މިވަގުތު ލީގުގައި ކުރިމަތިވާނެ އެންމެ އުނދަގޫ ކަމަކީ ފޯމުގައި އޮތް ވެލެންސިއާ ހިފެހެއްޓުން ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު، މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ހަފްތާ ޓީސީން ވެލެންސިއާއާ ދެކޮޅަށް ނުކުންނަ އިރު، މިވަގުތު ލީގުގެ އެއްވަނައިގައި އޮތީ ވެލެންސިއާއެވެ. އެޓީމު ކޮޅަށް ގޯލެއް ވަދެފައި ނުވާއިރު، ހަތަރު މެޗުން 10 ޕޮއިންޓް ހޯދާފައިވެއެވެ. ޕޮއިންޓް ގެއްލުނީ ހަމައެކަނި މާޒިޔާއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައެވެ.
ޓީސީން އުނދަގޫ ހާލަތެއްގައި ސީޒަން ފެށި ނަމަވެސް އެޓީމުން ވަނީ ހަތަރު މެޗުން ފަސް ޕޮއިންޓް ހޯދައި، އުންމީދު ދަމަހައްޓައިފައެވެ.
"ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމަކީ ވެލެންސިއާ. ވެލެންސިއާ ހިފެހެއްޓުމަކީ ޓީސީއަށް ދިމާވާނެ އެންމެ އުނދަގޫ ކަންތައް. ވެލެންސިއާގެ ގޯލްކީޕަރުން ފެށިގެން ފޯވަޑުންނާ ހަމައަށް ވަރަށް ވަރުގަދަކޮށް މި ފެންނަނީ. އިންޑިވިޖުއަލް ކުޅުންތެރިން މޮޅު. ތަޖުރިބާ އެބަހުރި. ޓީމެއްގެ ގޮތުގައިވެސް މޮޅެއް ކުޅޭތަން ފެންނަނީ. އެހެންވީމާ ބަލިފައެއް ނެތޭވެސް ބުނެވިދާނެ. އުނދަގޫ ބަލިފައެއް ހޯދަން،" ވެލެންސިއާއާ ގުޅޭގޮތުން އެފްއޭއެމްގެ ޕްރި މެޗު ޕްރެސްގައި ޝާޒް ބުންޏެވެ.
ޝާޒް ބުނީ ވެލެންސިއާއަކީ މިހާރު ތަފާތު ފެންވަރެއްގެ ޓީމެއް ކަމަށާއި، ދަށް ދުވަހެއްގައިވެސް ނަތީޖާ ނެރެވޭނެ ފެންވަރު ޓީމުގައި އެބައޮތް ކަމަށެވެ. އިއްޔެގެ ޕްރެސްގައި ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އަށް ތައުރީފިކުރަމުން ޝާޒް ބުނީ ބިދޭސީ ކުޅުންތެރިއެއް ގެނައި ނަމަވެސް ދަގަނޑޭއާ އެއް ފެންވަރެއްގެ ކުޅުންތެރިއެއް ވަކި ނުގެނެވޭނެ ކަމަށާއި، ބިދޭސީ ކުޅުންތެރިންނާއެކު ދަގަނޑޭއާއި އަލީ ފާސިރު (ސެންޓޭ) އަދި އަކުރަމް އަބްދުލްޣަނީ (އަކޫ) ފަދަ ކުޅުންތެރިން ޓީމުގައި ތިބުމަކީ ބޮޑު ފައިދާއެއް ކަމަށެވެ.
ޓީސީ މެޗާ ގުޅޭގޮތުން ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ތާވަލުގެ އެއްވަނައިގައި އޮވެ ކޮންމެ މެޗަކަށް ނުކުތުމަކީވެސް ޕްރެޝަރެއް ކަމަށެވެ.
"ކޮންމެ މެޗެއްވެސް ތަފާތު. އިދިކޮޅު ޓީމުން ކުޅޭ ގޮތަކަށް ބަލާފައި ކުޅުމަށް ތަފާތުތަކެއް ގެނެސްގެން ކޮންމެ މެޗަކަށް މި ނުކުންނަނީ. ވެލެންސިއާ ތާވަލުގެ އެއްވަނައިގައި އޮތުމަކީ ޕްރެޝަރެއް. ޕޮއިންޓެއް ހޯދަން އިދިކޮޅުން ނުކުންނަ ޓީމު ކުރާ މަސައްކަތް އަބަދުވެސް ބޮޑުވާނެ. ތާވަލުގެ އެއްވަނައިގައި އޮތުމަކީ ވަރަށް ބޮޑު ޗެލެންޖެއް. ވަރަށް ބޮޑަށް އުނދަގޫވާނެ ކަމެއް އެއީ. ފައިނަލެއް ގޮތަށް ހުރިހާ މެޗުތައް ދާނީ،" އާތީ ބުންޏެވެ.
އާތީ ބުނީ ވެލެންސިއާ ސްކޮޑު އުމުރުން ދޮށިވުމާއެކު އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ ކަމަށާއި، މިހާތަނަށް ލީގުގައި ކުޅުނު މެޗުތަކުގައި ކުޅުންތެރިންގެ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށެވެ.
"ވެލެންސިއާގެ ސްކޮޑު އެހެން ޓީމުތަކާ އަޅާ ބަލާފައި އުމުރުން ދޮށި. އެހެންވީމަ އަބަދުވެސް ދެ މެޗު ދޭތެރޭގައި މި ބަލަނީ ރިކަވަރީއަށް. ޑިސްޓެންސް ކަވަރު ކުރުމުގެ ރޭޓް ބަލާ މީޓަރުވެސް އަޅައިގެން މި ކުޅެނީ. ސެންޓްރަލް ޑިފެންޑަރުވެސް ބައެއް މެޗުތަކުގައި އެބަހުރި 10 ކިލޯމީޓަރު ކަވަރުކޮށްފައި. އެހެންވީމާ އެއީ ހަމަ ވަރަށް ރަނގަޅު އަދަދެއް. އެހެންވީމަ ރިކަވަރީއަށް ހަމަ އަބަދުވެސް ބަލަނީ،" އާތީ ބުންޏެވެ.
ވެލެންސިއާއި ޓީސީ ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ 9:00 ގައި ގައުމީ ދަނޑުގައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު