މިހާތަނަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅެއް ނުހޯދި އޮތް އީގަލްސްއަށް މާދަމާ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށް ނުކުންނަ މެޗަކީ މަޖުބޫރު މެޗެކެވެ. ޓީމުގެ ފޯމް ރަނގަޅު ކުރުމުގެ އިތުރުން، ޓީމުގެ ހިތްވަރު އަލުން ނެގުމަށް އީގަލްސްއަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ އިރު، އެޓީމުގެ ހާލަތު މިވަގުތު ދަނީ ގޯހުން ގޯހަށެވެ.

އެންމެފަހުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ، ގައުމީ ޓީމުގެ ވިކްގާ، އަހުމަދު ރިޒުވާން (ރިޒޭ)ގެ ކަކުލަށް އަނިޔާވެފައިވާ އިރު، ރިޒޭގެ ލިގަމެންޓަށް ލިބުނު ބޮޑު އަނިޔާއާއެކު އޭނާއަށް ވަނީ ސީޒަން ނިމިފައެވެ. އެ މާޔޫސްކަމުގެ ތެރެއަށް އިތުރުވެގެން ދަނީ އަހުމަދު ނޫމާންއާއި މުހައްމަދު ނާއިމްގެ އަނިޔާއެވެ. ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ޕްރި މެޗު ކޮންފަރެންސްގައި މާޔޫސީކޮށް ފެނުނު އިރު، އޭނާ ބުނެފައި ވަނީ މިއީ އީގަލްސްގެ ތާރީހުގައިވެސް ކުރިމަތިވި އެންމެ ދަށް އެއް ހާލަތު ކަމަށެވެ.

"މިވަގުތު މިއޮތީ ވަރަށް ހާލަތު ދަށްކޮށް. ތާވަލުގެވެސް އެންމެ ދަށުގައި އޮތްއިރު މިވަގުތަށް އެންމެ ދަށް ޓީމުގެ ގޮތުގައި އީގަލްސް މިއޮތީ. ތާވަލުގެވެސް އެންމެ ފުލުގައި މިއޮތީ. ވަރަށް ޕްރެޝަރު ބޮޑުކޮށް މިދަނީ. އީގަލްސްގެ ފަހުގެ ތާރީހެއްގައި މި ހާލަތުގައި އޮތްހެނެއް ހީއެއް ނުވޭ. ހަތަރު މެޗު ކުޅުނުއިރު އެއް ޕޮއިންޓްގައި އޮތް ހަނދާނެއް ނެތް ފަހަކަށް އައިސް،" މޯހަން ބުންޏެވެ.

މޯހަން ބުނީ މިވަގުތު މުހިއްމީ ކުޅުމުގެ ސްޓައިލް ނޫނީ ކުޅުމުގެ ވައްޓަފާޅިއަށް ނޫން ކަމަށާއި، އެންމެ މެޗަކުން ވިޔަސް މޮޅެއް ހޯދުން ކަމަށެވެ. އަދި ސީޒަނަށް ނުކުތީ ތައްޓަށް ވާދަކުރަން ނަމަވެސް މިވަގުތު މިއޮތީ ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަން ޖެހިފައި ކަމަށްވެސް މޯހަން ފާހަގަކުރިއެވެ.

މޯހަން ފާހަގަކުރީ ޓީމުގައި ތިބި ސީނިއާ ކުޅުންތެރިން ލީޑަރުންގެ ގޮތުގައި ނުކުންނަން ޖެހޭ ކަމަށާއި، ޓީމުގެ ކުޅުންތެރިންނަށް އަދިވެސް އިތުބާރު އެބައޮތް ކަމަށެވެ.

"ހާލަތުން އަރައިގަންނަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ބަލާނީ. އެކަމަކު ހުރިހާ ކަމެއް ހުރީ އަހަރެމެން ޓީމާ ދެކޮޅަށް. އެކަމަކު މި ހާލަތުގައި ސީނިއާ ކުޅުންތެރިން އެކްސްޕީރިއަންސް ބޭނުންކޮށް، ލީޑަރުން ގޮތުގައި ނުކުންނަން ޖެހޭނެ. އުމުރުން ދުވަސް ނުވި ނަމަވެސް ކްރޯ، ހައިޝަމް ފަދަ ކުޅުންތެރިންގެ ސީނިއާ ވިސްނުން ބޭނުންކޮށް ކުރިއަށް ނުކުންނަން ޖެހޭނެ. އެޓިޓިއުޑް ގޯހެއްވެސް ނޫން. ޓީމުގެ މަސައްކަތްވެސް ގޯހެއް ނޫން. އެހެންވީމަ ޔަގީންކަން އެބައޮތް އެ ކުޅުންތެރިންނަށް،" މޯހަން ފާހަގަކުރިއެވެ.

އީގަލްސްއިން ޔޫވީއާ ދެކޮޅަށް ނުކުންނަ އިރު، ޔޫވީގެ ހާލަތުވެސް އޮތީ ވަކި ރަނގަޅަކަށް ނޫނެވެ. އަނިޔާގެ ބޮޑުތި މައްސަލަތަކާއެކު މާޔޫސްކަން ކުރިމަތިވެފައިވާ ކަމަށް ކޯޗު މުހައްމަދު އާދަމް ވަނީ ފާހަގަކޮށްފައެވެ.

"އަނިޔާގެ ސަބަބުން ޔޫވީގެ އެންމެ ވަރުގަދަ 11 އެއް ނެތް އީގަލްސް މެޗަށް ނެރެވޭކަން. ސެންޓްރަލް ދެ ޑިފެންޑަރުންވެސް އަނިޔާގައި ތިބީ. ޖުމްލަ ހަތް ކުޅުންތެރިންނާ ނުލައި މި ޖެހެނީ މެޗަށް ނުކުންނަން. އެއީ ޔޫވީ ކަހަލަ ބެންޗުގައި މާ ބޮޑެތި ކުޅުންތެރިންތަކެއް ނެތް ޓީމަކަށް ވަރަށް އުނދަގޫ ހާލަތެއް،" މުހައްމަދު އާދަމް ބުންޏެވެ.

ޔޫވީއާއި އީގަލްސްގެ ކުރިމަތިލުން އޮންނާނީ މާދަމާ ހަވީރު 4:00 ގައެވެ.