ދިވެހިރާއްޖޭގެ ތާރީޚު

ދިވެހީންގެ ދަރިކޮޅުތަކާއި މަތިކޮޅުތައް - 5

އިޔާޒު ނަސީމް

އަލްފަޤީހު ސުލައިމާނު ޤާދިރީ ކަލޭގެފާނުގެ ޞޫރު ޤާދިރީ ކަލޭގެފާނުގެ ޢީސާ ޤާދިރީ ކަލޭގެފާނުގެ ދަރިކަލުން އަލްފަޤީހް އަލްޙާފިޡް އަލްޥަރަޢު ވައްޒާހިދު އައްޝައިޚް އަލްޢާލިމް ޔޫސުފުގެ ޔަޙްޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަޙްމޫދު ނާއިބުގެ ދޮންބުބޫގެ ދޮން ޙަސަން ޚަޠީބުގެ އައްޑޫމީދޫ ކަޅިހާރު އަބޫބަކުރު ޚަޠީބުގެ ދޮންދަނަބޫގެ ދަރިއަކީ ދޮން ޙައްވާއެވެ. ކުރީން ވެސް ލިޔެވިފައި ވާނޭ ފަދައިން މި ދޮން ޙައްވާއާ ކައިވެނި ކުރީ ކެއުޅާރު ހަނދޭގިރިތަކުރުގެ ޙައްވާބީގެ މަރްޔަމްބީގެ ޢުމަރުތަކުރު އެވެ. ލިބުނީ އިބްރާހީމް ތަކުރު އެވެ. މި އިބްރާހީމް ތަކުރު ކައިވެނި ކުރީ އުހުނިޔަރު ދޮން ޢަލީ ޚަޠީބުގެ ދަރި ދޮންސީނިބޫގެ އިބްރާހީމް ތަކުރުފާނުގެ ޛުލައިޚާއާއެވެ. ލިބުނީ ޢައިޝާ ރަނިޔައެވެ. މި ޢާއިޝާ ރަނިޔަށް ދޮންދަނަބޫގޭ ޢާއިޝާ ރަނިޔައޭ ވެސް އަދި ކަޅިހާރު ޢާއިޝާ ރަނިޔައޭ ވެސް ކިޔައެވެ. މިއީ އެ ޒަމާނުގައި ރީތި ކަމަށް ނަން މަޝްހޫރު ބޭކަނބަލެއް ކަމަށް ބުނެވެއެވެ. މި ޢާއިޝާ ރަނިޔައާ ކައިވެނި ބެއްލެވީ ހުވަދޫ މާމެންދޫ މުދިންގޭ އިބްރާހީމް ކަލޭގެފާނެވެ. މި އިބްރާހީމް ކަލޭގެފާނު، މި ޢާއިޝާ ރަނިޔައާ ކައިވެނި ބައްލަވައިގެން އުޅުއްވީ އައްޑޫމީދޫ ކަޅިހާރުގޭގައެވެ. ޢާއިޝާ ރަނިޔައާއި އިބްރާހީމް ކަލޭގެފާނަށް ލިބުނު ދަރީންނީ ކަޅިހާރު މުޙައްމަދު ޚަޠީބު މަނިކާއާއި ކަޅިހާރު އާމިނާ ރަނިޔަ (ފަހުން އެދުރުގޭ އާމިނާ ރަނިޔަ)އާ އެވެ. މި އާމިނާ ރަނިޔަކީ އައްޑޫމީދޫ އެދުރުގޭ އަލްފަޤީހް މޫސާ އެދުރުތަކުރުފާނު (މީދޫ އެދުރު ތައްޚާނު) އާއި އައްޑޫމީދޫ ގަނޑުވަރު އައްނާއިބު މުޙައްމަދު ތަކުރުފާނު (މުޙައްމަދު ތައްޚާނު) އާއި އައްޑޫމީދޫ ގަނޑުވަރު އައްޝައިޚް ޙުސައިން ތަކުރުފާނު (ޙުސައިން ތައްޚާނު)، މި ތިން ބެއިންގެ މަންމައެވެ.

