މިދިޔަ އަހަރުގެ ފަހު ހަ މަސް ދުވަސް ތެރޭގައި 327 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެބަ ތިބި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ޝަމީމު އެހެން ވިދާޅުވެފައިވަނީ، ބަންޑާރަ ނައިބުގެ ސިޔާސަތުގައި ކަނޑައަޅާފައިވާ ކަންކަން ހާސިލުކުރުމަށްޓަކައި މިދިޔަ އަހަރުގެ ޖޫން މަހުގެ 16 އިން އެ އަހަރުގެ ޑިސެމްބަރު މަހުގެ 15 އަށް ޕީޖީ އޮފީހުން ކޮށްފައިވާ މަސައްކަތުގެ މައްޗަށް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި ދެވަނަ ހާއްސަ ރިޕޯޓުގަ އެވެ.

ޕީޖީ ވިދާޅުވީ އެ ރިޕޯޓުގެ މުއްދަތުގައި 327 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެބަ ތިބި ކަމަށެވެ. އޭގެ ތެރެއިން 29 މީހުންނަކީ ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމާ ހެދި ރިމާންޑު ޖަލަކަށް ބަދަލު ނުކުރެވި ތިބި މީހުން ކަމަށާއި އަދި އެމީހުންގެ ތެރޭގައި ވެސް 100 ދުވަސް ވެފައި ތިިބި މީހުން ވެސް އެބަތިބި ކަމަށް ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ ރިމާންޑު މަރުކަޒުތަކަށް ބަލާއިރު މާލޭ ޖަލުގައި 149 މީހުން މާފުށީ ޖަލުގައި 134 މީހުން ހުޅުމާލެ ޖަލުގައި 14 މީހުން އަދި އައްސޭރި ޖަލުގައި ކުޑަކުއްޖަކު އެބަހުރި ކަމަށެވެ. ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ މީހުންގެ ބަންދު ރިވިއު ކުރުމަށްފަހު 39 މީހަކު ޝަރުތާއެކު ދޫކޮށްލަން އަދި ތިން މީހަކު ޑީޕޯޓްކޮށްލަން ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށް ޝަމީމު ވިދާޅުވި އެވެ.