ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު މެންބަރުންގެ އަދަދު ހަޔަކުން 11 އަށް އިތުރުކޮށް، އާ ބޯޑު އެކުލަވާލައިފިއެވެ.

އެޗްޑީސީގެ ބޯޑަށް އިތުރު ފަސް މެންބަރުން އައްޔަނުކުރި އިރު، އެކުންފުންޏާއި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ އެއްކޮށްލައިފައެވެ.

އެޗްޑީސީގެ ބޯޑަށް އަލަށް އައްޔަނުކޮށްފައިވަނީ ޖީއެމްއައިޒެޑްއެލްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި މިހާރު އެޗްޑީސީގެ ސީއޯއޯ، ޝާތިރު އަބްދުއް ރަހުމާނާއި އަބްދުލް މުންނިމް މުހައްމަދު މަނިކާއި އަބްދުﷲ މިއާދާއި މުހައްމަދު ޖަލާލު އަދި މަރިޔަމް ޝަވާދިންއެވެ.

އަލަށް އައްޔަންކުރި މެންބަރުންގެ އިތުރުން އެޗްޑީސީގެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ ޗެއާމަން މުހައްމަދު ޖައިޝް އިބްރާހީމާއި މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފާއި ހަސަން މުނީރާއި އިބްރާހިމް އަފްރާތު އަދި އަބްދުﷲ ރަމީޒެވެ.

އެޗްޑީސީއަކީ ސަރުކާރު 100 އިންސައްތަ ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބޯޑު މެންބަރުން އެންމެ ގިނަ ކުންފުންޏެވެ. އެޗްޑީސީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން 11 ބޯޑު މެންބަރުން ދެން ތިއްބަވަނީ ބީއެމްއެލްގައެވެ. ނަމަވެސް އޭގެ ތެރޭގައި އާންމު ހިއްސާދާރުން ހޮވާ ތިން ޑިރެކްޓަރުން ހިމެނެއެވެ.