އަލްފަޤީހް މޫސާ އެދުރުތަކުރުފާނު އުފަންވެ ވަޑައިގަތީ ހިޖްރައިން 1179 ވަނަ އަހަރު، އައްޑޫމީދޫގައެވެ. ފަޤީހު މޫސާގެ ފުރަތަމަ އަނބިކަނބަލަކީ އަލްފަޤީހް އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން އަލްކަބީރު (ބޮޑު ފަނޑިޔާރު ތަކުރުފާނު)ގެ އަލްޤާޟީ ޙުސައިން ޤުޠުބުއްދީނުގެ އަލްވަޒީރު އަލްކަބީރު މުޙައްމަދު ބޮޑު ފުތް ތަކުރުފާނުގެ އިބްރާހީމް ނާއިބު ތަކުރުފާނުގެ ފާޠިމާފާނު (ކުދުރަނިޔަގެ ފާޠިމާފާނު)ގެ އިބްރާހީމް ތަކުރުފާނުގެ އާމިނާފާނު (އެޅެގެދަރިގޭ އާމިނާފާނު)ގެ ފާޠިމާފާނުއާ އެވެ. މި ދެ ކަނބަލުންނަށް ލިބިލެއްވީ، އެދުރުގޭ ކުޑަ އެދުރު ތަކުރުފާނު، އާއި އެދުރުގޭ އައްނާއިބު މުޙައްމަދު ތައްޚާނު، އާއި އެދުރުގޭ އައްނާއިބު ޢަލީ ތައްޚާނު، އާއި އެދުރުގޭ އަލްފަޤީހް އަލްޤާޟީ އިބްރާހީމް މަޖްދުއްދީނު (އެދުރުގޭ އިބްރާހީމް ފަނޑިޔާރު ތަކުރުފާނު)، އާއި އެދުރުގޭ އެދުރު މަރްޔަމް މަނިކެ، އާއި އެދުރުގޭ ޢާއިޝާފާނު، އާއި އެދުރުގޭ ޙައްވާފާނު، އާއި އެދުރުގޭ އާމިނާފާނު، އާއި އެދުރުގޭ ޚަދީޖާ މަނިކުފާނު (އެދުރުގޭ ކަތްދާފާނު)އެވެ. ފަޤީހު މޫސާ ދެން ކައިވެނި ބެއްލެވީ އެޅަތޮށިގޭ ދޮށީ ޚަޠީބު މަނިކާގެ ދަރިކަނބަލުން އާމިނާ މަނިކުފާނު (ކުދުރަނިޔަގެ އާމިނާފާނު)އާ އެވެ. މި ކައިވެނީން ލިބިލެއްވީ ކުދުރަނިޔަގެ ފާޠިމާ މަނިކުފާނުއެވެ.

ފަޤީހު މޫސާގެ ކުދީންގެ ތެރެއިން އެދުރުގޭ ކުޑަ އެދުރުތަކުރުފާނުގެ ދަރިކޮޅެއް ނެތެވެ. އަވަހާރަވީ މާލޭގައި ނާއިބުކަމުގެ މަގާމުގައި ހުންނަވަނިކޮށެވެ. ފަޤީހު މޫސާގެ ކުދީންގެ ތެރެއިން އެދުރުގޭ އައްނާއިބު މުޙައްމަދު ތައްޚާނު ކައިވެނި ބެއްލެވީ އައްޑޫމީދޫ ގަނޑުވަރު ޚަދީޖާދީދީގެ ދޮންދީދީއާ އެވެ. މި ދެ ކަނބަލުންނަށް ލިބިވަޑައިގަތީ އައްޝައިޚް ކުޑަ ޢަލީދީދީއެވެ. މި ދީދީ ކައިވެނި ބެއްލެވީ އައްޑޫމީދޫ އައިސާބީގެދަރު އާމިނަތުދީދީއާ އެވެ. މި ދެ ކަނބަލުންނަށް ދަރިކަލެއް ދަރިކަނބަލެއް ލިބިވަޑައެއް ނުގަންނަވައެވެ. އެހެންކަމުން އެދުރުގޭ އައްނާއިބު މުޙައްމަދު ތައްޚާނުގެ ދަރިކޮޅު ވަނީ ހުޖުބުވެފައެވެ.

