ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ ކޮވިޑަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އެބަގެންދެއެވެ.

މުޖުތާޒުގެ އާއިލާގެ މެމްބަރަކު "ވަން" އަށް ވިދާޅުވީ މުޖުތާޒް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މިފަހުން އާއިލާއާއެކު ލ. ގަމަށް ޗުއްޓީއަށް ދިޔަ ދަތުރެއްގައި ހުން އަންނާތީ ކޮވިޑަށް ޓެސްޓު ކުރުމުން ކަމަށެވެ.

އާއިލާގެ މެމްބަރު ވިދާޅުވީ މުޖުތާޒު ގަމު ފެސިލިޓީގައި ތިން ދުވަހު ބޭއްވުމަށްފަހު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އޭނާ މާލެ ގެނެސްފައިވަނީ ހައި ރިސްކް ކަޓަގަރީގައި ހިމެނޭ މީހަކަށްވާތީ ކަމަށްވެސް އާއިލާގެ މެމްބަރު ވިދާޅުވިއެވެ.

ބައެއް މީޑިއާތަކުގައި މުޖުތާޒް ހާލު ދެރަވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ދެކެވޭ ވާހަތައް އާއިލާގެ މެމްބަރު ވަނީ ދޮގުކޮށްފައެވެ. އާއިލާގެ މެމްބަރު ވިދާޅުވީ މުޖުތާޒަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާއި ހާލު ގޯސްވެ ފަރުވާ ދެމުންގެންދާ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށެވެ. އަދި މިހާރުވެސް ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރުއީ ދާއިރާގައި އެތައް އަހަރެއް ހޭދަކުރައްވާފައިވާ މުޖުތާޒް ވަނީ ސެޕްޓެމްބަރު 2008 އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ. މުޖުތާޒް މިހާރު ހުންނެވީ ރިޓަޔާ ކުރައްވައިފައެވެ.