Close
ޚަބަރު

ރިސޯޓުގައި ރޭޕެއް ނުކުރޭ، ނުގަބޫލުގައި އަންހެނެއްގެ ގައިގައި އަތްލާން އުޅުނު: ފުލުހުން

ރާއްޖޭގެ ރިސޯޓެއްގައި އިންޑިއާގެ ފިރިހެނަކު، ދިވެހި އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ ފެތުރުނު ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

އޮންލައިން ނޫހަކުން މިމަހުގެ ތިންވަނަ ދުވަހު ވަނީ ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓުގައި މަސައްކަތްކުރާ އުމުރުން 19 އަހަރުގެ ދިވެހި އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އަދި އެ އަންހެން މީހާ ރޭޕްކުރީ އެ ރިސޯޓުގެ އެފްއެންބީ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ އިންޑިއާ މީހެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެ މައުލޫމާތު ކަށަވަރުކުރުމަށްފަހު ފުލުހުން މިރޭ ބުނީ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕްކުރި ކަމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން މައުލޫމާތު އޮޅުންފިލުވި އިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތް ކަމަށެވެ.

ނަމަވެސް އެ ރިސޯޓުގައި އިންޓާންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތްކޮށްފައިވާ ކަމަށް އެ އަންހެން މީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މީޑިއާގައި އެ މައްސަލައާ ގުޅޭގޮތުން ރިޕޯޓުކުރުމުގެ ކުރިން އެއްވެސް ފަރާތަކުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށާއި އެ މައްސަލައާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބުނުއިރު ތުހުމަތުކުރެވޭ މީހާ ރާއްޖެއިން ފުރާފައިވާ ކަމަށެވެ.