ފަޤީހު މޫސާގެ ކުދީންގެ ތެރެއިން އެދުރުގޭ އައްނާއިބު ޢަލީ ތައްޚާނު ކައިވެނި ބެއްލެވީ އައްޑޫމީދޫ ގަނޑުވަރު އާމިނަތުދީދީއާ އެވެ. މި ދެ ކަނބަލުންނަށް ލިބިވަޑައިގަތީ، އައްޑޫމީދޫ ނާބުގޭ އައްޝައިޚް އަލްފަޤީހް އަލްޙާފިޡް އަޙްމަދުދީދީ އާއި، ނާބުގޭ އިބްރާހީމްދީދީ އާއި، ނާބުގޭ މުޙައްމަދުދީދީ އާއި، ނާބުގޭ މޫސާދީދީއާއި ނާބުގޭ ފާޠިމަތުދީދީއެވެ.

ފަޤީހް މޫސާގެ ކުދީންގެ ތެރެއިން އެދުރުގޭ އަލްފަޤީހް އަލްޤާޟީ އިބްރާހީމް މަޖްދުއްދީނު ފުރަތަމައަށް ކައިވެނި ބެއްލެވީ ހުޅުދޫ އަތިރެގޭ އާމިނާފާނުއާ އެވެ. މި ދެ ކަނބަލުންނަށް ލިބިލެއްވީ، ދެށެނާގޭ އަލްޤާޟީ އިސްމާޢީލު ބަހާއުއްދީނު، އާއި ދެށެނާގޭ މޫސާ މަނިކު، އާއި ދެށެނާގޭ ޢަލި މަނިކު، އާއި ދެށެނާގޭ އައްނާއިބު އަޙްމަދު މަނިކު، އާއި ދެށެނާގޭ އައްނާއިބު ތުއްތުމަނިކު (ޙަސަން މަނިކު)، އާއި ދެށެނާގޭ ދޮންމަނިކެ (ފާޠިމާ މަނިކެ)، އާއި ދެށެނާގޭ ޙައްޥާމަނިކެއެވެ. ދެން އިބްރާހީމް މަޖްދުއްދީނު ކައިވެނި ބެއްލެވީ ޏ. ފުވައްމުލަކު ދިޔަރެހެމަގު ފާޠިމާފާނުއާ އެވެ. ލިބިލެއްވީ އައްނާއިބު މުޙައްމަދު މަނިކު (ދޮންމަނިކު)، އާއި ޙުސައިން މަނިކު (އެޅަމަނިކު)، އާއި ޚަދީޖާމަނިކެއެވެ. ދެން އިބްރާހީމް މަޖްދުއްދީނު ކައިވެނި ބެއްލެވީ މާލޭ އަލްއަމީރާ އާމިނަތު ކަނބައިދިކިލެގެއާ އެވެ. މި ދެ ކަނބަލުންނަށް ލިބިވަޑައިގަތީ އައްނަބީލާ ޛުލައިޚާ އިބްރާހީމް މަޖްދުއްދީނު (ބޮޑުފެންވަޅުގޭ ދޮންމަނިކެ) އެވެ. މި ދެ ކަނބަލުންނަށް ދެން ލިބުނު ބޭފުޅަކު ތުއްޕުޅު އިރު އަވަހާރަ ވީ ކަމުގައި އިބްރާހީމް މަޖްދުއްދީނަށް މުނިމާފަ ވިދާޅުވާ މަޝްހޫރު ޅެންވެރިޔާ ޑޭޒީމާ އާމިނަތު ފާއިޒާ ވިދާޅުވިއެވެ.