ރާއްޖޭން ގަތަރާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމަށް ނިންމައި، އެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާން ކުރައްވައިފި އެވެ.
ޓެރަރިޒަމަށް ވާގިވެރިވާ ގޮތަށް ގަތަރުން މަސައްކަތް ކުރަމުންދާތީ ކަމަށް ބުނެ އެގައުމާއެކު ރާއްޖޭން ބާއްވަމުން އައި ސިޔާސީ ގުޅުން ރަސްމީކޮށް ކަނޑާލީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު އެވެ. އެ ނިންމުން އޭރު އައީ ސައުދީން އިސް ވެ، ގަތަރާ ގުޅުން ކަނޑާލުމާއެކު އެވެ.
ނަމަވެސް އޭރު ސަރުކާރުން ބުނަމުން އައީ ގަތަރާއެކު ސިޔާސީ ގުޅުން ކަނޑާލީ ވަކި ގައުމެއްގެ ނުފޫޒާ ހެދި ނޫން ކަމަށެވެ.
ގަތަރާއެކު އަލުން ގުޅުން ގާއިމްކުރިކަން އިއުލާންކޮށް މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގަލްފު ކޯޕަރޭޝަން ކައުންސިލުން ނިންމި ނިންމުންތަކަށް ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ. އަދި ގަތަރުގެ އޮތޯރިޓީތަކާ ބޭއްވި މަޝްވަރާތަކަށްފަހު، ގަތަރާއެކު އަލުން ސިޔާސީ ގުޅުން ގާއިމްކުރަން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭން ގަތަރާއެކު ގުޅުން ގާއިމުކުރަން ނިންމި އިރު، ސައުދީން ވެސް ވަނީ ގަތަރާއެކު ގުޅުން ގާއިމްކޮށް، އެންމެ ފަހުން އެއްގަމާއި ކަނޑު އަދި ވައިގެ ބޯޑަރު ގަތަރަށް ހުޅުވާލުމަށް އެއްބަސްވެފަ އެވެ. އަދި ސައުދީގެ ފަހަތުން މިސްރު، ޔޫއޭއީ އަދި ބަހްރެއިނުން ވެސް ވަނީ ގަތަރާއެކު ގުޅުން ގާއިމްކުރަން ނިންމައިފަ އެވެ.
ރާއްޖޭން ގަތަރާއެކު ގުޅުން ގާއިމްކުރީ މެއި 26، 1984 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު