ލިވަޕޫލުން ރޭ ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބެން ޖެހޭ ދެ ޕެނަލްޓީއެއް ނުލިބި ދިޔަ ކަމުގެ އިޝާރާތެއް ކޯޗު ޔާގަން ކްލޮޕް ދީފިއެވެ.

ރޭގެ މެޗުން ލިވަޕޫލް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. އެއްވަނައިގައި މިވަގުތު އޮތް ނަމަވެސް ލިވަޕޫލް ޖަހާލައި ކުރިއަށް އެރުމުގެ ފުރުސަތު އަތުގައި މެޗެއް އޮތް މެންޗެސްޓާ ޔުނައިޓެޑަށާއި، އަތުގައި ދެމެޗު އޮތް މެންޗެސްޓާ ސިޓީއަށްވެސް އެބައޮތެވެ. ރޭގެ މެޗުން ޕޮއިންޓެއް ހޯދުމަށް ލިވަޕޫލް ކުރި މަސައްކަތުގެ ތެރެއިން ދެފަހަރެއްގެ މަތިން ޕެނެލްޓީއެއް ނުދިނުމުގެ ޝަކުވާ ކުރިތަން ފެނިފައިވެއެވެ.

ދެވަނަ ހާފުގައި ޖޯޖީނިއޯ ވައިނާލްޑަމް ގޯލަށް އަމާޒުކޮށް ޖެހި ބޯޅައެއް ޖެކް ސްޓެފަންސް އަތުގައި ޖެހި ބްލޮކްވިތަން ފެނިގެން ގޮސްފައިވާއިރު، ކައިލް ވޯކާ ޕީޓާސްގެ ޗެލެންޖަކުން ސަޑިއޯ މާނޭ ވަނީ އޭރިއާ ތެރެއަށް ވެއްޓިފައެވެ. ރެފްރީ ނިންމާފައިވަނީ މާނޭ ޑައިވް ކުރި ކަމަށެވެ.

"އަތުގައި ޖެހުނު ބޯޅައަކީ ސީދާ ޕެނެލްޓީއެއް. އަހަރެން ވަރަށް ރީތިކޮށް ބުނަންވެސް ބުނިން ބަދަލު ރެފްރީ ކައިރީގައި. އޭނާ ބުނި ވީއޭއާރްވެސް ބެލި ކަމަށް، އެއީ ޕެނެލްޓީއެއް ނޫން ކަމަށް،" ކްލޮޕް ބުނެފައިވެއެވެ.

ކްލޮޕް ބުނެފައި ވަނީ މެޗުގެ ރެފްރީ އެންދްރޭ މާރީނޭ މާނޭއާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަށް ނޫންކަން އެންމެންނަށްވެސް އެނގޭ ކަމަށާއި، އެކަންކަން ރަނގަޅު ކުރަން ޖެހޭކަމަށެވެ.

"އަހަންނަށް އެނގިފައިވާ ގޮތުގައި، ޔުނައިޓެޑަށް މިދިޔަ ދެ އަހަރު ތެރޭ ލިބުނު، އަހަންނަށް ފަސް އަހަރު ދުވަހު ނުލިބޭހާ ގިނަ ޕެނެލްޓީ. އަހަރެންގެ މައްސަލައެއް ކަމެއް ނޭނގެ. އެކަން ހިނގަމުންދާ ގޮތެއްވެސް ނޭނގެ،" ކްލޮޕް ބުނެފައިވެއެވެ.

ކްލޮޕް ބުނެފައި ވަނީ އެއްވެސް ހާލެއްގައި ދަށްކޮށް ކުޅުނު މެޗުން ރެކި ގަންނަން އުޅެނީ ނޫން ކަމަށާއި، ރޭގެ މެޗުގައި ކުޅުނު ކުޅުން ދަށްކަން ފާހަގަ ކުރާ ކަމަށެވެ. އެހެން ނަމަވެސް ނިންމުންތައް ގޯސް ވުމުން އެކަމަށް ކަންބޮޑުވާ ކަމަށް ކްލޮޕް ބުނެފައިވެއެވެ.

2018-19 ސީޒަނަށްފަހު އެންމެ ގިނައިން ޕެނެލްޓީ ލިބިފައިވާ ޓީމުތައް

މެންޗެސްޓާ ޔުނައިޓެޑް 32

ލެސްޓާ ސިޓީ 24

މެންޗެސްޓާ ސިޓީ 18

ލިވަޕޫލް 17