މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމެންޓާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯގެ މިއަހަރުގެ ފުރަތަމަ ހަރަކާތް ކަމުގައިވާ ރައްކާ ރޯޑް ސޭފްޓީ ރަން 2021 މިއަދު ފަށައިއެވެ.

ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ދުވުން ފައްޓަވައިދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރެވެ. އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފާއި އެލައިޑުގެ އިސްވެރިންގެ އިތުރުން ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މިއަހަރުގެ ރައްކާ ރޯޑް ސޭފްޓީ ރަންގައި 800 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން މިއަދު ފެށި ރައްކާ ރޯޑް ސޭފްޓީ ރަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު 6:00ގެ ނިޔަލަށެވެ.

މި ދުވުން ކުރިއަށްދާނީ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ތަފާތު މެސެޖުތައް ހިމެނޭ ޓީޝާޓަކާއި މެޑަލްއެއް ދޭގޮތަށެވެ. މީގެ އިތުރުން މި ދުވުން ކުރިއަށްދާނީ 2018 އިން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓަކުގެ އަދަދު ކަމުގައިވާ 5،665 އެކްސިޑެންޓު، ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެ އަދަދު އުނިކުރެވޭ ގޮތަށެވެ.

މިއަހަރުގެ ރޯޑް ސޭފްޓީ ރަންއަށް ކަނޑައަޅާފައިވާ ޓެގަކީ، "މަގޭ ޒިންމާ އަމަލީ ގޮތުން ދެއްކުން" މިއެވެ.