ގައުމީ ޓީމު އަދި އީގަލްސްގެ ހުނަރުވެރި ވިންގާ އަހުމަދު ރިޒުވާން (ރިޒޭ)ގެ ކަކުލަށް އަނިޔާވެ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

މިސީޒަންގެ ކުރީކޮޅުގައި ރިޒޭގެ ކަކުލަށް އަނިޔާވެ ބައެއް މެޗުތައް ގެއްލިފައިވާ އިރު، އެންމެފަހުން އޭނާއަށް އަނިޔާވީ އީގަލްސްއިން ކްލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ރިޒޭގެ ކަކުލަށް އަނިޔާވެ، އޭނާ ދަނޑުން ބާލަން ޖެހުނީ އަށިގަނޑުގައެވެ.

މެޗަށްފަހު ސްކޭން ކޮށް، ރިޒޭގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ހާމަކޮށްފައި ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ބައްސާމްގެ މީސް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އޭނާ ހާމަކޮށްފައިވާ ގޮތުގައި ރިޒޭގެ ކަކުލުގެ މައި ލިގަމެންޓް، އޭސީއެލް ވީދައިގެން ގޮސްފައިވެއެވެ.

ރިޒޭގެ ވާތުފައިގެ ލިގަމެންޓަށް ލިބިފައިވާ އަނިޔާގެ ސަބަބުން ސާޖަރީއަކަށް ދާން ޖެހޭކަން އަދި ހާމަކޮށްފައި ނުވި ނަމަވެސް، އެފަދަ އަނިޔާތަކުގެ ސަބަބުން އާންމުކޮށް އެންމެ މަދުވެގެން ހަ މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހެއެވެ.

ރިޒޭއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު، އެންމެ ފޯމުގައި ކުޅެމުން އަންނަ ކުޅުންތެރިޔާއެވެ. އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ރިޒޭ، 2015 ވަނަ އަހަރުން ފެށިގެން އީގަލްސްއަށް ކުޅެމުން އަންނަ އިރު، އޭނާ ވަނީ ކްލަބާއެކު ޕްރެސިޑެންޓްސް ކަޕެއްވެސް ކާމިޔާބުކޮށްފައެވެ.

2018 ވަނަ އަހަރުގެ ސީޒަންގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި، އޭނާ ވަނީ ދުނިޔޭގެ ރެކޯޑަކާވެސް ހަމަކޮށްފައެވެ. ކ. ދިއްފުއްޓަށް އުފަން ރިޒޭއަކީ އުމުރުން 25 އަހަރުގެ ޒުވާން ތަރިއެކެވެ.