ޚަބަރު

ރޭގެ އެކްސިޑެންޓުގައި އަނިޔާވި މީހަކު ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

ރިފާ ހަލީލު

މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ސީ އެމްބިއުލާންސަކާއި މާލެއިން ފުރައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ސީ އެމްބިއުލާންސަކާއި މާލެއިން ފުރައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް، ކަނޑުމަތިން އެކްސިޑެންޓު ވެ، ދެ ލޯންޗުގައި ތިބި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ އިތާފުށި ކައިރިންނެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ލޯންޗް އެކްސިޑެންޓުގައި އަނިޔާވި ތިން މީހަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އެ ތިން މީހުންގެ ތެރެއިން ދެ މީހަކަށް އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އަނެއް މީހާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ 43 އަހަރުގެ ފިރިހެނަކަށް ކަމަށާއި ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް މިވަގުތު ވިދާޅުވެވެން ނެތް ކަމަށެވެ.

މާލެ އާއި ފ. ފީއައްޔާ ދެެމެދު ދަތުރުކުރަމުން އަންނަ "ޑްރީމް" ނަަމަކަށް ކިޔާ ލޯންޗަކާއި މުލިން ފުރައިގެން ދަތުރުކުރި ސީ އެމްބިއުލާންސް އެކްސިޑެންޓްވެފައިވަނީ ރޭ 1:00ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެކްސިޑެންޓް ހިނގި ވަގުތު ސީއެމްބިއުލާންސްގައި އަށް މީހުން ތިބި އިރު އެ ލޯންޗުން ދެ މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. އަދި ލޯންޗުގައި ތިބި ދެ މީހުންގެ ތެރެއިން ލޯންޗު ކެޕްޓަނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.