ޚަބަރު

ކުޑަފަރީގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އަލީ ޔާމިން

މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)އިން ނ. ކުޑަފަރީގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ކުޑަފަރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ.

އެ ރަސްމިއްޔާތުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި ކުޑަފަރީ ކައުންސިލްގެ ރައީސް ހަސަން މުހައްމަދާއި ނައިިބު ރައީސް ޖަޒްލާން އާދަމްގެ އިތުރުން އެމްޑަބްލިޔުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ތެރެއިން ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުޑަފަރީއަށް ގެނެވި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި މި މަޝްރޫއުގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 20 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫއޫގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކުޑަފަރީގައި 9.5 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 250 ކިއުބިކް މީޓަރުގެ ތިން ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުޑަފަރީގައި 8.1 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކުރުމާއި، 650 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ދެ ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމުކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ.

ފެނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު އެމްޑަބްލިޔުއެސްސީން ފޯރުކޮށްދޭނެއެވެ.

ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫއު ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 38,245,917.74 ރުފިޔާއަށެވެ. އެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 4 ސެޕްޓެމްބަރު 2019 ގައެވެ. އެ މަޝްރޫއު ހަވާލުކުރީ 22 މަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.