާރުވެސް އަންނަނީ އެތައް ބަޔަކަށް ޝެޝަންތައް ނަގައިދެމުންނެވެ. ޒާރީގެ ނަޒަރުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޔޯގާ (ބްރީތިން އެކްސަސައިޒް) އަކީ މުހިންމު އެއްޗެކެވެ. އަދި އެއީ އެތައް ބައްޔަކަށް ވެސް އޮތް ޝިފާއެއް ކަމުގައި އަމިއްލަ ތަޖުރިބާގެ އަލީގައި ޒާރީ ބުންޏެވެ.