ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގުގެ 40 ކޮވިޑް ޓެސްޓެއް ޕޮޒިޓިވް ވެއްޖެއެވެ.

ޕްރިމިއާ ލީގުގައި ކޮވިޑް 19ގެ ނުރައްކާ ބޮޑުވެފައިވާ އިރު، މިދިޔަ ދެ ހަފުތާގައި ހެދި ޓެސްޓުތަކުން ގިނަ ނަތީޖާތަކެއް ވަނީ ޕޮޒިޓިވް ވެފައެވެ. މިދިޔަ ހަފުތާގެ ގިނަ މެޗުތަކެއްވެސް ފަސްކުރަން މަޖުބޫރުވެފައިވާ އިރު، މި ހަފުތާގައި މިދިޔަ ހަފުތާއާ އަޅާ ބަލާއިރު، ޕޮޒިޓިވް ނަތީޖާތައް ވަނީ ދެގުނައަށް އިތުރު ވެފައެވެ.

ޕްރިމިއާ ލީގުގައި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮންމެ ހަފުތާއަކު ޓެސްޓު ކުރާ އިރު، މި ހަފުތާވެސް ވަނީ 2،295 މީހެއްގެ ޓެސްޓު ހަދައިފައެވެ. މިދިޔަ މަހު 28 އިން 31 އާ ދޭތެރޭ ކުރި ޓެސްޓުތަކުގެ 28 ނަތީޖާއެއް ޕޮޒިޓިވް ވެފައިވާ އިރު، މިދިޔަ ދެ ދުވަހުގެ ތެރޭގައި އިތުރު 12 ނަތީޖާއެއް ވަނީ ޕޮޒިޓިވް ވެފައެވެ.

މީގެ ކުރިން އެއް ހަފުތާ ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ވެފައިވަނީ 18 ނަތީޖާއެކެވެ. ޕްރިމިއާ ލީގުން ބުނެފައިވަނީ ލީގުގައި ވަރަށް ހަރުކަށިކޮށް ކޮވިޑުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި، ސަރުކާރުގެ އެންމެހާ އެންގުންތަކަށް ޕްރިމިއާ ލީގުގެ ސިއްހީ އިދާރާތަކުން އެއްބާރުލުން ދޭނެ ކަމަށެވެ.

ޕްރިމިއާ ލީގުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި ބުނެފައިވާ ގޮތުން ޕޮޒިޓިވްވާ ސްޓާފެއް ނޫނީ، ޕޮޒިޓިވްވާ ކުޅުންތެރިޔަކު 10 ދުވަހަށް އެކަހެރިވާން ޖެހޭނެއެވެ. މިދިޔަ ހަފުތާގައިވެސް ޕްރިމިއާ ލީގުގެ ތިން މެޗެއް ވަނީ ކޮވިޑް 19ގެ ކޭސްތަކާ ގުޅިގެން ފަސްކޮށްފައެވެ.