ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުތައް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް މަޝްވަރާކުރެވެމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު މިއަހަރަށް ފަސްކުރިއެވެ. އެ ބިލު ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހެވެ. އަދި އިންތިހާބު ބޭއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށްވެސް ހާއްސަ ގާނޫނުގައިވެއެވެ. އެހެންކަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ ނުލައި އިންތިހާބު ބޭއްވުމުގެ އެއްވެސް ބާރެއް އީސީއަށް ލިބިގެންނުވެއެވެ.

މީގެ އިތުރުން ހާއްސަ ގާނޫނު ތަސްދީގު ކުރެއްވުމުން އީސީން މަސައްކަތް ކުރަމުން އައީ މާޗު މަހުގެ ހަ ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް މިހާރު އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އީސީގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވީ ހާއްސަ ގާނޫނުގެ ތިން މާއްދާއަކަށް އިސްލާހު ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެގޮތުން ހާއްސަ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭ މާއްދާއަށް ބަދަލު ގެނެސް، އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އީސީއަށް ލިބޭ ގޮތަށް ބަދަލު ކުރުން ކަމަށެވެ. އަދި ދެވަނަ އިސްލާހަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އިންތިހާބު ބޭއްވުމުގެ ބާރު އީސީއަށް ލިބިދިނުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި އިސްލާހުތައް މި މަސް ނިމުމުގެ ކުރިން ގެންނަން ޖެހޭ ކަމަށެވެ. އެކަން ކުރެވެން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވައިގެން ކަމަށާއި އެހެން ނޫން ނަމަ، ރޯދައިގެ ކުރިން އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

"އެންމެ ލަސްވެގެން ޖެނުއަރީ މަސް ނިމުމުގެ ކުރިން މި ގާނޫނު ފާސްވެގެންނޭ އަޅުގަނޑުމެންނަށް 3 އޭޕްރީލްގައި އިންތިހާބު ބޭއްވޭނީ. 3 އޭޕްރީލް އަކީ ރޯދަމަހަށް އެއް ހަފްތާ. 3 އޭޕްރީލްގައި އިންތިހާބު ބާއްވަން މިހާރު އަޅުގަނޑުމެން ތާވަލުކުރާ ކަމަށް ވަންޏާމު މި ގާނޫނަށް މި ބަދަލުތައް ގެނެވެން ޖެހޭނޭ ޖެނުއަރީ މަސް ނިމުމުގެ ކުރިން،" ޝަރީފް ވިދާޅުވިއެވެ.

"މިއަދު މަޝްވަރާ ކުރުމަށްފަހު އަޅުގަނޑުމެން 3 އޭޕްރީލަށް ތާވަލު ކުރަމާ ހިނގާށޭ. މާދަމާ އޮންނަ ކޮމިޝަންގެ މީޓިން އިން 3 އޭޕްރީލްއަށް ޖުމްލަކޮށް ނިންމާލެވޭނީ. އެހެން ނަމަވެސް މިއަދު ނުރަސްމީ މަޝްވަރާއެއްގައި އަޅުގަނޑުމެން 3 އޭޕްރީލްގައި ބާއްވާފައި، އަދި ދެވަނަ ބުރު 24 އެޕްރީލްގައި، އެއީ ރޯދަމަސް ތެރޭގައި ބާއްވަން މިއަދު ކޮމިޝަންގައި މަޝްވަރާ ކުރެވިފައި އޮތީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި އިސްލާހުތައް އަންނަ މަހު މަޖިލިސް ހުޅުވުމަށްފަހު ގެންނަނަމަ، އިންތިހާބު ބޭއްވޭނީ ރޯދަމަސް ފަހުން ކަމަށެވެ. އެއީ މެއި މަހުގެ ފަހު ކޮޅުގައި ނުވަތަ ޖޫން މަހުގެ ކުރީކޮޅުގައި ކަމަށެވެ. މީގެ އިތުރުން ޖޫން މަހުގެ ކުރީކޮޅު އޯލެވެލް އިމްތިހާނުތައްވެސް އޮންނާނެ ކަމަށާއި އެހެންކަމުން އިމްތިހާނުގެ ކުރިން ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.