އައްޑޫ ސިޓީގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ފްލައިން ސްކޫލުން ވިޔަފާރިކުރަމުން ދަނީ ދިވެހި ދަރިވަރުން ހައިޖެކް ކޮށްގެން ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެއެވެ.

ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ކަމާބެހޭ އިދާރާތައް ހާޒިރުކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ނަސީމް ވިދާޅުވީ އައްޑޫ ފްލައިން ސްކޫލަށް އިތުރު ދަރިވަރުން ނުނަގަން ދެންނެވި ނަމަވެސް ގާނޫނީ ގޮތުން ދަރިވަރުން މި މުއްދަތުގައި ނުވެސް ނެގޭނެ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑު އެންމެ ހައިރާންވާ ކަމަކީ އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ދިވެހި ދަރިވަރުން ހައިޖެކް ކޮށްގެން ބަޔަކު ވިޔަފާރިއެއް ކުރުމަށްޓަކައި އެގްރީމެންޓް އެކްސްޓެންޑް ކުރަމުންދާ ކަމެއް. ދިވެހި ދަރިވަރުން ހައިޖެކް އެބޭފުޅުންނާ އެއްކޮށް އެގްރިމެންޓް ހަދާފައި އޮތީ،" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އެގްރީމެންޓް މުއްދަތަކަށް ފުރަތަމަ ދިނީ 12 މަސް ދުވަސް ކަމަށާއި އޭގެ ފަހުން 18 މަސް ދުވަހަށް ހެދި ކަމަށެވެ. އަދި މިއަދު 24 މަސް ދުވަހަށް ހަދާފައިވާ ކަމަށް ވިދާޅުވިއެވެ.

"އެގްރީމެންޓެއް ހަދާފައި އެބައޮތް ޓްރިޕްލްއޭއާއެކު، ޓްރިޕްލްއޭއާގެ އެގްރީމެންޓް ހަމަވާން ކޯސް މުއްދަތަކީ 12 މަސް ކަމަށް ވަންޏާ ނުވަތަ 18 މަސް ކަމަށްވަންޏާ ނުވަތަ 24 މަސް ކަމަށް ވަންޏާ، ހަމަވާން އެވަރަށް ކުޑަތަންވީމާ ދެން ދަރިވަރުން ނުވެސް ނެގޭނެ އަސްލުގައި. ނަގައިގެން ނުވެސްވާނެ ދުރޫސުލް އަހުލާގް ކަންފުޅެއްވެސް ހުރި ބައެއް ވިއްޔާ. ތިބޭފުޅުންނަށް ދަރިވަރުން ނުނަގަން އަންގާފައި އޮންނަނީ މިބުނާ އެގްރީމެންޓް މުއްދަތު ހަމަވާން ދަރިވަރުން ގާނޫނީ ގޮތުން ނުނެގޭނެ ވަގުތެއްގައި،" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ދަރިވަރުން އިތުރަށް ނުނަގަން އެންގުމަކީ އުފާކުރާ ކަމެއް ނޫން ކަމަށާއި ދަރިވަރުން މި މުއްދަތުގައި ނުވެސް ނެގޭނެ ކަމަށެވެ. ނަސީމް ވަނީ ދަރިވަރުން ހައިޖެކް ކޮށްގެން ވިޔަފާރި ކުރަން ފުރުސަތު ދެނީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ވަކި ބަޔަކު ހިންގާ ސްކޫލަކަށް ވެގެން އެތަނެއް ބަންދު ނުކޮށް ނުތިބޭނެ ކަމަށާއި އެތަން ބަންދު ނުކޮށްވަނީ ދިވެހި ދަރިވަރުންތަކެއް އެތައް ބައިވަރު ފައިސާތަކަކާއި ވަގުތެއް ހޭދަކޮށްގެން ކުރި މަސައްކަތް ބޭކާރު ވެގެންދާނެތީ ކަމަށެވެ. އަދި އެގޮތަށް ތަން ބަންދުކޮށް ފޮނުވާލެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ އޭއޭއޭ އިން ޒިންމާ ނަގަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންކަން ބަލަމުންދާ ކަމަށެވެ. އޭވިއޭޝަނުންވެސް ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންކަން ކުރުމަށްޓަކައި އެޓާނީ ޖެނެރަލް އޮފީހާއެކު މަސްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ.