ރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީން ގެންނަން އިކޮނޮމިކް މިނިސްޓްރީން ދެމުން އަންނަ ހިދުމަތްތަކާ ގުޅިގެން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، ކޯޓުގައި ރަޖިސްޓްރީކޮށް ނުވަތަ ނޮޓަރައިޒް ކުރުމަށްފަހު ހުށަހަޅަން ޖެހޭ ލިޔުންތަކެއް ހިމެނޭއިރު މިފަދަ ލިޔުންތަކުގެ ބޭނުމާއި މަގުސަދު ގެއްލޭ ގޮތަށް ހުށަހަޅަމުންދާތީ ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ބިދޭސީން ގެންނަން ދޫކުރާ ހުއްދައާ ގުޅޭ ލިޔުންތައް ނޮޓޮރައިޒްކޮށް ހުށަހަޅާއިރު، މައުލޫމާތު ފުރިހަމަ ނުކޮށް ހުންނަ ލިޔުން، ނޮޓަރައިޒް ކޮށްފަ ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ނޮޓަރައިޒް ކުރުމުގެ ބޭނުމާއި މަގުސަދު ގެއްލޭގޮތަށް ހުންނަ ލިޔެކިޔުން ނޮޓަރައިޒްކޮށް، ބައެއް ފަރާތްތަކުން ހުށަހަޅަމުން އަންނަ ކަމަށާއި ނޮޓަރައިޒް ކޮށްފައިވާ ލިޔުމުގައި ހިމެނޭ މައުލޫމާތު ބަދަލުކުރުމަށްފަހު ހުށަހަޅަމުން އަންނަ ކަންވެސް ފާހަގަވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އެހެންކަމުން، އެފަދަ ލިޔުން ހުށަހަޅާ ފަރާތްތަކާމެދު ގަވާއިދުން ފިޔަވަޅު އެޅުމާއެކު، އެފަދަ ލިޔުން ނޮޓަރައިޒް ކޮށްދޭ ފަރާތްތަކުން ނޮޓަރައިޒް ކޮށްދީފައި ހުންނަ ލިޔުން، އެ މިނިސްޓްރީން އިތުރަށް ބަލައިނުގަންނާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ. އަދި ސައްހަނޫން މައުލޫމާތު ހިމެނޭ ލިޔުމާއި، މައުލޫމާތު ފުރިހަމަ ނުވެ އޮއްވައި ނޮޓަރައިޒް ކޮށްފައިހުންނަ ލިޔެކިޔުން، އަދި ނޮޓަރައިޒް ކުރުމަށްފަހު ބަދަލު ގެނެސްފައި ހުންނަ ލިޔުންވެސް އެ މިނިސްޓްރީއަށް ބަލައި ނުގަންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު