މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

ރިސްޓޯ: ލަލީގާގެ ތަޖުރިބާއާއެކު މާޒިޔާއަށް ޔޫރަޕްގެ ފިލޯސަފީ ގެންނަން ތައްޔާރު!

އޭޝިއާގެ ފުޓުބޯޅަ ތަރައްގީވަމުން އަންނަކަމުގެ ވާހަކަތައް ގިނައެވެ. ގައުމުތަކުގެ ލީގުތައް ވަރުގަދަވެ، އޭޝިއާގައި ޔޫރަޕްގެ ވަރުގަދަ ކުޅުންތެރިން ކުޅޭ މިންވަރުވެސް މިވަނީ އިތުރުވެފައެވެ. ހަމަ އެއާއެކު އޭޝިއާގެ ކުޅުންތެރިން ޔޫރަޕްގެ ލީގުތަކުގައި ކުޅޭ މިންވަރު އިތުރުވެ، އޭޝިއާގެ ކްލަބުތަކުން ޔޫރަޕްގެ ކްލަބުތަކާ އެފްލިއޭޓްވާ މިންވަރުވެސް އިތުރުވެއްޖެއެވެ.

ޔޫރަޕްގެ ތަޖުރިބާއާއެކު ރާއްޖޭ ލީގަށްވެސް މީގެ ކުރިންވެސް ކޯޗުން އައިސްފައިވާ އިރު، އެ ކޯޗުންގެ ފިލޯސަފީ ތަފާތުކަން ފެންނަންވެސް އެބަހުއްޓެވެ. އެ ކޯޗުންގެ ފަރާތުން ރީތި ފުޓުބޯޅަ ފެނިފައިވާ އިރު، ޓްރެކް ރެކޯޑު ރަނގަޅު، ކާމިޔާބީ ޔަގީން ކޮށްދީފައި އަންނަ ކޯޗުން އަދިވެސް މަދެވެ. އެހެން ނަމަވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ގެނައި ރިސްޓޯ ވިޑަކޮވިޗަކީ ޓްރެކް ރެކޯޑު ރަނގަޅު، ޔޫރަޕްގެ ފުޓުބޯޅައިގެ ފިލޯސަފީ ހުރި، އޭޝިއާގައި ސާބިތު ކޮށްދީފައިވާ ކޯޗެކެވެ.

އާސިއާން ސަރަހައްދުގެ ވަރުގަދަ ލީގެއް ކަމަށްވާ ފިލިޕީންސް ލީގު ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކޮށް، އޭއެފްސީ ކަޕްގައިވެސް ކާމިޔާބީތައް ހޯދައި، ރިސްޓޯ ރާއްޖޭގައި ކުރަން އޮތް މަސައްކަތާއި ދޭތެރޭވެސް އޭނާ ހުރީ އުންމީދު ބޮޑު ކޮށެވެ.

އޭޝިއާގެ ފުޓުބޯޅަ އެނގޭ - ދެކުނު އޭޝިއާގެ ފުޓުބޯޅަވެސް ކައިރިން ބަލާ

ސާބިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމު އަދާކުރި ރިސްޓޯ ވަނީ މިހާރު ސްޕެނިޝް ލަލީގާގައި ކުޅެމުންދާ ކާޑިޒްގެ ކޯޗުކަން 2010 ވަނަ އަހަރުކޮށްފައެވެ. އޭގެ ފަހުން ސްޕެއިންގެ އެކި ޑިވިޝަންތަކުގައި ކޯޗުކަން ކުރުމަށްފަހު ރިސްޓޯ މިސްރާބު ޖަހާފައިވަނީ އޭޝިއާއަށެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން އޭނާ ކޯޗުކަންކޮށްދިނީ ފިލިޕީންސްގެ ޗެމްޕިއަން ސެރެސްއަށެވެ.

ސެރެސްއާއެކު ޖެހިޖެހިގެން ތިން ފަހަރަށް ފިލިޕީންސް ލީގު ނަގައި، އޭނާ ވަނީ އޭއެފްސީ ކަޕުގައިވެސް ތަފާތު ދައްކައިފައެވެ. ރިސްޓޯއާއެކު 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ސެރެސްއިން މެލޭޝިއާގެ ވަރުގަދަ ޖޮހޯރް ބަލިކޮށް އާސިއާން ޒޯންގެ ޗެމްޕިއަންކަން ހޯދިއެވެ. އެފަހަރު އިންޓަ ޒޯން ސެމީ ފައިނަލުން ސެރެސް ބަލިވީ ތަޖިކިސްތާންގެ އިސްތިގްލާލް އަތުންނެވެ.

ޖެހިގެން އައި އަހަރު އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ބުރުގައި ސެރެސް ގޮވައިގެން ވިޑަކޮވިޗް ވަނީ ވާދަކޮށްފައެވެ. މިއީ އެ ކްލަބުގެ ތާރީހުގައި އޭއެފްސީ ޗެމްޕިއަންސް ލީގުގައި ނުކުތް ފުރަތަމަ ފަހަރެވެ.

"ވަރަށް ބޮޑު އުފަލެއް މިއީ މާޒިޔާގެ އާއިލާ ގުޅުމަކީ. އަހަރެންގެ ކެރިއަރު ކުރިއަށްގެންދަން މިއީ ވަރަށް މުހިއްމު ފުރުސަތެއް. އަހަރެން އުންމީދުކުރަނީ ވަރަށް ކާމިޔާބު ދުވަސްތަކަކަށް. މާޒިޔާއަށް އެކުގައި ގިނަ ތަށިތަކެއް ހޯދައިދޭން މަސައްކަތް ކުރާނަން. ފުޓުބޯޅައަކީ ހުރިހާ ތަނެއްގައިވެސް ހަމަ އެކައްޗެއް. އެއްގޮތަކަށް ކުޅޭ ކުޅިވަރެއް. އެއް ސިސްޓަމްތަކެއް މިހުންނަނީ. އޭޝިއާގެ އިރުމަތީ ފަޅީގައި މަސައްކަތް ކުރިއިރުވެސް ދެކުނު އޭޝިއާގެ ފުޓުބޯޅަ ވަރަށް ގާތުން ފެނުނު. މި ސަރަހައްދުގެ އިތުރުން އިންޑިއާ ލީގުގެ މެޗުތައްވެސް ވަރަށް ބެލިފައި ހުންނާނީ. އޭއެފްސީ ކަޕްގެ އިތުރުން އެހެން މުބާރާތްތަކުގައިވެސް ފެނިފައި ހުރީ މެޗުތައް. ޖަޕާނާއި ޗައިނާގެ އިތުރުން އޮސްޓްރޭލިއާ ފަދަ ބޮޑެތި ލީގުތަކުގައި ފިޔަވައި އޭޝިއާގައި މި ކުޅެނީ ހަމަ އެއް ފުޓުބޯޅައެއް،" ރިސްޓޯ ބުނެފައިވެއެވެ.

ރިސްޓޯ ބުނީ ފުޓުބޯޅަ އޭޝިއާގައި ކުރިއަރަން ފެށީ އިހަށް ދުވަހު ކަމަށާއި މިހާރު މި އަންނަނީ މުޅިން އާ ކުރިއެރުންތަކެއް ކަމަށެވެ. އިންޑިއާއާއި މެލޭޝިއާ އަދި ތައިލޭންޑްގައިވެސް މިކުޅެނީ ހަމަ އެއް ފުޓުބޯޅައެއް ކަމަށް ރިސްޓޯ ބުނެފައިވާ އިރު، އޭނާ ބުނީ ތައިލެންޑް ތަންތަނުގައި ބޭރުން ގެންނަ ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކަމަށާއި، އިންޑިއާއާއި އިންޑޮނޭޝިއާގައި ކުޅޭ ކުޅުންތެރިން ފެންވަރުވެސް މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ލަލީގާގެ ތަޖުރިބާ - ޔޫރަޕްގެ ފިލޯސަފީ އޭޝިއާއަށް ގެނައުމުގެ ވިސްނުން

ބޮސްނިއާއަށް އުފަން ރިސްޓޯއަކީ ކުޅުންތެރިއެއްގެ ގޮތުގައި ލަލީގާގެ ތަޖުރިބާ ހުރި ޑިފެންޑަރެކެވެ. ޔޫގޯސްލާވިއާގެ ގައުމީ ޓީމަށް ކުޅެފައިވާ ރިސްޓޯ އެގައުމުން ކެރިއަރު ފެށި ނަމަވެސް، އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ސްޕެއިންގައެވެ. 1994 ވަނަ އަހަރުން ފެށިގެން އޭނާ ރެއާލް ބެޓިސްއަށް ކުޅެފައިވާ އިރު، ބެޓިސްއަށް ރިސްޓޯ ދިޔައީ އެޓީމު ޕްރޮމޯޓްވި ސީޒަނުގައެވެ. އެ ސީޒަން ރިސްޓޯއާއެކު ބެޓިސް އިން ނިންމާލީ ލީގުގެ ތިންވަނައިގައެވެ. އެ ނަތީޖާއަކީ ގިނަ ބަޔަކު ހައިރާންވެސް ކޮށްލި ނަތީޖާއެކެވެ.

އެ ކްލަބަށް 2000 ވަނަ އަހަރާ ހަމައަށް ރިސްޓޯ ކުޅެފައިވާ އިރު، އޭގެ ފަހުން އޭނާ ވަނީ އޮސަސޫނާއަށް ވެސް ކުޅެފައެވެ.

"އަހަރެންގެ ވިސްނުމަކީ އޭޝިއާއަށް ޔޫރަޕްގެ ސްޓައިލް ގެނައުން. ކުޅޭނެ ގޮތާއި، ތަމްރީނުތަކުގެ ސްޓައިލްތައްވެސް އޭޝިއާއަށް ގެނައުން އެއީ އަހަރެންގެ ފިލޯސަފީއަކީ. ފިލިޕީންސްގައިވެސް ކުރީ އެ މަސައްކަތް. އެ މަސައްކަތް ތަކުރާރުކުރަން ވިސްނާނީ،" ރިސްޓޯ ބުނެފައިވެއެވެ.

ރިސްޓޯ މާޒިޔާއާ ހަވާލުވީ އެންމެ ރަނގަޅު ވަގުތު ނޫން ނަމަވެސް ކުޅުންތެރިން 100 ޕަސެންޓާއެކު އޭނާއަށް ނަތީޖާ ނެރެވޭނެ ކަމަށް ބުނެފައިވެއެވެ.

"މިއީ އެންމެ ރަނގަޅު ވަގުތަށް ނުވެދާނެ. ކޮންމެ ކޯޗަކަށްވެސް އެންމެ ރަނގަޅުވާނީ ޕްރި ސީޒަނުގައި ޓީމަކާ ހަވާލުވާން. އެކަމަކު މިއީވެސް ފުޓުބޯޅައިގައި އަންނާނެ ހާލަތްތައް. އެކަންކަމަށް ޖެހޭނީ ހޭނެން. ވަގުތު ނޯވެދާނެ ބޭނުންވާ ހުރިހާ މަސައްކަތެއް ކުރަން. ލީގު ކުރިއަށްދާއިރު އުނދަގޫވެސް ވާނެ. އެކަމަކު އަހަރެންގެ އެބަހުރި ވިސްނުމެއް، ޓީމުގެ ކުޅުމާއި، ރަނގަޅުކުރަން ޖެހޭ ކަންކަން އެނގޭ. ޓީމުގެ މާހައުލު ރަނގަޅު. ހުރިހާ ކުޅުންތެރިން 100 ޕަސެންޓް ދޭން ތައްޔާރު،" ރިސްޓޯ ބުނެފައިވެއެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ތަޖުރިބާތަކެއް ލިބުނު ނަމަވެސް، ރިސްޓޯ ބުނެފައި ވަނީ މިހާރުގެ ފުޓުބޯޅަ މުޅިން ބަދަލުވެއްޖެ ކަމަށެވެ.

"ފުޓުބޯޅަ ބަދަލުވެއްޖެ މިހާރު އަހަރެން ޔޫގޯސްލޯވިއާއަށް ކުޅުނުއިރާ ބަލާއިރު. މިއީ މުޅިން އާ ފުޓުބޯޅައެއް. ތަފާތު ފުޓުބޯޅައެއް މިހާރު ކުޅުވަން ޖެހޭނީ ޓީމުގެ ކުޅުންތެރިންގެ ސިސްޓަމަށް ފިޓްވާ. ރާއްޖެއަށް ބަލާއިރު އެންމެ ވަރުގަދަ ސްކޮޑެއް އޮތީ މާޒިޔާގައި. ގައުމީ ޓީމުގެ މޮޅެތި ކުޅުންތެރިންނާއި ބޭރުގެ ކުޅުންތެރިން އެބަތިބި. ވަކި ފޯމިއުލާއެއް މީގައި ނޯންނާނެ. ކާމިޔާބަކީ ވަގުތާއި މަސައްކަތް. ވަގުތެއް ނެތް، އެހެންވީމާ އޮތީ މަސައްކަތް ކުރުން،" ރިސްޓޯ ބުނެފައިވެއެވެ.

ޕްރެޝަރެއް ނެތި ކުޅޭ ފުޓުބޯޅައަކީ ފުޓުބޯޅައެއް ނޫން. ޕްރެޝަރާއެކު ދިރިއުޅެން ޖެހޭނީ. ކޮންމެ މެޗަކަށްވެސް ޕްރެޝަރު އޮންނަން ޖެހޭނެ. އަމިއްލަ ނަފްސަށާއި، ބޭރުން އަންނަ ޕްރެޝަރުވެސް އޮންނަން ޖެހޭނެ. އެކުވެރިންނާއެކު ކުޅޭއިރުވެސް މޮޅުވާން އޮންނަ ޕްރެޝަރު އޮންނާނެ. ދިރިއުޅުމަކީ ޕްރެޝަރެއް. އެއީ ނޯމަލް ކަމެއް. ޕްރެޝަރު އޮންނަން ޖެހޭނެ. އެއީ ދިރިއުޅުމަކީ،
ރިސްޓޯ

ރާއްޖޭގެ ލީގުގައި ކުޅޭ ކުޅުންތެރިންނަކީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވުމަކީ ރިސްޓޯއަށްވެސް އޮތް ބޮޑު ޗެލެންޖެކެވެ. އެކަން ބަދަލުކުރުމަކީ ފިލިޕީންސްގައިވެސް އޭނާ ނެގި މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައިވެސް އެކަން ހިމެނެއެވެ. އެއްބާރުލުން ދޭން މާޒިޔާގެ މެނޭޖުމަންޓް ތައްޔާރަށް އޮތް އިރު، ރިސްޓޯގެ ވިސްނުންވެސް އެގޮތެވެ.

"ފިލިޕީންސްގެ ހާލަތަކީވެސް މިއީ. އެންމެ ބޮޑު ޓާސްކަކަށްވީ ހަމައެކަނި ފުޓުބޯޅައަށް ހުސްކޮށްގެން އުޅޭ، ޕްރޮފެޝަނަލް ޓީމެއް ހެދުން. ފުރަތަމަ މަސައްކަތަކީ ފުޓުބޯޅައަށް ހަދަން ކުޅުންތެރިންނަށް މެނޭޖުމަންޓަށް އެދުނީ ފިލިޕީންސްގައިވެސް. އެކަމަށް އެ ކްލަބު މެނޭޖުމަންޓުންވެސް ހިތްވަރު ދިން. އެއީ ފަރިތަކުރުމުގެ ކުރިން ނޫނީ ފަހުން އެހެން މަސައްކަތްތައް ކުރާނަމަ، ފަރިތަކުރުންތަކުގައި ފުރިހަމައަށް ފޯކަސް ނުކުރެވޭނެ. އެއީ ފުޓުބޯޅަ އަކީ ވަރަށް ޑިމާންޑިން ކަމަކަށްވާތީ. ބެސްޓް ފޯމް ނެރުމަށް 100 ޕަސެންޓް ދޭން ޖެހޭނެ،" ރިސްޓޯ ބުންޏެވެ.

ރިސްޓޯ ހޯދުމަށް އިންޑިއާ ލީގުގެ އިތުރުން މެލޭޝިއާއާއި ތައިލެންޑް ލީގުންވެސް މަސައްކަތް ކޮށްފައިވެއެވެ. މާޒިޔާއިން އޭނާގެ ސޮއި ހޯދުން ވެގެންދާނީ ދިވެހި ފުޓުބޯޅައަށް ކުރިއެރުމަކަށެވެ. މާޒިޔާގެ ފަރާތުން ކޯޗަށް ފުރިހަމައަށް އިތުބާރު ދީފައިވާ އިރު، ރާއްޖޭގެ ފުޓުބޯޅައިގެ ކުރިއެރުމަށް ފެންވަރު ރަނގަޅު ކޯޗުންނާއި ކުޅުންތެރިން ދިވެހި ފުޓުބޯޅައިގައި ހަރަކާތްތެރިވުމަކީ ބޮޑު ހިތްވަރެކެވެ.