ޚަބަރު

ގަނޑުކުރި ކާބޯތަކެތި ހުންނަން ޖެހޭ ވަރަށްވުރެ ދަށްކޮށް ފިނިހޫނުމިން ބަހައްޓައިގެން ވިއްކަމުންދޭ: އެމްއެފްޑީއޭ

ރިފާ ހަލީލު

ފިނިހޫނުމިން ބަހައްޓަން ޖެހޭ ވަރަށްވުރެ ދަށްކޮށް ފިނިހޫނުމިން ބަހައްޓައިގެން ފިނިކުރި ކާބޯތަކެތި ބައެއް ފިހާރަތަކުން ވިއްކަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސް ކޮށްފި އެވެ.

އެ އޮތޯރިޓިން ބުނީ ފިހާރަތަކުގައި ގަނޑުކުރި އަދި ފިނިކުރި ކާބޯތަކެތި ބަހައްޓަމުންދާ ގޮތް ބެލުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ އިންސްޕެކްޝަންގެ ތެރެއިން، ނެގި ސާމްޕަލްތައް ތަހުލީލުކޮށް ބެލި ބެލުމުގައި ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ އުފެއްދުންތަކުގެ ފިނި ހޫނުމިން ބަހައްޓަން ޖެހޭ މިންގަނޑުގައި ބަލަހައްޓަމުން ނުދާކަން ފާހަގަ ވެފައިވާ ކަމަށެވެ.

ގަނޑުކުރި ކާބޯތަކެއްޗަކީ ވަކި ފިނިހޫނުމިނެއްގައި ބަހައްޓަން ޖެހޭ ތަކެތި ކަމަށާއި އެ ފިނިހޫނުމިނަށް ބަދަލު އަތުވެއްޖެ ނަމަ އެ ކާބޯތަކެތީގެ ކޮލިޓި އާއި ރައްކާތެރިކަން ގެއްލޭނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ. އެހެން ކަމުން މިއީ އާއްމު ސިއްހަތަށް ނުރައްކާވާ ކަމަކަށްވާތީ މިފަދަ ތަކެތި ރައްކާކޮށް ގުދަން ކުރުމާއި އަދި ވިއްކަން ބެހެއްޓުމުގައި ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގަނޑުކުރި ކާބޯތަކެތީގެ ފިނިހޫނުމިން -18°C ސެލްސިއެސް އަށް ވުރެ މަތިނުވާނެ ގޮތަކަށް އަދި ފިނިކުރި ކާބޯތަކެތި 0-5°C ސެލްސިއެސް އާ ދެމެދުގައި ބެހެއްޓުން މުހިންމު ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.