ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުތައް ބޭއްވުން އަވަސް ކުރުމަށްޓަކައި ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށްޓަކައި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ ގްރޫޕު އެމްޑީޕީ ޕީޖީ ވަޓްސްއެޕް ގްރޫޕުގައި ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށްޓަކައި ހާއްސަ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ދައުރުން ބޭރުން މިމަހުގެ 15 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީ ޕީޖީގެ ގިނަ މެމްބަރުން ވަނީ އެކަމަށް ތާއީދު ކުރައްވައި ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރުމަށް ގޮވާލައިފައެވެ.
އެމްޑީޕީން ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުތައް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް މަޝްވަރާކުރެވެމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް މިރޭ ވަނީ ވިދާޅުވެފައެވެ.
ޝަރީފް ވިދާޅުވީ ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވައި އިސްލާހުތައް ގެނެސް، މި މަސް ނިމުމުގެ ކުރިން އެކަންކަން ތަންފީޒުކޮށްފިނަމަ، އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އިންތިހާބު ބޭއްވޭނެ ކަމަށެވެ. އަދި އެ ދުވަހު އިންތިހާބު ބޭއްވުމަށް އެ ކޮމިޝަންގައި މިއަދު މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ބިލެއް ޑްރާފްޓް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ހާއްސަ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭ މާއްދާއަށް ބަދަލު ގެނެސް، އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އީސީއަށް ލިބޭ ގޮތަށް ބަދަލު ކުރުން ކަމަށެވެ. އަދި ދެވަނަ އިސްލާހަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް އިންތިހާބު ބޭއްވުމުގެ ބާރު އީސީއަށް ލިބިދިނުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އަންނަ މަހު މަޖިލިސް ހުޅުވުމަށްފަހު މި އިސްލާހުތައް ގެންނަނަމަ، އިންތިހާބު ބޭއްވޭނީ ރޯދަ މަސް ފަހުން ކަމަށެވެ. އެއީ މެއި މަހުގެ ފަހު ކޮޅުގައި ނުވަތަ ޖޫން މަހުގެ ކުރީކޮޅުގައި ކަމަށެވެ. މީގެ އިތުރުން ޖޫން މަހުގެ ކުރީކޮޅު އޯލެވެލް އިމްތިހާނުތައްވެސް އޮންނާނެ ކަމަށާއި އެހެންކަމުން އިމްތިހާނުގެ ކުރިން ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު މިއަހަރަށް ފަސްކުރިއެވެ. އެ ބިލު ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހެވެ. އަދި އިންތިހާބު ބޭއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށްވެސް ހާއްސަ ގާނޫނުގައިވެއެވެ.
މީގެ އިތުރުން ހާއްސަ ގާނޫނު ތަސްދީގު ކުރެއްވުމުން އީސީން މަސައްކަތް ކުރަމުން އައީ މާޗު މަހުގެ ހަ ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. އިއްޔެ އަނެއްކާވެސް ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމުން މިހާރު އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު