ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުތައް ބޭއްވުން އަވަސް ކުރުމަށްޓަކައި ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު އިސްލާހުކުރުމަށްޓަކައި ހާއްސަ ބިލެއް އެކުލަވައިލުމުގެ މަސައްކަތް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ފަށައިފިއެވެ.

ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު މިއަހަރަށް ފަސްކުރިއެވެ. އެ ބިލު ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހެވެ. އަދި އިންތިހާބު ބޭއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށްވެސް ހާއްސަ ގާނޫނުގައިވެއެވެ.

މީގެ އިތުރުން ހާއްސަ ގާނޫނު ތަސްދީގު ކުރެއްވުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަސައްކަތް ކުރަމުން އައީ މާޗު މަހުގެ ހަ ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމުން، އީސީން ވަނީ އިންތިހާބު އޭޕްރިލް ތިން ވަނަ ދުވަހު ބޭއްވުމަށް މިއަދު ނިންމައިފައެވެ.

އެ ތާރީހުގައި އިންތިހާބު ބޭއްވޭނީ ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވައި، އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހުތައް ގެނެސް، މި މަސް ނިމުމުގެ ކުރިން ތަސްދީގު ކުރުމުން ކަމަށް އީސީން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ބައެއް ހުރަސްތަކަށް ހައްލު ހޯދުމަށް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް ކަމާބެހޭ ބިލެއް ސަރުކާރުން އެކުލަވާލަމުންދާ ކަމަށެވެ. އަދި އެ ބިލު ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަަމަށްވެސް ވިދާޅުވިއެވެ.

އޭޖީން ބިލެއް އެކުލަވާލަމުން އަންނަ އިރު، އީސީން ވެސް އަންނަނީ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ބިލެއް ޑްރާފްޓްކޮށް، މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ހާއްސަ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭ މާއްދާއަށް ބަދަލު ގެނެސް، އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އީސީއަށް ލިބޭ ގޮތަށް ބަދަލު ކުރަން ބިލުގައި ހިމަނާނެ ކަމަށެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް އިންތިހާބު ބޭއްވުމުގެ ބާރު އީސީއަށް ލިބިދިނުމަށްވެސް އެ ބިލުގައި ހިމެނޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެ އިސްލާހުތައް އަންނަ މަހު މަޖިލިސް ހުޅުވުމަށްފަހު ގެންނަ ނަމަ، އިންތިހާބު ބޭއްވޭނީ ރޯދަމަހުގެ ފަހުން ކަމަށާއި އެއީ މެއި މަހުގެ ފަހު ކޮޅުގައި ނުވަތަ ޖޫން މަހުގެ ކުރީކޮޅުގައި ކަމަށް ވެސް ޝަރީފު ވިދާޅުވެފައިވެއެވެ.

ހާއްސަ ގާނޫނަށް އިސްލާހުގެނައުމަށް މަސައްކަތް ކުރަމުން އަންނައިރު، އެމްޑީޕީގެ ޕާލިއަމެންޓް ގްރޫޕުން އަންނަނީ މި މަހުގެ 15ގައި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.